ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޮންޑޮމީނިއަމް "ކޭ ޕާކް ރެޒިޑެންސް" ފްލެޓްތަކުގެ ރާއްޖޭގެ އެޖެންޓް، ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)އަށް ކުރާ ޖިނާއީ ބޮޑެތި ކުށްތަކުގެ ތުހުމަތަށް އިންކާރުކުރައްވާ ކުރެވޭ ތުހުމަތުތަކާ ގުޅިގެން އޭނާ ރައްދު ދީފިއެވެ.
މަންޑޭ މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޖިން ޝީ ހޫއަށް ހަންބޯ މޯލްޑިވްސްގެ %95 ހިއްސާ ވިއްކުމަށްވި އެއްބަސްވުމާއި އެއްގޮތައް ވެސް އޭނާ އަމަލު ނުކުރާ ކަމަށެވެ. ނަމަވެސް ހަންބޯ މާލޭ އޮފީހުގައި ޖިން ޝީ ހޫގެ މުވައްޒަފުން އަބަދުވެސް ތިބޭނެ ކަމަށާއި އެޕާޓްމަންޓްތައް ވިއްކުމަށްފަހު ފައިސާ ޖަމާ ކުރާ އެކައުންޓްތަކުގެ މައުލޫމާތު އެމުވައްޒަފުންނަށާއި ޖިން ޝީ ހޫއަށް ވެސް އެނގޭނެ ކަމަށް މަންޑޭ ބުންޏެވެ.
މަންޑޭގެ ބަޔާނުގައި ބުނީ ޖިން ޝީ ހޫ މަސައްކަތް ކުރީ އޭނާގެ ހިއްސާގެ ތެރެއިން %1 ޗައިނާ މީހެއް ކަމަށްވާ ވޫ ޒީއަށް ދިނުމަށްފަހު ކުންފުނީގެ ސެކެޓްރީއަކަށް ދިވެއްސެއް ކަމަށްވާ ޝިހާހު ސައީދު އައްޔަން ކުރާށެވެ. ނަމަވެސް އެއީ ކުންފުނީގެ ބޯޑުގެ ކޮންޓްރޯލް ނެގުމަށް ކުރަން އުޅޭކަމެއްކަން އެނގޭތީ އެކަމުގެ ލިޔުންތަކުގައި ސޮއި ކުރަން ދެކޮޅު ހަދާފައި ވާނެ ކަމަށް މަންޑޭ ބުނެއެވެ.
އެމައްސަލަތަކާއި ގުޅިގެން ކޮރެއާގެ ހަންބޯ ކުންފުނިން ވަނީ ހަންބޯ މޯލްޑިވްސް އެޖެންޓް ކަމުން މިމަހުގެ 02 ވަނަ ދުވަހު ވަކިކޮށް އެކަން އާބަންކޯ އަށް ވެސް އަންގާފައި ކަމަށް މަންޑޭގެ ބަޔާނުގައި ބުންޏެވެ. މަންޑޭގެ އަބުރު ކަތިލުމަށް ހަންބޯގެ ނަމުގައި ޖިން ޝީ ހޫ ބަޔާން ނެރުނީ އެހެންވެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މަންޑޭ ބުނީ ކޭ ޕާކް ތަރައްގީ ކޮށްފައި ވަނީ ޖިން ޝީ ހޫ ނުވަތަ އޭނާގެ ކުންފުންޏަކުން ވެސް ނޫން ކަމަށެވެ. އާބަންކޯ އަށް ހުށަހަޅަން ޖެހޭ ތަކެއްޗާއި، ހަރަދުތައް ވެސް ކޮށްފައި ވާނީ އަމިއްލައަށް ކަމަށާއި އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ވެސް ދައްކަމުން ގެންދަނީ ޖިން ޝީ ހޫ އާއި ނުބައްސައި މަންޑޭ ކަމަށް އޭނާގެ ބަޔާނުގައި ވެއެވެ.
މަންޑޭގެ ބަޔާނުގައި ބުނީ ކޭޕާކް އިން ފްލެޓް ގަނެފައިވާ ފަރާތްތަކަށާއި އަދި ސަރުކާރުގެ ރަސްމީ އިދާރާތަކަށް ވެސް އޭނާގެ އެއްބާރުލުން ލިބޭނެއެވެ. "އަޅުގަނޑު މިހާރުވެސް މަސައްކަތް ކުރަމުން މިގެންދަނީ ކޭޕާކް ރެސިޑެންސް އިން އެޕާޓްމަންޓްތައް ގަނެފައިވާ ފަރާތްތަކުގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށެވެ." މަންޑޭގެ ބަޔާނުގައި ބުނެފައި ވެއެވެ. މަންޑޭގެ ބަޔާން ނިންމާލަމުން ބުނެފައި ވަނީ ޖިން ޝީ ހޫގެ ބާރެއް ކޭޕާކް ރެސިޑެންޓަކަށް ނޯންނާނެ ކަމަށެވެ.