ވޯޓުލުމަށް ބޭނުވާ ރަސްމީ ލިޔުންތަކުގައި "އީފާސް" އަދި ނުހިމެނޭ!

ވޯޓުލުމަށް ބޭނުވާ ރަސްމީ ލިޔުންތަކުގައި "އީފާސް" އަދި ނުހިމެނޭ!

ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ބޭނުންކުރާ ރަސްމީ ލިޔުންތަކުގައި "އީފާސް" ނުހިމެނޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ނޫސްވެރިންނަށް ބޭއްވި "އިލެކްޝަން ރިޕޯޓިން ޓްރޭނިން" ގައި މައުލޫމާތު ދެއްވަމުން އެ ކޮމިޝަނުން ބުނީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ބޭނުންކުރެވޭނީ ރަސްމީ 4 ލިޔުމެއް ކަމަށެވެ.

އެގޮތުން ރަސްމީ ލިޔުމުގެ ގޮތުގައި ބަަލައިގަންނާނީ މީގެކުރިންވެސް ބަލައިގަންނަމުން ގެންދިޔަ އައިޑީ ކާޑާއި ޕާސްޕޯޓާއި ލައިސަންސް ކާޑުގެ އިތުރުން ޕާސްޕޯޓު ކާޑެވެ.

އެ ކޮމިޝަނުން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ގާނޫނުގައި "އީފާސް" ބޭނުންކުރާގޮތަށް ހަމަޖެހިފައި ނުވާ ކަމަށާއި ނަމަވެސް ކުރިއަށް ހުރި އިންތިޚާބުތަކުގައި އީފާސް ބޭނުންކުރުމާއި މެދު ގޮތެއް ނިންމާނެ ކަމަށެވެ.

"ބައެއް މުވައްސަސާތަކުން އީފާހަކީ ރަސްމީ ލިޔުމެއްގެ ގޮތުގަ މިހާރު ބަލައިގަނޭ. އެކަމަކު މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އަދިއޮތީ އީފާހަކީ ރަސްމީ ލިޔުމެއްގެ ގޮތުގައި ބަލައިގަންނަގޮތަކަށް ނޫން." އީސީ ގެ އޮފިޝަލަކު ވިދާޅުވިއެވެ.

ރާއްޖޭގައި އޮންލައިންކޮށް ކުރާ ގިނަ މުޢާމަލާތުތަކަށް ރަސްމީ ލިއުމެއްގެ ގޮތުގައި މިހާރު އީފާސް ބަލައިގަނެއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އަދި ދެވަނަ ބުރަކަށް ދާންޖެހިއްޖެނަމަ، ސެޕްޓެމްބަރު 30 ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ. ގާނޫނުގައި ބުނާގޮތުން އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް އެކަމަށް އެދި ހޯމު ހުށަހަޅަން 14 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *