ސަރުކާރުގެ ސިޔާސަތުގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ލިސްޓު މިއަދު އާންމުކުރައްވާނެކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، މާލޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލާން ފުރުޞަތު ހުޅުވާލީ މިދިޔަ އަހަރުގެ ޖޫންމަހުގެ 26 ވަނަ ދުވަހުއެވެ. އަދި ފޯމް ހުށައެޅުމުގެ ސުންގަޑި މިދިޔަ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހަށް ވަނީ ހަމަވެފައެވެ. މާލޭގެ ބޯހިޔާވަހިކަމަށް ހުޅުވާލި ފުރުޞަތުގައި ފްލެޓަށް އެދި 20697 އެޕްލިކޭޝަންވަނީ ހުށައަޅާފައެވެ. އަދި ގޯއްޗަށް އެދި 15164 އެޕްލިކޭޝަން ވަނީ ހުށައަޅާފައެވެ.
ބިންވެރިޔާ މަޝްރޫޢުގެ ދަށުން ދޫކުރާ ގޯތީގެ މަޢުލޫމާތު ޙިއްޞާކުރުމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓަކްޗަރ އަދި ގެދޮރުވެރިންގެ ކޮމިޓީގެ މެންބަރުން މިއަދު 16:00 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާނެކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
Sarukaaruge boahiyaavahikamuge siyaasathuge dhashun Male Rahvehinnah goathi dhinumuge “Binveriya” scheme list iulaan kuruma gulhey gothun baavvaa haassa press eh miadhu haveeru 4 jahaa iru Raees offihugai onnaane. Mi press TV thakun vaguthun dhahkaane. 1/2
— Akram Kamaludeen (@Akramkdeen) June 26, 2023
މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ބިމާއި ފްލެޓް ދޭނެ ފަރާތްތަކަށް ކަނޑައެޅުމަށްޓަކައި "ގެދޮރުވެރިންގެ ކޮމިޓީ"ގެ ނަމުގައި ކޮމެޓީއެއް އެކުލަވާލާ މިދިޔަ ފެބުރުއަރީ މަހުގައި ވަނީ ކޮމެޓީގެ މަސައްކަތް ފަށްޓަވާފައެވެ.
"ގެދޮރުވެރިން" މި ނަމުގައި ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމުގެ ތެރެއިން މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޫކުރަން ހަމަޖެހިފައިވަނީ ސަރުކާރުގެ "ބިންވެރިޔާ ސްކީމް" އާއި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެއާއި ގުޅީފަޅުންނެވެ. މި ޕްރޮގްރާމްގެ ދަށުން ހުޅުވާލާފައިވަނީ 4000 ފްލެޓާއި، 3000 ގޯއްޗަށް ކުރިމަތިލުމަށެވެ. މީގެތެރެއިން 1000 ގޯއްޗާއި، 4000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ. އަދި ބާކީ 2000 ގޯތި ދޫކުރުމަށް ނިންމާފައި ވަނީ ގުޅީފަޅުންނެވެ.
މިހާރު ދިނުމަށް ނިންމާފައިވާ 5000 ގޯތީގެ އިތުރުން މާލެ ސަރަޙައްދުން އިތުރު ގޯތި ދިނުމަށް ނިންމަވާފައިވާކަން މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވަނީ އިއުލާންކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ