ތަރާވީޙް ނަމާދު ކުރުމުން ލިބޭ ދަރުމަ އާއި ޘަވާބު ދޫކޮށް ނުލާށެވެ!

ތަރާވީޙް ނަމާދު ކުރުމުން ލިބޭ ދަރުމަ އާއި ޘަވާބު ދޫކޮށް ނުލާށެވެ!

ތަރާވީޙް ނަމާދު ކުރުމުން ލިބޭ ދަރުމަ އާއި ޘަވާބު ދޫކޮށްލާ މިސްކިތަށް ނައިސް ތިބުމަކީ އެއްވެސް ފިރިހެނަކު ކޮށްގެންވާނެ ކަމެއް ނޫނެވެ. އަދި އިމާމާ ވިތުރިކޮށް ނުނިމެނީސް ޖަމާޢަތުން ބޭރުވެގެން ނުވާނެއެވެ. މުޅި ރޭ އެއްކޮށް އަޅުކަން ކުރި ކަމުގެ ދަރުމަ އާއި ޘަވާބު ލިބޭ ހުށީ އޭރުންނެވެ.

ފިތުނަވެރި ކަމުން ސަލާމަތްވެގެންވާ ނަމަ، މިސްކިތަށް ނަމާދަށް އައުމަކީ އަންހެން ކަނބަލުންގެ މައްޗަށް ހުއްދަވެގެންވާ ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވައެވެ. (لَا تَمْنَعُوا إِمَاءَ اللَّهِ مَسَاجِدَ اللَّهِ)[1] މާނައަކީ: "ﷲ ގެ މިސްކިތްތައް އެކަލާނގެ އަޅުއަންހެނުންނަށް މަނާ ނުކުރާ ހުށިކަމެވެ."

ސަލަފުއް ޞާލިޙުންވެސް ކަންތައް ކުރެއްވީ މިގޮތަށެވެ. ނަމަވެސް، އެކަނބަލުން މިސްކިތަށް އަންނައިރު އަންނަންވާނީ ނިވާކޮށްގެންނެވެ. ވަނާތައް އެނގޭފަދަ ގޮތަކަށް ހެދުން އަޅާފައި ހުރެގެން ނުވާނެއެވެ. އަދި އެހެންމީހުންނަށް ވަސްދުވާ ގޮތަށް މީރުވަސްދުވާ ތަކެތި ލާފައި ހުރެގެންވެސް ނުވާނެއެވެ. އަދި އަޑުހަރުކޮށް، ޒީނަތްފާޅު ކޮށްގެންވެސް ނުވާނެއެވެ.

ސޫރަތުއް ނޫރުގެ 31 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ‌ مِنْهَا  ) މާނައަކީ: "އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ!" ވީމާ، ޒީނަތުގެ ތެރެއިން ފާޅުވާ މިންވަރު (ޖިލްބާބުގެ ބޭރުފުށް) މެނުވީ ފާޅުކުރުން ހުއްދަވެގެން ނުވެއެވެ.  އަންހެން ކަނބަލުން ޢީދުނަމާދަށް މައިދާނަށް ނިކުތުމަށް އަމުރު ކުރެއްވުމާއި ގުޅިގެން އުއްމު ޢަޠިއްޔާ ރަޟިޔަﷲ ޢަންހާ- ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ދެންނެވިއެވެ.

(أَرَأَيْتَ إِحْدَاهُنَّ لَا يَكُونُ لَهَا جِلْبَابٌ ؟ قَالَ " فَلْتُلْبِسْهَا أُخْتُهَا مِنْ جِلْبَابِهَا  )[2] މާނައަކީ: "އެކަނބަލުންގެ ތެރެއިން ކަނބަލެއްގެ އަތުގައި ޖިލްބާބެއް ނެތްނަމަ ހަދާނީ ކިހިނަކުންތޯއެވެ؟" ޙަދީޘް ކުރެއްވިއެވެ. "އޭނާގެ އުޚްތާގެ ޖިލްބާބެއް ލާނީއެވެ."

އަންހެން ކަނބަލުންނަށް ސުންނަތް ވެގެންވަނީ ފިރިހެނުންނަށް ވުރެ ފަހަތުން ހިނގުމަށެވެ. އަދި ފިރިހެނުންނާއި ވީހާވެސް ދުރުން ހިނގުމަށެވެ. އަންހެން ކަނބަލުންނަށް އެންމެ އައުލާކަން ބޮޑުވެގެން ވަނީވެސް ފަހަތު ޞަފުތަކެވެ.

ކީރިތި ރަސޫޅާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (خَيْرُ صُفُوفِ الرِّجَالِ أَوَّلُهَا ، وَشَرُّهَا آخِرُهَا ، وَخَيْرُ صُفُوفِ النِّسَاءِ آخِرُهَا ، وَشَرُّهَا أَوَّلُهَا  )[3] މާނައަކީ: "ފިރިހެނުންގެ ޞަފުތަކުން އެންމެ ހެޔޮކަން ބޮޑީ ފުރަތަމަ ޞަފެވެ. އެންމެ ނުބައީ ފަހަތު ޞަފެވެ. އަންހެނުންގެ ޞަފުތަކުން އެންމެ ހެޔޮކަން ބޮޑީ ފަހަތު ޞަފެވެ. އެންމެ ނުބައީ ފުރަތަމަ ޞަފެވެ."

އިމާމާ ސަލާމް ދިނުމާއި އެކު ލަސްނުކޮށް އަވަހަށް މިސްކިތުން ފައިބައިގެން ދިޔުމަކީ އަންހެން ކަބަލުންނަށް ސުންނަތްވެގެންވާ ގޮތެވެ. ޢުޛުރެއް ނެތި ލަސްނުކުރުން ހުއްޓެވެ. އުއްމު ސަލަމާ ރަޟިޔަﷲ ޢަންހާގެ ކބައިން ރިވާވެގެންވެއެވެ.

(كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا سَلَّمَ قَامَ النِّسَاءُ حِينَ يَقْضِي تَسْلِيمَهُ ، وَمَكَثَ يَسِيرًا قَبْلَ أَنْ يَقُومَ قَالَ ابْنُ شِهَابٍ : فَأُرَى وَاللَّهُ أَعْلَمُ أَنَّ مُكْثَهُ لِكَيْ يَنْفُذَ النِّسَاءُ قَبْلَ أَنْ يُدْرِكَهُنَّ مَنِ انْصَرَفَ مِنَ الْقَوْمِ  )[4] މާނައަކީ: "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސަލާމް ދެއްވުމާއި އެކު އަންހެންވެރިން ތެދުވެގެން މިސްކިތުން ނިކުމެގެން ދެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުކޮޅަކު މަޑުކޮށްލައްވައެވެ. އިބްނު ޝިހާބު ރަޙިމަހުﷲ ވިދާޅުވިއެވެ. "ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނިކުމެވަޑައިނުގެން މަޑު ކުރައްވާ ސަބަބެއް ކަމުގައި ބޮޑަށް ބެލެވެނީ އަންހެންވެރިންނަށް މިސްކިތުން ނިކުތުމަށް ޖާގަ ދެއްވުމެވެ. އަދި ފިރިހެނުންނާއި އަންހެނުން އެއްވިޔަ ނުދެއްވުމެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ."

ހައްދަވައި ގެންގުޅުއްވާ އިލާހެވެ. އަޅަމެންނަށް ތެދުމަގު ދައްކަވާ ޙައްގުގެ މަތީގައި ފައިތިލަ ޘާބިތު ކުރުމުގެ ތައުފީގް ދެއްވާފާންދޭޥެ. ހައްދަވައިގެންގުޅުއްވާ އިލާހެވެ. އަޅަމެންގެ މައިންބަފައިންގެ ފާފަ ފުއްސަވާ ރަޙްމަތް ލައްވާފާންދޭވެ. އާމީން.

برحمتك يا أرحم الراحمين. وصلى الله على نبينا محمد وعلى آله وصحبه وسلم. والحمد لله رب العالمين.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *