މަންޑޭގެ ޕާސްޕޯޓު ދޫކޮށްލައިފި

މަންޑޭގެ ޕާސްޕޯޓު ދޫކޮށްލައިފި

ހުޅުމާލޭގައި ހަދަމުން އަންނަ ކޭ-ޕާކް ރެސިޑެންސްގެ ލޯކަލް އެޖެންޓުގެ ގޮތުގައި މަސައްކަތްކުރި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކަސްޓަމަރުންނަށް އޮޅުވާލި ކަމަށް ތުހުމަތުކުރާ މައްސަލައިގެ ތަހުގީގުގައި އެ ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހް (މަންޑޭ)ގެ، ފުލުހުން ހިފަހައްޓާފައިވާ ޕާސްޕޯޓު ދޫކޮށްލުމަށް ކުރިމިނަލް މިއަދު އަމުރު ކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކަސްޓަމަރުންނަށް އޮޅުވާލި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި މަމްދޫހު ފުރުން މަނާކުރުމަށް ކޮށްފައިވާ އަމުރު ކުރިމިނަލް ކޯޓުން ބާތިލް ކޮށްފައިވާކަމުގައެވެ. އަދި ކޯޓުގެ މިނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ޕީޖީގައި އެދޭނެކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މަންޑޭގެ ޕާސްޕޯޓް ހިފެހެއްޓީ ހަންބޯ ކުންފުނީގެ އަނެއް ހިއްސާދާރު ކަމަށްވާ ޝިއުން ޖިންއާ މައްސަލަޖެހި އޭނާގެ ފަރާތުން ބޮޑެތި ތުހުމަތުތަކެއް ކޮށް މައްސަލަ ފުލުހުން ހުށަހަޅާފައި ވަނިކޮށެވެ. އަދި މަޝްރޫއު ހަވާލުކުރި އާބަންކޯ އިން ވެސް ވަނީ ތުހުމަތުތައް ތަހުގީގުކޮށްދޭން އެދި ޕޮލިހަށް ހުށަހަޅައިފައެވެ.

ތަހުގީގު ކުރިއަށްދާތީ ފުލުހުންގެ އެދުމަށް ކޯޓުން އަމުރު ނެރެ މަންޑޭގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ފާއިތުވި މޭމަހުއެވެ. ކުންފުނީގައި މަންޑޭ ހިއްސާވަނީ ފަސް ޕަސެންޓެވެ. އަނެއް 95 ޕަސެންޓު ހިއްސާވަނީ ޗައިނާ މީހެއް ކަމަށްވާ ޝިއުން ޖިންއެވެ. އޭނާ އަކީ ކޭ-ޕާކް މަޝްރޫއުގެ ކޮންޓްރެކްޓަރު ވެސް މެއެވެ.

ހުޅުމާލޭގައި މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސްއެއް ތަރައްގީ ކުރުމަށް ހަންބޯ ޓެކް ކޮރެއާ އާއި އާބަންކޯއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ އޮކްޓޯބަރު 9، 2016 ގައެވެ.

ހަންބޯ ކުންފުނިން މީގެކުރިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޭޕާކްގެ އެޕާޓްމަންޓުތައް އެ ކުންފުންޏަށް ނޭނގި، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި ހީލަތާއި އޮޅުވާލުމުގެ ތެރެއިން ވިއްކާފައިވާ ކަން އެނގިފައިވާ ކަމަށެވެ. އަދި އެކަން ކުރި ކަމަށް ތުހުމަތުކޮށްފައި ވަނީ މަންޑޭ އަށެވެ.

ކޭ-ޕާކް ނިންމައި، ކަސްޓަމަރުންނަށް ތަން ހަވާލުކުރުމަށް މިހާތަނަށް އެކި ފަހަރު އެކި ތާރީހުތައް ދީފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *