ކޭ-ޕަކް ފްލެޓްތައް މިއަހަރު ތެރޭ ދިނުމަށް މަސައްކަތްކުރަނީ

ކޭ-ޕަކް ފްލެޓްތައް މިއަހަރު ތެރޭ ދިނުމަށް މަސައްކަތްކުރަނީ

ހުޅުމާލޭގައި މަސައްކަތުގެ ބޮޑު ބައި ނިންމާފައިވާ ކޭ ޕާކް އެޕާޓްމަންޓްގެ މަސައްކަތްތައް ނިންމައި މިއަހަރުގެ ފަހު ކުއާޓަރުގައި ހަވާލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ފްލެޓްތައް އިމާރާތް ކުރާ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ.

ހަަމްބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "ކޭޕާކް" ރެސިޑެންސްގެ އެޕާޓްމަންޓްތައް ކުންފުންޏަށް އެނގުމެއް ނެތި ވިއްކާފައިވާތީ އާއި ވިއްކުމުގެ މުޢާމަލާތުގައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ސޮއި ފޯޖުކޮށްގެން ހިންގާފައިވާ މުޢާމަލާތްތަކުގެ ޞައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ކުންފުނީގެ ހިންގުމަށް ޙަސަން މަމްދޫޙުގެ ފަރާތުން ކުރިމަތިކުރުވި ހުރަސްތައް ނައްތާލެވިފައިވާ ކަމަށާއި، މިއަހަރުގެ ފަހު ކުއާޓާގައި ކަސްޓަމަރުންނާ ފްލެޓް ޙަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. ހަމްބޯއިން ބުނީ ފްލެޓްތަކުގެ މަސައްކަތް ނިންމުމަށް ކޯޓާ އިތުރުކޮށް ލޭބަރުން ގެނައުމަށް އެ ކުންފުނީގެ ފަރާތުން ފާސްކުރަންޖެހޭ ކަންކަން ފާސްކޮށް ދައުލަތުގެ އިދާރާތައް މެދުވެރިކޮށް އެކަންކަން ކުރަމުންދާ ކަމަށެވެ.

އެގޮތުން ކުރި މަސައްކަތުގެ ދަށުން މިހާތަނަށް ކުންފުނީގެ ފަރާތުން މި މައްސަލައިގައި ކުރެވިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 16 މެއި 2023 ގައި ބާއްވާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެ ކުންފުނިން ބުނީ ކޭޕާކް ޕްރޮޖެކްޓާ ގުޅިގެން މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ކުންފުނީގެ ބޯޑު ބައްދަލުވުން ބޭއްވުމަށް ޙަސަން މަމްދޫޙުގެ ފަރާތުން ކުރިމަތިކުރުވި ގޮންޖެހުންތައް ކަމަށެވެ. އެހެންނަމަވެސް، އޭނާގެ ފަރާތުން ކުރިމަތިކުރުވި ހުރަސްތައް މިހާރު ނައްތާލެވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އެ ހުރަސްތައް ނައްތާލުމަށް ގެނައި ބަދަލުތަކަކީ ކުންފުނީގެ ޙިއްޞާއަށް ބަދަލުތަކެއް ގެނައުމާއި، އާ ޙިއްޞާދާރެއް އިތުރުކުރުމާއި ކުންފުނީގެ ބޯޑަށް ޑިރެކްޓަރަކު އިތުރުކުރުމެވެ.

ހަމްބޯ ކުންފުނިން ބުނީ މިކަމުގެ ސަބަބުން، ކޭޕާކް ޕްރޮޖެކްޓާ ގުޅިގެން އެ ކުންފުނީގެ ފަރާތުން އެޗް.ޑ.ީސީ އަދި ދައުލަތުގެ ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ކުރަންޖެހޭ މަސައްކަތް ބާރުދުވެލީގައި ކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. މީގެ އިތުރުން މީގެ ކުރިން ކޭޕާކް ފްލެޓްތަކާމެދު ޝަކުވާ ހުށަހެޅި ފަރާތްތަކުގެ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރަމުންދާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެހެންނަމަވެސް މަމްދޫޙުގެ ފަރާތުން ކުންފުނީގެ ލިޔެކިޔުންތައް ހިފަހައްޓައި އެލިޔުންތައް ލިބިފައިނުވާތީ އާއި ތަޙްޤީޤަށް އެއްބާރުލުން ނުދީ ހެކި ނައްތާލުމަށް މަސައްކަތްކޮށްފައިވުމުގެ ސަބަބުން ދައުލަތުގެ ކަމާބެހޭ އިދާރާތަކަށްވެސް އެ ލިޔެކިޔުންތައް ފުރިހަމައަށް ލިބިފައި ނުވާކަމަށް އެ ކުންފުނިން ބުނެއެވެ. އެހެންކަމުން ލިޔެކިޔުންތަކުގެ ޞައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތަށް ގިނަ ގޮންޖެހުންތައް ހުރުމާއެކު އެކުންފުނީގެ ފަރާތުން އެދެނީ ދިވެހި ފުލުހުންގެ ޚިދުމަތުން އެދިފައިވާ ފަދައިން އެ އިދާރާއަށް ރިޕޯޓުކޮށް މަޢުލޫމާތު ޙިއްޞަކޮށްދިނުމަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެހެންކަމުން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލުމަށް ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށާއި، ކޭ -ޕާކް ރެސިޑެންސް އާ ގުޅޭގޮތުން ޝަކުވާއެއް އޮތްނަމަ އެ ޝަކުވާ ހުށަހެޅުމަށް 30 ދުވަހުގެ މުއްދަތެއް ދޭން ނިންމާފައިވަކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ ހުޅަނގު ފަރާތުގައި 14 ބުރިއަށް އިމާރާތް ކޮށްފައިވާ ކޭ ޕާކް ރެޒިޑެންސް އަކީ 110 އެޕާޓްމަންޓްގެ އިމާރާތެކެވެ. މީގެތެރޭގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެވެ. ކޭޕާކް ރެސިޑެންސް ބިލްޑިން ހިމެނޭ ބިމަކީ 21،000 އަކަފޫޓްގެ ބިމެކެވެ. އެ ބިލްޑިންގުގައި މީހުން ދިރިއުޅޭ އެޕާޓްމެންޓްތައް ހުންނާނީ 11 ބުރިއެއްގަ އެވެ. އިމާރާތުގެ ބޭސްމަންޓް ޕާކިން އަށް ހާއްސަ ކޮށްފައިވާއިރު ފުރަތަމަ ދެ ބުރި ހާއްސަކޮށްފައި އޮންނާނީ ކޮމާޝަލް ބޭނުން ތަކަށެވެ. މި ކޮންޑެމީނިއަމްގެ މަސައްކަތް ފެށީ 2017 ވަނަ އަހަރުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *