މޫނު ބުރުގާ ނެގުން ހުއްޓުވަން ވަގުތީ އަމުރެއް ނުދިން

މޫނު ބުރުގާ ނެގުން ހުއްޓުވަން ވަގުތީ އަމުރެއް ނުދިން

Author
މުޙައްމަދު ޝަޒައިމް
17 އޭޕްރިލް 2023 11:51
0

އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ސްކޫލަށް ދާއިރު މޫނު ބުރުގާ ނޭޅުމަށް އެންގި މައްސަލަ ހޫނުވެ، ކުދިންގެ ހައްގުތަކަށް އަރައިގަތް ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާއެކު ނެރެދެން އެދުނު ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް އެ ކޯޓުން ނިންމައިފިއެވެ.

އަރަބިއްޔާ ބެލެނިވެރިންގެ ފަރާތުން މިމަހުގެ ދެވަނަ ދުވަހު މައްސަލަ ކޯޓަށް ހުށަހެޅީ ރެހެންދި ޗޭމްބާސް ލޯފާމުންނެވެ. މައްސަލަ ކޯޓަށް ހުށަހެޅީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ތައުލީމުގެ ގާނޫނުނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާ އަދި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފަށް މޫނު ބުރުގާ ނަގަން އަންގާފައިވާ ކަމަށް ބުނެއެވެ.

އެލޯފާމުން ބުނެފައިވަނީ އަރަބިއްޔާގެ ތަޢުލީމް ޙާޞިލުކުރަމުންދާ އަންހެން ކުދިންގެ ތެރެއިން، މޫނު ކަޝްފުކޮށްގެން މުޖްތަމަޢުގެ ތެރެއަށް ނިކުންނަން ބޭނުންނުވާ ކުދިންނަށް، ސްކޫލުން ދީފައިވާ ހުއްދައެއްގެ ދަށުން ނިޤާބު އަޅައިގެން ސްކޫލަށް ދަނިކޮށް، ނިޤާބު އަޅައިގެން ސްކޫލަށް ޙާޟިރު ނުވެވޭނޭކަން ކުދިންނަށާއި އަދި ބެލެނިވެރިންނަށް އަނގަބަހުންނާއި ލިޔުމުން އަންގައި، އަދި އެޑިޔުކޭޝަން މިނިސްޓްރީން މިދިޔަ މަހުގެ 28 ގައި (ގެޒެޓް ނުކުރައްވާ ޢާންމުކުރައްވާފައިވާ) ސްކޫލްދަރިވަރުންގެ ޢާންމު ގަވާއިދާއި އަދި ސްކޫލްގެ ޔުނިފޯމް ކޯޑުގެ ތެރެއިން އެކުދިން ސްކޫލަށް ދިޔުމުގެ ޙައްޤުން މަޙުރޫމްކުރުވަމުންދާ ކަމަށެވެ.

ސިވިލް ކޯޓުން މިއަދު ނިންމި ނިންމުމުގައި ބުނެފައިވަނީ އެޑިޔުކޭޝަން މިނިސްޓްރީއާއި އަރަބިއްޔާ ސްކޫލުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް މިމައްސަލައިގައި އެދިފައިވީ ނަމަވެސް ވަގުތީ އަމުރަށް އެދިފައިވަނީ އެފަދަ އަމުރަކަށް އެދުމުގެ ހައިސިއްޔަތު އޮތް ބައެއް ކަމަށް ލިޔެކިޔުންތަކުން އެނގެން ނެތް ކަމަށެވެ.

އަދި ދައުވާ ހުށަހެޅި ފަރާތުން ކޯޓަށް މައްސަަލަ ހުށަހެޅީ ދަރިވަރުންގެ ފަރާތުން ކަމަށް ބުނެފައިވަނީ ނަމަވެސް މައްސަލައިގައި ބުނާ ދަރިވަރުންނަކީ ކޮބައިކަމާއި އެ ކުދިން އަރަބިއްޔާގައި ތައުލީމު ހާސިލްކުރަނީ ކޮން ގްރޭޑެއްގައިކަން އެނގޭނެ އެއްވެސް މައުލޫމާތެއް ނެތް ކަމަށް ބުނެފައި ވެއެވެ.

އަރަބިއްޔާގެ ދަރިވަރުންގެ ތެރެއިން މޫނު ބުރުގާ އަޅާ ދަރިވަރުން މޫނު ބުރުގާ އަޅަނީ ސްކޫލު ޔުނީފޯމު ކޯޑާއި ހިލާފަށް ކަމަށްވީ ނަމަވެސް ތައުލީމު ލިބުމުގެ ހައްގުން އެ ކުދިން މަހްރޫމްކޮށްފައި ނެތްކަން މައްސަލަ ހުށަހެޅި ފަރާތާއި ދައުލަތުގެ ބަހުން އެނގޭ.

– ކޯޓުގެ އަމްރުގައި ބުނެފައިވެއެވެ.

ވަގުތީ އަމުރަކަށް އެދިފައި ވަނީ ފޫނުބެއްދޭ ވަރުގެއް ގެއްލުމެއް އެ ކުދިންނަށް ލިބޭނެކަން ބަޔާންކޮށް ކަމަށްވާއިރު, އާދައިގެ އިޖުރާއަތްތަކާ އެއްގޮތަށް މައްސަލަ ނިންމި ކަމުގައިވީ ނަމަވެސް ވަގުތީ އަމުރަށް އެދުނު ފަރާތުން ފޫނުބެއްދޭ ވަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ނުދެކޭ ކަމަށް ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދުގެ ނިންމެވުގައިވެއެވެ.

ސްކޫލު ޔުނީފޯމު ކޯޑުގައި މޫނު ބުރުގާ ނުހިމެނޭތީ ޔުނީފޯމު ކޯޑާ އެއްގޮތަށް އަމަލުކުރަން ބެލެނިވެރިންނަށް އަންގައިދިނުމަށް އެޑިޔުކޭޝަން މިނިސްޓްރީން އަރަބިއްޔާ ސްކޫލަށް އެންގީ މިދިޔަ ޑިސެމްބަރު 28 ވަނަ ދުވަހުއެވެ. ހުރިހާ އަންހެން ދަރިވަރުން ބުރުގާ އަޅާ އަރަބިއްޔާ ސްކޫލުގައި މޫނު ބުރުގާ އަޅާ 10 ވަރަކަށް ކުދިން އުޅެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.