ހުޅުމާލެ ފުރަތަމަ ފިޔަވަހި ސެންޓްރަލް ޕާކު ކައިރީގައި “ކޭޕާކް ރެޒިޑެންސް” ގެ ނަމުގައި ހަދަމުން އަންނަ ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި ކަމަށް ބުނާ މައްސަލަ ފުލުހުންނަށް ހަހަޅައި، މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނިކޮށް، މައްސަލަޖެހިފައިވާކަމަށް ބުނެ ދޮގު ޚަބަރު ފަތުރަމުން ދަނީ، ޗައިނާގެ ހިއްސާދާރު ޖިން ޝީ ހޫއަށް ފައިސާ ހިފައިގެން ފިލަން ނުދެވުމުން ކަމުގައި ޕާޓްނަރޝިޕްގެ ދިވެހި ހިއްސާދާރު ހަސަން މަޙުމޫދު (މަންޑޭ) ވިދާޅުވެއްޖެއެވެ.
މަންޑޭ މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖިން ޝީ ހޫއަށް ހަންބޯ މޯލްޑިވްސްގެ %95 ހިއްސާ ވިއްކުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އޭނާ އަމަލު ކޮށްފައި ނުވާކަމުގައެވެ. މި ބަޔާނުގައި މަންޑޭ ވިދާޅުވެފައިވަނީ، މިހެން ކަން އޮތްނަމަވެސް، ހަމްބޯ މޯލްޑިވްސްގެ މާލޭ އޮފީހުގައި އަބަދުވެސް ޖިން ޝީ ހޫގެ މުވައްޒަފުން މަސައްކަތް ކުރަމުންދިޔަ ކަމަށާއި، އެޕާޓްމަންޓްތައް ވިއްކުމަށްފަހު ފައިސާ ޖަމާކުރަމުންދިޔަ އެކައުންޓްތަކުގެ މައުލޫމާތު، އޮފީހުގައި މަސައްކަތް ކުރަމުންދިޔަ މުވަޒަފުންގެ އިތުރުން އޮފީހުގައި މަސައްކަތް ކުރަމުންދިޔަ އޭނާގެ މުވައްޒަފުންނަށް އެގޭނެ ކަމުގައެވެ.
މަންޑޭ ތުހުމަތު ކޮށްފައިވާ ގޮތުގައި ޖިން ޝީ ހޫ މަސައްކަތް ކޮށްފައިވަނީ އޭނާގެ ހިއްސާގެ %1 ޗައިނާ މީހެއްކަމަށްވާ ވޫ ޒީއަށް ވިއްކުމަށްފަހު ކުންފުނީގެ ސެކެޓްރީއަކަށް ޝިހާހު ސައީދު ނަކަމަށް ކިޔާ ދިވެއްސެއް ހަމަޖެއްސުމަށް ކަމުގައެވެ. އެހެންނަމަވެސް އެއީ އޭނާ ބޯޑުގެ ކޮންޓްރޯލް ނެގުމަށް ކުރި މަސައްކަތެއްކަން އެގުނު ހިސާބުން ލިޔެކިޔުންތަކުގައި ސޮއިކޮށްފައި ނުވާނެކަމަށް މަންޑޭ ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
މަންޑޭ އިތުރަށް ވިދާޅުވި ގޮތުގައި ޖިން ޝީ ހޫ އޭނާގެ އަބުރު ކަތިލުމަށް ބަޔާން ނެރެފައިވަނީ، ކޮރެއާގެ ހަންބީ ކުންފުނިން އޭޖެންޓްކަމުން ހަމްބޯ މޯލްޑިވްސް މިމަހުގެ 2ވަނަ ދުވަހު ވަކިކޮށް އެކަން އާބަންކޯއާއި ހިސާބުން ކަމުގައެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި ކޭ-ޕާކް ތަރައްގީ ކޮށްފައިވަނީ ޖިން ޝީ ހޫގެ ފައިސާއަކުންނެއް ނޫނެވެ.
މަންޑޭ ވިދާޅުވެފައިވަނީ، މިގޮތުން މި ޕްރިޖެކްޓުގެ ދަށުން އާބަންކޯއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި، ކުރާންޖެހޭ އެހެނިހެން ޚަރަދުތައްވެސް ކޮށްފައިވަނީ އޭނާ އަމިއްލައަށް ކަމަށާއި، ކޮށްފައިވާ ހުރިހާ ޚަރަދެއްވެސް ކޮށްފައިވަނީ ޖިން ޝީ ހޫއާއި ނުބައްސާ ކަމަށެވެ.
މަންޑޭގެ ބަޔާނުގައި އޭނާ ވިދާޅުވެފައިވަނީ، ކޭ-ޕާކްއިން ފްލެޓް ގަނެފައިވާ ފަރާތްތަކުގެ އިތުރުން މިމައްސަލަ ތަހުގީގު ކުރަމުންދާ ދައުލަތުގެ މުވައްސަސާތަކަށްވެސް އޭނާ އެއްބާރުލުން ދެއްވާނެ ކަމުގައެވެ. މިގޮތުން ކޭ-ޕާކްއުން ފެލްޓް ގަނެފައިވާ އެންމެހާ ރައްޔިތުންގެ ހައްގުތައް ފުރުހަމައަށް އަދާކޮށްދިނުމަށް މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި މަންޑޭ ވިދާޅުވެފައި ވެއެވެ.
ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ ހުޅަނގު ފަރާތުގައި 14 ބުރިއަށް އިމާރާތް ކޮށްފައިވާ ކޭ ޕާކް ރެޒިޑެންސް އަކީ 110 އެޕާޓްމަންޓްގެ އިމާރާތެކެވެ. މީގެތެރޭގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެވެ. ކޭޕާކް ރެސިޑެންސް ބިލްޑިން ހިމެނޭ ބިމަކީ 21،000 އަކަފޫޓްގެ ބިމެކެވެ. އެ ބިލްޑިންގުގައި މީހުން ދިރިއުޅޭ އެޕާޓްމެންޓްތައް ހުންނާނީ 11 ބުރިއެއްގައެވެ. އިމާރާތުގެ ބޭސްމަންޓް ޕާކިން އަށް ހާއްސަ ކޮށްފައިވާއިރު ފުރަތަމަ ދެ ބުރި ހާއްސަކޮށްފައި އޮންނާނީ ކޮމާޝަލް ބޭނުން ތަކަށެވެ. މި ކޮންޑެމީނިއަމްގެ މަސައްކަތް ފެށީ 2017 ވަނަ އަހަރުއެވެ.
2 Responses
4 މީހުނަށް 1 ފްލެޓް ވިއްކީ ޖުން ސީ ހެއްޔެވެ؟ އެތަށް އެޕާރޓްމަންޓެއް ތިން ހަތަރު މީހުނަށް ވިއްކާފައި ފައިސާ ނެގީ މަންޑޭ އެވެ. މިއެންމެނަށް ދޭނެ އެޕާރޠްމަންޓެއް އިމާރާތަކު ނެތެވެ. މިއަށް ދޭނެ ޖަވާބެއް ބުނެބަލާށެވެ. ހަމަ އެކަކުވެސް ޖީ ސުން އަކަށް ލާރިއެއް ނުދެއެވެ. ލާރި ދައްކާފައިވާ އެންމެނަށް ދޭނެ އެޕާރޓްމަންޓެއް އިމާރާތަކު ނެތެވެ.
ތިޔަބުނާ ބޭރު އެކަކުވެސް ފިލާކަށެއް ނޫޅެއެވެ. ޕާސްޕޯރޓް ހިފަހައްޓަން ޖެހުނީ މަމަދޫހުގެއެވެ. ސިންގަޕުރުންނާއި ދުބާއީން އެޕާރޓްމަންޓް ގަނެފައި ހުރީ މަމަދޫހެވެ. މިހާރުވެސް އިމާރާތް ހަދަނީ ޗައިނާ އިންވެސްޓަރެވެ. މަމަދޫހެއް ނޫނެވެ. ކިތަންމެ ބޮޑު ބަޔާނެއް ނެރުނަސް އަހަރުންނަކަށް ނޯޅެއެވެ.