ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޭޕާކް ފްލެޓް ރެސިޑެންސްއިން ފްލެޓް ގަތް މީހުންގެ އެއްވެސް ޝަކުވާއެއް އޮތްނަމަ ހުށަހެޅުމަށް ފުލުހުން އަންގައިފިއެވެ.
ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ، ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި އާބަންކޯ އާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ ކޭ.ޕާކް ރެސިޑެންސްގެ އެޕާޓްމަންޓްތައް ހަންބޯ ކުންފުނީގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔެކިޔުންތަކެއް ބޭނުންކޮށްގެން މަކަރާއި ހީލަތުން ކޭ.ޕާކް ރެސިޑެންސް އެޕާޓްމަންޓްތައް އެކި ފަރާތްތަކަށް ވިއްކާ، ލިބުނު ފައިސާއަށް ޚިޔާނާތްތެރި ވެފައިވާކަމަށް ތުހުމަތު ކުރެވިގެން ހުށަހެޅިފައިވާ މައްސަލަ އެ އިދާރާއިން ތަހުގީގް ކުރަމުންދާކަމުގައެވެ.
އަދި މިމައްސަލައާއި ގުޅިގެން ކޭ-ޕާރކް ރެސިޑެންސްއިން އެޕާޓްމަންޓް ގަނެފައިވާ އެއްވެސް ފަރާތަކުން ޝަކުވާއެއް އޮތްނަމަ އެކަން ވީއެންމެ އަވަހަކަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާ ކުރުމަށް ފުލުހުންގެ ބަޔާނުގައި އެދިފައި ވެއެވެ.
ހުޅުމާލޭގައި 14 ބުރިއަށް އިމާރާތް ކުރަމުން އަންނަ "ކޭ ޕާކް ރެޒިޑެންސް" ގެ ލޯކަލް އެޖެންޓް، ހަންބޯ މޯލްޑިވްސްއާ މައްސަލަ ޖެހި، ހަންބޯ މޯލްޑިވްސް ކުންފުނީގެ މައިނޯރިޓީ ހިއްސާދާރުން، އެޕާޓްމެންޓްތަކެއް ވިއްކުމުގެ ނަމުގައި މަކަރާއި ހީލަތް ހަދައި ބޮޑެތި އަދަދުތަކުން ގިނަ ބައެއްގެ އަތުން ފައިސާ ނަގައި ލަނޑުދީފައިވާ މައްސަލައިގައި ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހް (މަންޑޭ) ގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
މަންޑޭގެ ޕާސްޕޯޓް ހިފެހެއްޓީ ހަންބޯ ކުންފުނީގެ އަނެއް ހިއްސާދާރު ކަމަށްވާ ޝިއުން ޖިންއާ މައްސަލަޖެހި އޭނާގެ ފަރާތުން ބޮޑެތި ތުހުމަތުތަކެއް ކޮށް މައްސަލަ ފުލުހުން ހުށަހަޅާފައި ވަނިކޮށެވެ. އަދި މަޝްރޫއު ހަވާލުކުރި އާބަންކޯ އިން ވެސް ވަނީ ތުހުމަތުތައް ތަހުގީގުކޮށްދޭން އެދި ޕޮލިހަށް ހުށަހަޅައިފައެވެ.
ކޮމެންޓު ފޮނުވާ