މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް މޭ މަހުގެ އާމްދަނީގެ ގޮތުގައި 1.71 ބިލިއަން ރުފިޔާ ލިބިއްޖެއެވެ. މި އާމްދަނީއަކީ ފާއިތުވެދިޔަ އަހަރުގެ މޭމަހަށްވރެ 30.4 އިންސައްތަ އިތުރު އަދަދެކެވެ، އަދި މިއީ މޭމަހު ލިބޭނެކަމަށް ކުރިން އަންދާޒާ ކުރެވުނު އަދަދަށްވުރެ 1.8 އިންސައްތަ އިތުރު އަދަދެއްވެސް މެއެވެ.
މީރާއިން ހާމަ ކޮށްފައިވާ ގޮތުގައި، ފާއިތުވި އަހަރުގެ މޭމަހާއި އަޅާބަލާއިރު މިއަހަރުގެ މޭމަހުގެ އާމްދަނީ އިތުރުވެފައިވާ ސަބަބަކީ ޖީއެސްޓީ، ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.
މިގޮތުން މިއަހަރު ފެށުނުއިރު ޖީއެސްޓީގެ ރޭޓަށް ގެނެސްފައިވާ ބަދަލާ ގުޅިގެން ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ ފާއިތުވެދިޔަ އަހަރާއި އަޅާބަލާއިރު އިތުރުވެފަ އެވެ.
ހަމައެއާއެކު ފާއިތުވެދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު، ކޯވިޑަށްފަހު، މިއަހަރުގެ އޭޕްރީލް މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 13.1 ޕަސަންޓް ވަނީ އިތުރުވެފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ފަތުރުވެރިކަމުގެ ދާއިރާއިން ލިބިފައިވާ އާމްދަނީ ފާއިތުވި އަހަރާ އަޅާބަލާއިރު މިއަހަރު ވަނީ އިތުރުވެފައެވެ. އަދި ފަތުރުވެރިންގެ އަދަދަށް އައިސްފައިވާ ކުރިއެރުމާއެކު ޓީޖީއެސްޓީ އަދި އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވެ އެވެ.
މީރާއަށް މެއި މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ޖީއެސްޓީގެ ހިއްސާއަކީ 63.59 އިންސައްތައެވެ. އެއީ 1.09 ބިލިއަން ރުފިޔާ އެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ އާމްދަނީން ނަގާ ޓެކުހުގެ ހިއްސާއަކީ. 12.41 އިންސައްތައެވެ. އެއީ 212.43 މިލިއަން ރުފިޔާ އެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 6.68 އިންސައްތަ ހިއްސާ ކޮށްފައިވެއެވެ. އެއީ 114.34 މިލިއަން ރުފިޔާއެވެ. ގްރީން ޓެކްސްގެ ގޮތުގައި 4.85 އިންސައްތައިގެ އާމްދަނީ ލިބިފައި ވެއެވެ. އެއީ 83.10 މިލިއަން ރުފިޔާއެވެ. ޑިޕާޗަ ޓެކްސްގެ ގޮތުގައި 5.91 އިންސައްތަ ލިބިފައިވާއިރު އެއީ 101.2 މިލިއަން ރުފިޔާއެވެ. އޭގެ އިތުރުން އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 6.55 އިންސައްތަ ނުވަތަ 112.17 މިލިއަން ރުފިޔާ ވެސް ލިބިފައިވެ އެވެ.
މީރާއަށް މިދިޔަ އެޕްރީލްގައި ވަނީ 72.78 މިލިއަން އެމެރިކާ ޑޮލަރުވެސް އާމްދަނީގެ ގޮތުގައި ބަލައިގެންފައެވެ.