އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެބޮޑު އެއް އަމާޒަކީ ވީއައިއޭގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމެވުން ކަމުގައި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ވެލާނާ އިންޓަރ ނޭޝަނަލް އެއަޕޯޓްގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ޑރ. މުއިއްޒު އިއްޔެ ވަޑައިގެންނެވުމާއި ގުޅިގެން ޝިޔާމް ވިދާޅުވީ މިކަމުންވެސް ހާމަވަނީ ޑރ. މުއިއްޒު މިމަޝްރޫޢު ވީހާވެސް އަވަހަށް ނިންމެވުމަށް ބޭނުންވާ މިންވަރު ކަމަށެވެ. އެމަނިކުފާނު އެންމެ އިސްކަން ދެއްވާ މަޝްރޫޢުތަކުގެ ތެރޭގައި މިމަޝްރޫޢު ހިމެނޭކަމީ މިކަމުން ސާފުވާ އެއްކަންތައް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާޓާރމިނަލް މަސައްކަތަކީ ރައީސް ޔާމީންގެ ޒަޢާމަތުގައި ފެށުނު ރާއްޖޭގެ އެންމެ ބޮޑު ތަރައްޤީގެ މަޝްރޫޢު. ތަފާތު އެކި ސަބަބަތަކާހުރެ މަޝްރޫޢުގެ މަސައްކަތްވަނީ ވަރަށް ބޮޑަށް މަޑުޖެހިފައި. ރާއްޖޭގެ އިޤްތިޞާދު ހިންދެމިލަން އެންމެ ބޮޑު ދައުރެއް އަދާކުރާނެ މި މަޝްރޫޢު ވީހާވެސް އަވަހަށް ނިންމަވާ ޚިދުމަތް ފެއްޓެވުމަކީ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެބޮޑު އެއް އަމާޒު. ސައިޓަށް ވަޑައިގެން މަޝްރޫޢު އަމިއްލަފުޅަށް ބައްލަވައިލެއްވުމަކީ މަޝްރޫއު ބާރަށް ކުރިޔަށް ގެންދަވާނެ ކަމުގެ އަލިގަދަ ދަލީލެއް.
– ޝިޔާމް ވިދާޅުވިއެވެ.
ޑރ. މުޢިއްޒު ވަނީ ވީއައިއޭގެ އައު ޓަރމިނަލްގެ ޢަމަލީ މަސައްކަތްތައް ކުރިއަށްދާގޮތަށް ބައްލަވާލެއްވުމަށް، ވީއައޭއަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތަށްފަހު މީޑިއާތަކާއި ވާހަކަފުޅުދައްކަވަމުން އިންތިޚާބީ ރައީސް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު މި 5 އަހަރު މަޑުޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ ވީ.އައި.އޭ އައު ޓަރމިނަލްގެ ޚިދުމަތް ނުފެށި ލަސްވުންކަމަށެވެ.
ވީ.އައި.އޭ އައު ޓާރމިނަލްގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާ އެމަނިކުފާނު ވަނީ މި ޕްރޮޖެކްޓް ހިންގާ ސަޢޫދީ ބިންލާދީން ގްރީޕުގެ، ޕްރޮޖެކްޓްގެ އިސް ފަރާތްތަކާއި ބައްދަލުކުރައްވާ ފަހުގެ މަޢުލޫމާތު ހޯއްދަވާފައެވެ. މަސައްކަތްތައް ބައްލަވާލެއްވުމަށްފަހު މީޑިއާތަކާއި ވާހަކަފުޅުދައްކަވަމުން އިންތިޚާބީ ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޕްރޮޖެކްޓް ފަށާ މިވީ 5 އަހަރުގެ ތެރޭގައި މިހާތަނަށް ނިމިފައިވަނީ %54 މަސައްކަތްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މި ޕްރޮޖެކްޓް 2017 ވަނަ އަހަރު ފެށީ، މިއަހަރުގެ ތެރޭގައި ޓަރމިނަލް މަސައްކަތް މުޅިން ނިންމާ ބޭނުންކުރެވޭނެ ޕްލޭނާއެކުކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ މަސައްކަތްތައް ކަނޑައެޅި ޓައިމްލައިނަށްވުރެ ވަރަށް ބޮޑަށް ލަސްވެގެން ގޮސްފައިވާކަން ޑރ. މުޢިއްޒު ފާހަގަކުރެއްވިއެވެ.
މިހާރުގެ ޓައިމްލައިނަށް ބަލާއިރު، ޓަރމިނަލް ނިންމުމަށް ކަނޑައަޅާފައިވަނީ 2025 ވަނަ އަހަރުގެ ޖޫން، ޖުލައިއަށެވެ. އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޢަމާޒަކީ އަންނަ އަހަރުގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން އަންނަންވާއިރަށް އެއަރޕޯޓްގެ މަސައްކަތް މުޅިން ނިންމާލުންކަމަށެވެ. އެމަނިފާނު ވިދާޅުވީ، މަސައްކަތްތައް މެކުހަށް ޖެހިއްޖެނަމަ، މިއީ ޙާސިލު ނުކުރެވޭނެ ޢަމާޒެއް ނޫންކަމަށެވެ.
ޑރ. މުޢިއްޒު ވިދާޅުވީ، މި މަޝްރޫޢަށް ކިތަންމެ ބޮޑު ހޭދައެއް ކުރަންޖެހުނުނަމަވެސް، މިއީ ރާއްޖޭގެ އިޤްތިޞާދު ނަގާ ކޮޅަށްޖެހުމުގައި އެންމެ މުހިންމު މަސައްކަތްކަމަށެވެ. ނުރަސްމީ ދަތުރުފުޅެއްގައި އިންތިޚާބީ ރައީސް، އަބޫދާބީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މި މަޝްރޫޢަށް ވަނީ އިތުރު 80 މިލިއަން ޑޮލަރު ހޯއްދަވާފައެވެ.
މި ފައިސާ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން ސަރުކާރުންވެސް ދާއިފަހުން ވަނީ މި ޕްރޮޖެކްޓަށް ސަޢުދީ ފަންޑްގެ އެހީގައި 100 މިލިއަނަށް ޑޮލަރު ހަމަޖައްސަވާފައެވެ. މި ޕްރޮޖެކްޓް ކުރިއަށްދާގޮތަށް ބެއްލުވުމަށް، އެމަނިކުފާނު ވަނީ ދެފަހަރެއްގެ މަތިން، ކޮންޓްރެކްޓަރު ސަޢުދީ ބިންލާންދީން ގްރޫޕާވެސް ބައްދަލުކުރައްވާފައެވެ.