ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާ އެކު: ސަރުކާރު

ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާ އެކު: ސަރުކާރު

Author
އަހުމަދު
08 އޮކްޓޯބަރ 2023 09:40
0

ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން އަބަދުވެސް އޮންނާނީ ފަލަސްތީނާއެކުގައި ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފަލަސްތީން ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ އެ ގައުމުގެ އެންމެ ވަރުގަދަ އެއް ޖަމާއަތް ކަމަށްވާ ހަމާސް ޖަމާއަތުން އިސްރާއީލަށް އަމާޒުކޮށް ދޭން ފެށި ހަމަލާތަކާ އެކުގައި އިސްރާއީލުން ރުޅިގަދަވެ، ފަލަސްތީންގެ ޣައްޒާ އަށް ދަނީ ބޮން އަޅަމުންނެވެ.

ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ  ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން އަބަދުވެސް ތިބޭނީ ފަލަސްތީނާ އެކުގައި ކަމަށެވެ. އަދި ފަލަސްތީނުގެ ބިންތައް އިސްރާއީލުން ހިފަމުންދަނީ އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ހިލާފަށް ކަމަށް ގަބޫލުކުރާ ކަމަށް ބަޔާނުގައިވެއެވެ.

ފޮރިން މިނިސްޓްރީން ބުނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ސުލްހަވެރި ދާއިމީ ހައްލެއް ލިބެން އޮތީ "ޓޫ ސްޓޭޓް" ވުޖޫދަށް ގެނެސް، 1967 ގައި ކަނޑައަޅާފައިވާ ގޮތަށް އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެގެން ކަމަށެވެ.

އަލްޖަޒީރާއިން އެންމެފަހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަދު ފަލަސްތީނުގެ ހަމާސް ޖަމާއަތާއި، އިސްރާއީލާ ދެމެދު ހިނގަމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 232 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާއިރު، 250 އަށް ވުރެ ގިނަ އިސްރާއީލް މީހުން ވަނީ މަރުވެފައެވެ.

ހަމަލާތަކާއިގުޅިގެން އިސްރާއީލުން ގަދަބާރުން ހިފާފައިވާ ފަލަސްތީނުގެ ބިންތައް މިހާރުން މިހާރަށް ފަލަސްތީންގެ ރައްޔިތުންނަށް ދިނުމަށާއި އެ ބިންތަކުގައި ތިބި އިސްރާއީލްގެ ސިފައިން ފޭބުމަށް ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގޮވާލައްވައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.