ޗެމްޕިއަންސް ލީގުގައި ޗެލްސީން ރަށުން ބޭރުގައި ސެވިއްޔާ އަތުން 4-0 އިން މޮޅުވެ ގްރޫޕް އީގެ އެއް ވަނަ ކަށަވަރުކޮށްފި އެވެ.
ސެވިއްޔާ ދަނޑުގައި ރޭ ޗެލްސީގެ ހަތަރު ގޯލު ޖެހީ ވެސް މި ސީޒަނުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ އޮލިވިއޭ ޖިރޫޑްއެވެ. އޭނާ އިނގިރޭސި ދެ ކްލަބެއްގައި ހުރެ ޗެމްޕިއަންސް ލީގުގެ ހެޓްރިކެއް ހެދި ދެ ވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން މައިކަލް އޮވެން ވަނީ ލިވަޕޫލާއި ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުގައި ހެޓްރިކެއް ހަދައިފަ އެވެ. ޖިރޫޑް ކުރިން ހެޓްރިކް ހެދީ އާސެނަލްގެ ޖާޒީގައެވެ. މިއީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަހުން މި މުބާރާތުގެ މެޗެއްގައި ހަތަރު ލަނޑުޖެހި ކުޅުންތެރިޔަކު ޖެހި ފުރަތަމަފަހަރުއެވެ.

ޖިރޫޑް ވަނީ އެންމެފަހުން އޭނާ ކުޅުުނު 5 މެޗުގައި 6 ލަނޑު ޖަހާފައެވެ. އެންމެފަހުން ލީގުގައި އާއި ޗެމްޕިއަންސް ލީގުގައި ފުރަތަމަ ޓީމުގައި ހިމެނިގެން ކުޅުނު 7 މެޗުގައި އޭނާ ވަނީ 9 ލަނޑުޖާހާފައެވެ.
ގްރޫޕް އީގެ އެއް ވަނައިގައި ޗެލްސީ އޮތީ ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓް ހޯދައިގެންނެވެ. ސެވިއްޔާ އަށް ވެސް ދެ ވަނަ ބުރުގެ ޖާގަ ކަށަވަރުވެފައިވާއިރު، އެ ޓީމަށް ފަސް މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތަރު ޕޮއިންޓް ހޯދި ރަޝިއާގެ ކްރަސްނޯޑާ އެވެ. އެ ޓީމު ވަނީ 1-0 އިން ރެނެސް ބަލިކޮށްފަ އެވެ. ރެެނެސް އެންމެ ފުލުގައި އޮތީ ފަސް މެޗުން ޕޮއިންޓަކާ އެކު އެވެ.
ކޮމެންޓު ފޮނުވާ