ފަލަސްތީނަށްޓަކައި އަންހެނުންގެ ޖަޒުބާތީ، ތަފާތު ހިނގާލުމެއް

ފަލަސްތީނަށްޓަކައި އަންހެނުންގެ ޖަޒުބާތީ، ތަފާތު ހިނގާލުމެއް

Author
މުޙައްމަދު ޝަޒައިމް
03 ނޮވެމްބަރ 2023 07:30
0

ފަލަސްތީނުގައި ޝަހީދުވާ ކުޑަކުދިންގެ ހައްގުގައި "ފަަލަސްތީނާ އެކު ކަނބަލުން" ހިނގާލުން މިއަދު ހަވީރު ބާއްވައިފިއެވެ.

ފަލަސްތީނުގެ ދިދަ އާއި އެގައުމަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައިވާ ޕޯސްޓަރުތަކާ އެކު މި ހިނގާލުން ބޭއްވީ ރަސްފަންނު ސަރަހައްދުން ފެށިގެން މަޖީދީ މަގުން އާޓިފިޝަލް ބީޗާ ހަމައަށެވެ. ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވި އެ ހިނގާލުމުގައި ފެނިގެންދިޔައީ ތުއްތު ކުދިން ނިޔާވެފައިވާ މަންޒަރު ދައްކުވައިދިނުމުގެ ގޮތުން ހުދު ފޮތިގަނޑުން ކަފުންކޮށްފައިވާ ގޮތަށް ގަބުރުތައް ހިފައިގެން ތިއްބަ އެވެ. އޭގައި ލޭ ހުރި މަންޒަރު ވެސް ފެނެއެވެ.

އެހެން ހިނގާލުންތަކާ މި ހިނގާލުމުގެ އެންމެ ތަފާތަކީ، ހިނގާލުމުގައި ބައިވެރިވި ކަނބަލުންގެ އަތްތަކުގައި ފަލަސްތީނުގެ މަރުވާ ކުޑަކުދިން ރަމްޒުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ ފޮތިތަކެއް ހިފައިގެން ތިބި ކަމެވެ. ޔަހޫދީންގެ ލާއިންސާނީ އަނިޔާގައި މަރުވާ ކުޑަކުދިންގެ ހައްގުގައި އެ ކަނބަލުން ވަނީ އަޑު އުފުލާފައެވެ.

އަޅުގަނޑުމެންނަށް ފެނިގެން އެ ދަނީ މާބަނޑު އަންހެނުން ވެސް ބަނޑަށް ދަރިފުޅު މަރުވެގެންދާ މަންޒަރު. އެތައް މައެއްގެ ދަރިން އެ މައިންގެ ކުރިމަތީ މަރަމުން އެ ދަނީ. އެއީ ބަލަން ފަސޭހަވާނެ މަންޒަރެއް ނޫން. އެހެންވީމަ އަޅުގަނޑުމެން މިއަދު ނުކުމެ މިތިބީ ފަލަސްތީނު ރައްޔިތުންގެ ހައްގުގައި އެ މީހުންނާ އެކު އަޅުގަނޑުމެން ވެސް އެބަ ތިބިކަން ދައްކާލުމަށްޓަކައި.

– ހިނގާލުމުގައި ބައިވެރިވި ކަނބަލަކު ބުންޏެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 9,227 މީހަކު ވަނީ ޝަހީދުވެފަ އެވެ. އޭގެ ތެރޭގައި އޭގެ ތެރޭގައި 3,826 ކުޑަކުދިންނާއި 2,405 އަންހެނުން ހިމެނެ އެވެ. އަދި 32,516 މީހަކަށް އަނިޔާވެފައިވާއިރު އޭގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.

އިސްރާ އެސޯސިއޭޝަނުން އިސް ނަގައިގެން އެހެން ޖަމިއްޔާތަކާ ވެސް ގުޅިގެން ބޭއްވި މި ހަރަކާތް އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަކުރީ މިވަގުތު ފަލަސްތީނުގައި އެންމެ ހާލުގައި އަދި އެންމެ އަނިޔާ ލިބެމުންދާ ބަޔަކީ އެމީހުންނަށްވާތީއެވެ. އެއްވުމުގައި ކަނބަލުން ބުނީ ހަނގުރާމައެއް ކަމަށް ބުނެ ބޮން އަޅަމުންދަނީ ހަތިޔާރެއް ނެތް ނިކަމެތި ރައްޔިތުންނަށް އަމާޒުކޮށް ކަމަށެވެ. އެ ހަރަކާތް ނިންމާލާފައި ވަނީ އަނިޔާވެރިންގެ ކިބައިން ފަލަސްތީނު މިނިވަންކުރުމަށް އެދި ކުރި ދުއާއަކާ އެކުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.