ހައިޟުވެރިންނަށް ރޯދަ ހިފުން ޙަރާމްވާނެއެވެ!

ހައިޟުވެރިންނަށް ރޯދަ ހިފުން ޙަރާމްވާނެއެވެ!

ޙައިޟުވެރިން؛ ފަހެ ހައިޟުވެރިންނަށް ރޯދަ ހިފުން ޙަރާމްވާނެއެވެ. އަދި އެމީހުންގެ ކިބައިން ރޯދަ ޞައްޚަ ނުވާހުއްޓެވެ. އަންހެނުނާއި ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ޙާދީޘް ބަސްފުޅުގައި ވާފަދައިންނެވެ.

“مَا رَأَيْتُ مِنْ نَاقِصَاتِ عَقْلٍ وَدِينٍ أَذْهَبَ لِلُبِّ الرَّجُلِ الْحَازِمِ مِنْ إِحْدَاكُنَّ. قُلْنَ: وَمَا نُقْصَانُ دِينِنَا وَعَقْلِنَا يَا رَسُولَ اللهِ؟ قَالَ: أَلَيْسَ شَهَادَةُ الْمَرْأَةِ مِثْلَ نِصْفِ شَهَادَةِ الرَّجُلِ؟ قُلْنَ: بَلَى. قَالَ: فَذَلِكِ مِنْ نُقْصَانِ عَقْلِهَا. أَلَيْسَ إِذَا حَاضَتْ لَمْ تُصَلِّ وَلَمْ تَصُمْ؟ قُلْنَ: بَلَى قَالَ فَذَلِكِ مِنْ نُقْصَانِ دِينِهَا.”[1] متفق عليه .

މާނައީ: “ތިޔަބޭކަނބަލުންނަށްވުރެ ދީނާއި ބުއްދީގެ ގޮތުން އުނި ބައެއް، ވިސްނުންތޫނު ފިރިހެނުންގެ ވިސްނުން ގެއްލުވާލުމުގައި (ތިޔަބޭކަނބަލުންހާ ކުޅަދާނަބައެއް) ތިމަންކަލޭގެފާނު ދެކިވަޑައި ނުގަންނަވަމެވެ.

ދެން އަންހެން ކަނބަލުންތައް ދެންނެވިއެވެ. “އޭﷲގެ ރަސޫލާ ޞައްލަﷲ ޢަލައަހި ވަސައްލަމައެވެ. ބުއްދީގެ ގޮތުންނާއި ދީނީގޮތުން ތިމަންކަނބަލުން އުނިވަނީ ކޮންގޮތަކުން ހެއްޔެވެ؟

ރަސޫލުﷲ ޞައްލަﷲ ޢަލައހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ފިރިހެނެއްގެ ހެކިބަހުގެ ދެބައިކުޅަ އެއްބައިކަމުގައި އަންހެނެއްގެ ހެކިބަސް ނުވޭހެއްޔެވެ؟”

އެބޭކަނބަލުން ދެންނެވިއެވެ. ނޫނެކެވެ. އެފަދައިންނެވެ.

ދެން ޙަދީޘް ކުރެއްވިއެވެ. “އެއީ އެކަނބަލުންގެ ބުއްދީގެ އުނިކަމެވެ. އަދި އެކަނބަލުން ޙައިޟުވެއްޖެނަމަ ނަމާދުނުކޮށް ރޯދަ ނުހިފައި ނުތިބޭ ހެއްޔެވެ؟”

އެކަނބަލުން ދެންނެވިއެވެ. “ނޫނެކެވެ. އެފަދައިންނެވެ.”

ދެން ޙަދީޘްކުރެއްވިއެވެ. “އެއީ އެކަނބަލުން ދީނީގޮތުން އުނިވުމެވެ.”

ޙައިޟަކީ، އެނގިގެންވާ ދުވަސްތަކެއްގައި އަނހެނުން އަންނަ ޠަބީޢީ ލެއެކެވެ.

ފަހެ ރޯދައަށް ހުއްޓައި ޙައިޟުގެ ލޭ ފެނިއްޖެނަމަ -މަޣްރިބުވުމުގެ ވަގުތުކޮޅެއްކުރިން ކަމުގައި ވިއަސް- އެކަނބުލޭގެ އެދުވަހުގެ ރޯދަ ބާޠިލުވާނެއެވެ. އަދި ސުންނަތް ރޯދައެއްކަމުގައި ނުވާނަމަ އެރޯދަ ޤަޟާކުރުން ވާޖިބުވާނެއެވެ. ސުންނަތް ރޯދަ ޤަޟާކުރުން ވާޖިބެއް ނުވާނެއެވެ.

އަދި ރަމަޟާންމަހުގެ ދުވާވާލުގެ ވަގުތުގެ ތެރޭގައި ޙައިޟުން ޠާހިރުވެއްޖެނަ އެދުވަހުގެ އެރޯދަ އެކަނބުލޭގެ ކިބައިން ޞައްޙަވެގެން ނުވާނެއެވެ. އެހެނީ އެކަނބުލޭގެވީ ދުވާލުގެ ކުރީކޮޅުގައި، އެކަނބުލޭގެ ކިބައިން ރޯދަ ނަފީކުރާ މީހުންގެ ތެރެއިންނެވެ. އަދި އެދުވަހުގެ ބާކީ ވަގުތުގައި ރޯދަގެއްލޭ ކަންކަމުން ދުރުވެހުރުން އެކަނބުލޭގެ މައްޗަށް ލާޒިމްވާނެހެއްޔެވެ؟

މިކަމުގައި ޢިލްމުވެރިންގެ މެދުގައިވަނީ ޚިޔާލު ތަފާތުވެފައެވެ. ދަތުރުވެރިޔަކު ރޯދަ ދޫކޮށްލާފައިވާ ހާލު އޭނާގެ އަމިއްލަ ރަށަށް އާދެވިއްޖެނަމަ، ކުރިޔަށް އޮތްބައިގައި ރޯދަގެއްލޭ ކަންކަމުން ދުރުވެގެން ހުރުން ލާޖިމްވާނެތޯ ނުވަތަ ނޫންތޯ، މިވާހަކަތަކުގެ ތެރެއިން މިކަމުގެ ޙުކުމް ޛިކުރު ކުރެވިފައި ވާނެއެވެ.

އަދި ރަމަޟާން މަހުގެ ރޭގަނޑުގެ ވަގުތުގައި ޙައިޟުން ޠޯހިރު ވެއްޖެނަމަ –ފަޖުރުވުމުގެ ކުޑަވަގުތުކޮޅެއް ކުރިން ކަމުގައިވިއަސް- އެކަނބުލޭގެ މައްޗަށް ރޯދަ ވާޖިބުވާނެއެވެ. އެހެނީ އެހާރުން އެކަނބުލޭގެއަކީ ރޯދައިގެ އަހުލުވެރިންގެ ތެރެއިންވާ މީހެކެވެ. (އެބަހީ ރޯދަ ވާޖިބުވާ މީހުންގެ ތެރެއިންވާ މީހެކެވެ.) (ޠާހިރުވުމުން) އެކަނބުލޭގެ ކިބައިގައި ރޯދަހިފުން މަނާކުރަނިވި ކަމެއް ނެތެވެ. އެހާރުން އެކަނބުލޭގެއަށް ރޯދަ ހިފުން ވާޖިބުވާނެއެވެ. އަދި އެކަނބުލުން ހިނައިން ޠާހިރުވެފައި ނުވިނަމަވެސް ރޯދަ ޞައްޙަ ވާނެއެވެ. އެއީ އިރު އެރުމުގެ ކުރިންކަމުގައި ވާނަމައެވެ.

އެއީ ޖުނުބުވެރިޔާވެސް ޖުނުބުވެރި ހާލުގައި ރޯދައަށް ހުރުމުން އޭނާގެ ރޯދަ ޞައްޙަވާ ފަދައިންނެވެ. އެއީ އިރު އެރުމުގެ ކުރިންކަމުގައި ވާނަމައެވެ. ޢާއިޝާ رضي الله عنها ގެ ބަސްފުޅުގައި ވާފަދައިންނެވެ.

” كَانَ النبيّ صَلَّى اللهُ عَلَيْهِ وَسَلَّمَ يُصْبِحُ جُنُبًا مِنْ جِمَاعٍ غَيْرَ احْتِلَامٍ ، ثُمَّ يَصُومُ فِي رَمَضَانَ”([2]) متفق عليه .

މާނައީ: “ނަބިއްޔާ ޞާއްލަﷲ ޢަލައިހި ވަސައްލަމަ ފަތިހަށް ހޭލައްވާއިރު ޖުނުބުވެރި ހާލުގައިވެއެވެ. އެއީ ޖިމާޢު ވުމުގެ ސަބަބުން ޖުނުބުވެރި ވެފައެވެ. އިޙްތިލާމު ވުމުގެ ސަބަބުންނެއް ނޫނެވެ. ދެން އެކަލޭގެފާނު ރަމަޟާން މަހުގެ ރޯދަ ހިއްޕަވައެވެ.”

އަދި ނިފާސް ކަމުގެ އަހުލުވެރިންވެސް ކުރިން ބަޔާންވެގެން ދިޔަފައިން ޙައިޟުގެ އަހުލުވެރިންނާ އެއްފަދަ ވެގެން ވެއެވެ.

އެ ދެބާވަތުގެ ބޭކަނބަލުންނަށްވެސް ފާއިތުވެދާ ރޯދަ ޤަޟާކުރުން ވާޖިބު ވާނެއެވެ. ﷲތަޢާލާގެ ވަޙީ ބަސްފުޅުގައި ވާފަދައިންނެވެ.

فَعِدَّةٌ مِنْ أَيَّامٍ أُخَرَ [البقرة/185]

މާނައ: “(އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) ފަހެ އެހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ.”

އަދި ޢާއިޝާ رضي الله عنها ގެ އަރިހުން ސުވާލު ދެންނެވުނެވެ.

“مَا بَالُ الْحَائِضِ تَقْضِى الصَّوْمَ وَلاَ تَقْضِى الصَّلاَةَ؟ قَالَتْ: كَانَ يُصِيبُنَا ذَلِكَ فَنُؤْمَرُ بِقَضَاءِ الصَّوْمِ وَلاَ نُؤْمَرُ بِقَضَاءِ الصَّلاَةِ.” ([3]) رواه مسلم

މާނައީ: “ޙައިޟުވެރިން ފާއިތުވާ ރޯދަ ޤަޟާކޮށްފައި ފާއިތުވާ ނަމާދު ޤަޟާނުކުރަނީ ކީއްވެތޯއެވެ؟ އެކަމަނާ ވިދާޅުވިއެވެ. (ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޒަމާނުގައި) ތިމަން ބޭކަނބަލުންނަށް އެކަންތައް ދިމާވެއެވެ. (އެބަހީ ޙައިޟުވެއެވެ.) ދެން އެކަލޭގެފާނު ތިމަންބޭކަނބަލުންނަށް ރޯދަ ޤަޟާކުރެއްވުމަށް އަމުރުކުރައްވައެވެ. އަދި ނަމާދު ޤަޟާކުރުމަކަށް އަމުރެއް ނުކުރައްވައެވެ.”

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *