ރޯދަވެރިޔާގެ ރޯދަ ދޫކޮށްލެވިދާނެ ހާލަތްތަކެއް ވެއެވެ!

ރޯދަވެރިޔާގެ ރޯދަ ދޫކޮށްލެވިދާނެ ހާލަތްތަކެއް ވެއެވެ!

މިއަށްފަހު ރޯދަ ހިފުމާއި ނުހިފުމުގެ މައްސަލާގައި މީސްތަކުން ދިހަ ބަޔަކަށް ބެހިގެންވެއެވެ. ތިރީގައި މި ގެނެސްދެނީ އޭގެ ތެރެއިން 10 ވަނަ ބައެވެ.

ދިހަވަނަ ބައި: ނުރައްކަލަކުން އަނެކާ ސަލާމަތް ކުރުމަށްޓަކައި، ރޯދަ ދޫކޮށްލަން ޖެހިއްޖެނަމަ ރޯދަ ދޫކޮށްލެވިދާނެއެވެ. މިސާލަކަށް މަޢުޞޫމަކު[5] ޣަރަޤުވަނިކޮށް ނުވަތަ އަނދަނިކޮށް ނުވަތަ (އެނޫންގޮތަކުންވެސް) ހަލާކުގެ ތެރެއަށް ވެއްޓިގެންދާހިނދު، ކައިގެން ބޮއިގެން ގައިގާވަރުޖެހިގެން މެނުވީ އެކަމުން އެމަޢުސޫމު މީހާ ސަލާމަތްކުރެވެން ނެތްނަމަ ރޯދަ ދޫކޮށްލެވިދާނެއެވެ. އަދި ކިއެއްތޯއެވެ. އެހާރުން ރޯދަ ދޫކޮށްލުން ވާޖިބުވާނެއެވެ. އެހެނީ މަޢުޞޫމަކު ހަލާކުގެ ތެރެއަށް ވެއްޓިގެންދާ ހިނދު އޭނާ ސަލާމަތްކުރުމަކީ ވާޖިބެކެވެ.

 

އެކަމަކާއި ލައިގެން މެނުވީ ވާޖިބެއް ފުރިހަމަ ނުކުރެވޭ ކޮންމެ ކަމަކީ ވާޖިބެކެވެ. އަދި ފާއިތުވެދިޔަ ރޯދަ ޤަޟާ ކުރުން އޭނާގެ މައްޗަށް ލާޒިމުވާނެއެވެ.

ހަމައެފަދައިން ﷲގެ މަގުގައި ޖިހާދުކުރުމުގައި ޢަދުއްވުންނާ ކުރިމަތިލުމަށްޓަކައި، ހަށިގަނޑުގައި ވަރުޖެއްސުމަށް ބޭނުން ޖެހިއްޖެނަމަ، ފަހެ އެމީހަކަށް ރޯދަ ދޫކޮށްލެވިދާނެއެވެ. އަދި ފާއިތުވެދާ ރޯދަ ޤަޟާކުރަން ޖެހޭނެއެވެ. އެއީ ދަތުރެއްގެމަތީ ކަމުގައި ވިޔަސް ނުވަތަ ޢަދުއްވުން އަމިއްލަ ރަށުގައި ވާހިނދު، ރަށުގައި ހަނގުރާމަކުރި ކަމުގައި ވީނަމަވެސް މެއެވެ. އެހެނީ އެކަމަކީ އެއީ މުސްލިމުން ދިފާޢުކޮށް ﷲ ޢައްޒަ ވަޖައްލަގެ ކަލިމަފުޅު މަތިވެރިކުރުމަށްޓަކައި ކުރެވޭ ކަމަކަށް ވާތީއެވެ.

ޞަޙީޙު މުސްލުގައި އަބޫ ސަޢީދުލް ޚުދުރީ رضي الله عنهގެ އަރިހުން ރިވާކުރައްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ތިމަންބޭކަލުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއިއެކު މައްކާއަށް ދަތުރުކުރެއްވީމެވެ. –އޭރު ތިމަންބޭކަލުން ތިއްބެވީ ރޯދައަށެވެ.- ދެން ތިމަންބޭކަލުން ތަނަކަށް މަޑުކުރީމެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

“إِنَّكُمْ قَدْ دَنَوْتُمْ مِنْ عَدُوِّكُمْ وَالْفِطْرُ أَقْوَى لَكُمْ”

މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުން ޢަދުއްވުންނާ ކައިރިވަނީއެވެ. ރޯދަ ދޫކޮށްލުމުން ތިޔަބައިމީހުންގެ ގައިގައި ވަރުޖެހޭނެއެވެ.”

އެހިނދު ތިމަންބޭކަލުންނަށް ރޯދަ ދޫކޮށްލުމުގެ އިޚްތިޔާރު ލިބެގެން ދިޔައެވެ. ދެން ތިމަންބޭކަލުންގެ ތެރޭގައި ރޯދަވެރިންވެސް އަދި ރޯދަ ދޫކޮށްލާގެން ތިއްބެވި ބޭކަލުންވެސް ވިއެވެ. ދެން ތިމަންބޭކަލުން އެހެންތަނަކު މަޑުކުރީމެވެ.  ދެންފަހެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

“إِنَّكُمْ مُصَبِّحُو عَدُوِّكُمْ وَالْفِطْرُ أَقْوَى لَكُمْ فَأَفْطِرُوا”

މާނައީ: “ތިޔަބައިމީހުން ފަތިހު ޢަދުއްވުންނާ ބައްދަލު ކުރާނެތެވެ. ރޯދަ ދޫކޮށްލުމުން ތިޔަބައިމީހުންގެ ގައިގައި ވަރުޖެހޭނެއެވެ. ތިޔަބައިމީހުން ރޯދަ ދޫކޮށްލާށެވެ.”

އެކަލޭގެފާނުގެ އެބަސްފުޅު، ރޯދަ ދޫކޮށްލުމަށް ބާރު އެޅުއްވިއެވެ. ދެން ތިމަންބޭކަލުން ރޯދަ ދޫކޮށްލީމުއެވެ.”([6])

އިސްވެދިޔަ ޙަދީޘްގައި އިޝާރާތް ކުރައްވާފައި އެވަނީ ހަނގުރާމަކުރުމަށް ވަރުޖެއްސުމަށެވެ. ދަތުރުގެ ބަދަލުގައި ވަކި ޚާއްޞަ ސަބަބެއް އެވަނީ ފާހަގަ ކުރައްވާފައެވެ. އެހެނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ ދޫކޮށްލުމުގެ ޢިއްލަތެއްގެ ގޮތުގައި ފާހަގަ ކުރައްވާފައި އެވަނީ ދަތުރުގެ ބަދަލުގައި ޢަދުއްވުންނާ ހަނގުރާމަ ކުރާއިރު ގައިގައި ވަރުޖެއްސުމުގެ ވާހަކައެވެ. އެހެންކަމުން ފުރަތަމަ މަޑުކުރެއްވިތަނުގައި އެބޭކަލުންނަށް ރޯދަ ދޫކޮށްލުމަކަށް އެކަލޭގެފާނު އަމުރެއް ނުކުރައްވައެވެ.

ރޯދަ ދޫކޮށްލުން ހުއްދަވެގެންދާ މީހުންގެ ގޮތުގައި އިސްވެ ބަޔާންކުރެވުނު މީހުންގެ ތެރެއިން، ރޯދަ ދޫކޮށްލުމަށް މެދުވެރިވި ސަބަބަކީ ފާޅުވެގެން އެނގެން އޮތް ސަބަބުތަކެއްނަމަ، ރޯދަ ދޫކޮށްލާފައިވާކަން ޢިއުލާނުކޮށް ފާޅުކުރުމަކީ މަނާވެގެންވާ ކަމެއް ނޫނެވެ.

މިސާލަކަށް ބަލިމީއާއި ރޯދަ ނުހިފޭވަރުގެ މުސްކުޅިން ފަދަ މީހުންނެވެ. އަދި ރޯދަ ދޫކޮށްލުމަށް މެދުވެރިވި ސަބަބަކީ ފޮރުވިފައިވާ ކަމެއްނަމަ އެހެންމީހުންނަށް ނޭނގޭގޮތަށް ސިއްރުން ރޯދަ ދޫކޮށްލާށެވެ. މިސާލަކަށް ޙައިޟުވެރިންނާއި މަޢުޞޫމަކު ހަލާކުގެ ތެރެއިން ސަލާމަތް ކުރުމަށްޓަކައި ރޯދަ ދޫކޮށްލާ މީހުން ރޯދަ ދޫކޮށްލިކަން އިޢުލާނު ނުކުރާށެވެ. އެއީ އެމީހެއްގެ މައްޗަށް ތުހުމަތު ތަކެއްކުރެވުމުން ސަލަމަތް ވުމަށްޓަކައެވެ. އަދި އެކަމުގެ ސަބަބުން ޖާހިލަކަށް އޮޅުންއެރިޔަ ނުދިނުމަށްޓަކައެވެ. ޢުޛުރެއް ނެތި ރޯދަ ދޫކޮށްލުން އެއީ ހުއްދަ ކަމެއްކަމުގައި އޭނާ ދެކިދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *