ފަލަސްތީނުގެ މިނިވަންކަމުގެ ހައްޤުގައި ޖިހާދުކުރާ މުޖާހިދުންނާއި ހައްދުފަހަނަ އަޅައިފައިވާ ޔަހޫދީންގެ ދައުލަތާއި ކުރަމުންދާ ހަނގުރާމައިގައި ކުށެއްނެތް މައުސޫމް އެތައް ފުރާނައެއް ޔަހޫދީން ނަގާލައި ހިންގަމުންދާ އިންސާނިއްޔަތާއި ޚިލާފް އަނިޔާއާއި ދެކޮޅުކަން ހާމަކޮށް، ފަލަސްތީނު ރައްޔިތުންނާއެކު ދެމި ތިބޭނެ ކަމަށް ސައުދީ އަރަބިއްޔާ އިން ބުނެފިއެވެ.
ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނާ ދެކޮޅަށް ހައްދު ފަހަނައަޅައިފައިވާ ޔަހޫދީން ދެމުން މިދާ އަނިޔާވެރި ހަމަލާތަކަކީ މިހާތަނަށް އެ އަނިޔާވެރި ދައުލަތުން ފަލަސްތީނަށް ދޭ އެންމެ ވަރުގަދަ ވައިގެ ހަމަލާތަކެވެ. ފަލަސްތީނުގެ މީހުން ދިރިއުޅޭ އިމާރާތްތަކަށް އެއްވެސް އިންޒާރެއްނެތި ޔަހޫދީން ދަނީ އަލިފާނުގެ ވާރޭ އޮއްސަމުންނެވެ. ފަލަސްތީނުގެ ހިތްވަރުގަދަ މުޖާހިދުންވަނީ މިގޮތަށް ހަމަލާދޭ ކޮންމެ ފަހަރަކު ޔަހޫދީންގެ ޤައިދީއަކު މަރާލާނެ ކަމުގެ އިންޒާރު ޔަހޫދީންނަށް ދީފައެވެ.
ސައުދީ ވަލީ އަހުދު އަދި އެގައުމުގެ ބޮޑުވަޒީރު، މުހައްމަދު ބިން ސަލްމާން ފޯނުން ގުޅުއްވާ ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާ ދެއްކެވި ވާހަކަފުޅުގައި ވަނީ ފަލަސްތީނުގެ ގާޒާ އާއި އެގައުމުގެ އެހެނިހެން ސަރަހައްދުތަކުގެ ހާލަތު ގޯސްވެ އާންމުން ނުރައްކަލަށް ހުށަހެޅުމާއި ސަރަހައްދުގެ ހަމަޖެހުން ގެއްލިދާނެތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އަދި ސައުދީން ކަމާގުޅޭ އެކި ފަރާތްތަކާއި ވާހަކަ ދައްކައިގެން މިހާރުގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކާ ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށާއި ސައުދީން ފަލަސްތީނު ރައްޔިތުންނާއެކު ދެމި ތިބޭނެ ކަމުގެ ޔަގީންކަން ވެސް ވަލީ އަހުދު ދެއްވިއެވެ. އަދި ފަލަސްތީނު ރައްޔިތުންނަށް ހައްގުތައް ހޯދައިދީ ހަމަޖެހުން ގެނެސްދިނުމުގައި ސައުދީ ދެމި އޮންނާނެ ކަމަށް ވިދާޅުވިއެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައި ވާގޮތުން، ހަމަލާ ބަދަލުކުރުންތަކުގެ ތެރޭގައި އިސްރާއީލުގެ 800އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން 500އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ރިޕޯޓުކޮށްފައި ވާގޮތުން، 510 ފަލަސްތީނު ރައްޔިތުން ވަނީ އިސްރާއީލުގެ ހަމަލާތަކުގައި މަރާލާފައެވެ. އަދި 2،751 މީހުންނަށް އެކިވަރުގެ އަނިޔާ ލިބި ފަރުވާދެމުން ދާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އިސްރާއީލުން މައުލޫމާތު ދޭގޮތުގައި، ހަނގުރާމާގައި އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 800އަށް އަރާފައެވެ. އަދި 2،200އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
އިސްރާއީލުން މިހާރު ހަމާސްއަށް ހަމަލާދޭން ކަމަށް ބުނެ، ފަލަސްތީނުގެ ރައްޔިތުންނަށް ބެލުމެއް ނެތި، އިމާރާތްތައް ބިމާއި ހަމަ ކުރަމުން އަންނާތީ ހަމާސްއިން ވަނީ އެމީހުންގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލުގެ މުޖާހިދުން މަރާލާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ. ނަމަވެސް އިސްރާއީލުން ނިންމާފައި ތިބީ، އެމީހުންގެ މީހުން މަރުވި ކަމުގައި ވިއަސް ހަމަލާތައް ދިނުމަށެވެ.
އދ.ން ހާމަކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން، ހަނގުރާމައިގެ ސަބަބުން ޣައްޒާގެ 123،000ށްވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.
ކޮމެންޓު ފޮނުވާ