ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ހުއްދަ ދިނީ 10 ދުވަހަށް ކަމުގައި ކަރެކްޝަންސް އިން ބުނެފިއެވެ.
ކަރެކްޝަންސް އިން ބުނީ މަނީ ލޯންޑްރިންގެ ކުށުގައި ހުކުމްތަންފީޛް ކުރަމުންދާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބް ޢަބްދުލް ޣަފޫރު، ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ މެޑިކަލް ބޯޑުގެ ލަފައާއެކު އޭނާ ރާއްޖެއިން ބޭރަށް ދާން ހުއްދަ ދީފައިވާކަމަށެވެ.
އަދި ރާއްޖެއިން ބޭރުގައި އަދީބު ހުންނަ މުއްދަތުގައި ކަރެކްޝަނާއި، ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މޮނިޓަރ ކުރަމުން ގެންދާނެ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.
އަދީބު ވަނީ ދާދި ފަހުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ވެސް ހޯދައިފަ އެވެ. އޭނާ ހޮސްޕިޓަލުން ދޫކޮށްލީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ކުށް ސާބިތުވެ 20 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ އަދީބު ޖަލުން ގެއަށް ބަދަލުކުރީ ވެސް އޭނާގެ ސިއްހީ ހާލަތާ ގުޅުވައިގެންނެވެ. އޭނާގެ ޖަލުހުކުމް ގޭބަންދުގައި ފުރިހަމަ ކުރަން ދޫކޮށްފައި ބަހައްޓާތީ ސަރުކާރަށް އަމާޒުވި ފާޑުކިއުންތަކާ ގުޅިގެން ހޯމް މިނިސްޓްރީން ކުރިން ބުނެފައި އޮތީ އޭނާ ގެއަށް ބަދަލުކުރީ ނިދާ އިރު މެޝިނެއް ބޭނުންކުރަން ޖެހޭތީ ކަމަށެވެ.
އަދީބު ފުރަތަމަ ގެއަށް ބަދަލުކުރަން ހައިކޯޓުން 2018 ވަނަ އަހަރު އަމުރުކުރީ އޭނާއަށް އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބޭ ކަމަށް ބުނެ އޭނާގެ ފަރާތުން އެކޯޓަށް މައްސަލައެއް ހުށަހެޅުމުންނެވެ.
ކޮމެންޓު ފޮނުވާ