ރަމަޟާން މަހުގެ ރޭގަނޑު އަދާކުރާ ރެއަޅުކަން، އެހެން ދުވަސްތަކުގައި އަދާކުރާ ރޭ އަޅުކަމަށްވުރެ މަތިވެރިވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވައެވެ. (مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ)[1] މާނައަކީ: "އީމާންކަމާއި، ދަރުމަ އާއި ޘަވާބަށް އެދި ރަމަޟާންމަހު ރޭއަޅުކަން ކޮށްފި މީހާގެ އިސްވެދިޔަ ހުރިހާ ފާފަ އެއް ފޮހެވިގެންވެއެވެ."
"އީމާން" މުރާދަކީ "ﷲ އަށް އީމާންވެ، ރޭއަޅުކަން ކުރާ މީހުންނަށް މާތް ﷲ ތައްޔާރު ކުރައްވާފައިވާ ދަރުމަ އާއި ޘަވާބަށް އެދިގެން ކުރުމެވެ."
"އިޙްތިސާބް" ނުވަތަ "ދަރުމަ އަށް އެދިގެން" އޮތް ބަހުގެ މުރާދަކީ ޖާހާއި މުދަލަށް އެދުމެއް ނެތި، މީސްތަކުންނަށް ދެއްކުންތެރި ކަމެއް ނެތި، ހަމައެކަނި ﷲ ގެ ޙަޟްރަތުން ލިބޭނެ ދަރުމަ އާއި ޘަވާބަށް އެދިގެން އެކަމެއް ކުރުމެވެ.
"ގިޔާމް ރަމަޟާން" ގެ ތެރޭގައި ރޭގަނޑުގެ ކުރީކޮޅުގައްޔާއި ފަހުކޮޅުގައި ރޭއަޅުކަން ކުރުން ހިމެނިގެންވެއެވެ. އެހެންކަމުން، "ތަރާވީޙް ނަމާދަކީ" ގިޔާމުއްލައިލްގެ ތެރޭގައި ހިމެނޭ ކަމެކެވެ. ވީމާ، އެކަމަށް ޚާއްޞަ ސަމާލުކަމެއް ބަހައްޓަން ޖެހެއެވެ. އަދި ﷲގެ ޙަޟްރަތުން ދަރުމަ އާއި ޘަވާބަށް އެދިގެން އެކަން ކުރަން ޖެހެއެވެ. ބުއްދިވެރި އަކު ނަމަ މިމަދު ރޭތަކުގެ ފައިދާ ފުރިހަމަ ގޮތުގައި ލިބިގަންނަން މަސައްކަތް ކުރާނެއެވެ.
މި ނަމާދަށް "ތަރާވީޙް" އޭ ކިޔުނު ސަބަބަކީ މިއީ ދިގުކޮށް ކުރެވޭ ނަމާދަކަށްވާތީ، ކޮންމެ ހަތަރު ރަކްޢަތަކުން މީސްތަކުން ކުޑަކޮށް އަރާމުކޮށްލާތީވެއެވެ. އެހެނީ "ތަރާވީޙް" ނެގިފައި މިވަނީ "ރާޙާ" އިންނެވެ. "ރާޙާ" އަކީ "އަރާމު ކުރުމެވެ."
މިސްކިތުގައި ޖަމާޢަތް ހަދައިގެން ތަރާވީޙް ނަމާދު ކުރައްވަން ފެއްޓެވީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެވެ. އެއަށްފަހު، އެކަލޭގެފާނުގެ އުއްމަތުގެ މީހުންގެ މައްޗަށް މިނަމާދު ފަރްޟު ކުރައްވަފާނެ ކަމުގެ ބިރަށް ޖަމާޢަތް ހަދައިގެން ތަރާވީޙް ނަމާދު ކުރެއްވުން ހުއްޓަވާލެއްވިއެވެ.
އުއްމުލް މުއިމިނީނަ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެން ވެއެވެ. (أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَلَّى ذَاتَ لَيْلَةٍ فِي الْمَسْجِدِ فَصَلَّى بِصَلَاتِهِ نَاسٌ ، ثُمَّ صَلَّى مِنَ الْقَابِلَةِ فَكَثُرَ النَّاسُ ، ثُمَّ اجْتَمَعُوا مِنَ اللَّيْلَةِ الثَّالِثَةِ أَوِ الرَّابِعَةِ فَلَمْ يَخْرُجْ إِلَيْهِمْ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ , فَلَمَّا أَصْبَحَ قَالَ : قَدْ رَأَيْتُ الَّذِي صَنَعْتُمْ وَلَمْ يَمْنَعْنِي مِنَ الْخُرُوجِ إِلَيْكُمْ إِلَّا أَنِّي خَشِيتُ أَنْ تُفْرَضَ عَلَيْكُمْ)[2] މާނައަކީ: "އެއް ރެއެއްގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިސްކިތުގައި ތަރާވީޙް ނަމާދު ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ފަހަތްޕުޅުގައި ޞަޙާބިންވެސް ނަމާދު ކުރެއްވިއެވެ. ވިދިގެން އައި ރޭވެސް ހަމައެގޮތަށް ޖަމާޢަތުގައި ކުރެއްވިއެވެ. މީސްތަކުން ގިނަވާން ފެށިއެވެ. ތިންވަނަ، އަދި ހަތަރުވަނަ ރޭ މީސްތަކުން މިސްކިތަށް ޖަމަޢަވީ ނަމަވެސް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދަށް ނިކުމެވަޑައި ނުގަންނަވައެވެ. ހެނދުނުވުމުން ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން ކަންތައް ކުޅަ ގޮތް ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. ތިޔަބައިމީހުންގެ ތެރެއަށް ތިމަންކަލޭގެފާނު ނިކުމެވަޑައިގަތުމަށް އޮތް ހުރަހަކަށްވީ، އެނަމާދު ތިޔަބައިމީހުންގެ މައްޗަށް ފަރްޟުވެދާނެ ކަމަށް ބިރުފުޅުގަތުމެވެ."
عَنْ أَبِي ذَرٍّ ، قَالَ : " صُمْنَا مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَمَضَانَ ، فَلَمْ يَقُمْ بِنَا شَيْئًا مِنَ الشَّهْرِ حَتَّى بَقِيَ سَبْعٌ ، فَقَامَ بِنَا حَتَّى ذَهَبَ ثُلُثُ اللَّيْلِ ، فَلَمَّا كَانَتِ السَّادِسَةُ لَمْ يَقُمْ بِنَا ، فَلَمَّا كَانَتِ الْخَامِسَةُ قَامَ بِنَا حَتَّى ذَهَبَ شَطْرُ اللَّيْلِ ، فَقُلْتُ : يَا رَسُولَ اللَّهِ ، لَوْ نَفَّلْتَنَا قِيَامَ هَذِهِ اللَّيْلَةِ ، قَالَ : فَقَالَ : إِنَّ الرَّجُلَ إِذَا صَلَّى مَعَ الْإِمَامِ حَتَّى يَنْصَرِفَ حُسِبَ لَهُ قِيَامُ لَيْلَةٍ)[3] މާނައަކީ: މާތް ﷲ ރުއްސުނެއްލެވި އަބޫޛައްރުގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
"ރަމަޟާން މަހެއްގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެކު ތިމަންމެން ރޯދަ ހިފީމެވެ. މަސް ނިމެން ހަތް ރެއަށް ވީއިރުގައިވެސް އެކަލޭގެފާނު އެއްވެސް ރެއެއްގައި ތިމަންމެންނާއި އެކު ޖަމާޢަތުގައި ރޭއަޅުކަން ނުކުރައްވައެވެ. ހަތްވަނަ އަށް ވީރޭގެ ފުރަތަމަ ތިންބައި ނިމެންދެން ތިމަންމެންނާއި އެކު ރޭއަޅުކަން ކުރެއްވިއެވެ. ހަވަނަ އަށް ވީރޭ ރޭއަޅުކަމަށް މިސްކިތަށް ނިކުމެވަޑައި ނުގަންނަވައެވެ. ފަސްވަނަ އަށް ވީރޭގެ ދެބައިކުޅަ އެއްބައި ނިމެންދެން ތިމަންމެންނާއި އެކު ރޭއަޅުކަން ކުރެއްވިއެވެ.
ތިމަންކަލޭގެފާނު ދެންނެވީމެވެ. "އޭ ﷲ ގެ ރަސޫލާ އެވެ. "މިރޭގެ ބާކީ އޮތްބައިވެސް އަޅުގަޑުމެންނާއި އެކު ރޭއަޅުކަން ކުރައްވަންވީ ނުންތޯއެވެ؟" ޙަދީޘް ކުރެއްވިއެވެ. "އިމާމާ އާއި އެކު އޭނާ ނިމެންދެން ރޭއަޅުކަމުގައި ބައިވެރިވެއްޖެނަމަ، މުޅި ރޭ އެއްކޮށް އަޅުކަން ކުރިކަމުގެ ދަރުމަ އާއި ޘަވާބު އެމީހަކަށް ލިބޭނެއެވެ."