ވިތުރީގެ މަދު މިންވަރާއި ދިގު މިންވަރަކީ ކޮބާ؟

ވިތުރީގެ މަދު މިންވަރާއި ދިގު މިންވަރަކީ ކޮބާ؟

ރޭގަނޑުގެ ނަމާދު ތަކުގެ ތެރޭގައި ވިތްރި ހިމެނެއެވެ. ވިތްރީގެ އެންމެ މަދު މިންވަރަކީ އެއް ރަކްޢަތެވެ. ގިނަ މިންވަރަކީ އެގާރަ ރަކްޢަތެވެ. ނިންމާލަމުން އެކަހެރި އެއް ރަކްޢަތް ކުރާނީއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (مَنْ أَحَبَّ أَنْ يُوتِرَ بِوَاحِدَةٍ فَلْيَفْعَلْ) މާނައަކީ: "އެއް ރަކްޢަތުން ވިތުރި ކުރަން ބޭނުން މީހާ އެކަން ކުރާ ހުށި ކަމެވެ."

ބޭނުން ނަމަ ވިތްރީގެ ތިންރަކްޢަތް އެއްސަލާމަކުން ނިންމާލެވިދާނެއެވެ. ޢުމަރު ރަޟިޔަﷲ ޢަންހު ވިތްރީގެ ތިންރަކްޢަތް ކުރައްވާ އިރުގައި އެންމެ ފަހު ރަކްޢަތުގައި މެނުވީ ސަލާމް ނުދެއްވާ ކަމަށް އިމާމް ޠަޙާވީ ރިވާ ކުރައްވައެވެ. ބޭނުންނަމަ، ދެރަކްޢަތްކޮށްފައި ސަލާމް ދިނުމަށްފަހު، ތިންވަނަ ރަކްޢަތް ވަކިންވެސް ކުރެވިދާނެއެވެ.

لمِاَ رُوِىَ الْبُخَارِيُّ عَنْ عَبْدِ اللهِ بِنْ عُمَرَ رَضِيَ اللهُ عَنْهُمَا أَنَّهُ كَانَ يُسَلِّمُ بَيْنَ الَّركْعَتَيْنِ وَالَّركْعَةُ فِي الْوِتْرِ حَتَّى كَانَ يَأْمُرُ بِبَعْضِ حَاجَتِهِ، وَيُوْتِرُ بِخَمْسٍ فَيَسْرُدُهَا جَمِيْعًا لَا يَجْلِسُ وَلَا يُسَلِّمُ إِلَّا فِيْ آخِرِهِنَّ لِقَوْلِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ: (مَنْ أَحَبَّ أَنْ يُوتِرَ بِخَمْسٍ فَلْيَفْعَلْ)[1] މާނައަކީ: މާތްﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ޢުމަރުގެ ކިބައިން އިމާމް ބުޚާރީ ރަޙިމަހުﷲ ރިވާ ކުރެއްވިއެވެ. "ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިތްރީގެ ދެރަކްޢަތް ކުރެއްވުމަށް ފަހުގައި ސަލާމް ދެއްވައެވެ. އަދި އެއް ރަކްޢަތް ކުރެއްވުމަށް ފަހުގައި ވެސް ސަލާމް ދެއްވައެވެ. ބައެއް ފަހަރު ވިތްރީގެ ފަސްރަކްޢަތް އެއްކޮށް އިށީނުމެއް ނެތި ކުރައްވައެވެ. އެންމެ ފަހު ރަކްޢަތުގައި މެނުވީ ސަލާމް ނުދެއްވައެވެ. އެކަލޭގެފާނު ޙަދީޘް ކުރެވިއެވެ. "ފަސްރަކްޢަތުން ވިތްރި ކުރަން އެދޭ މީހާ އެގޮތަށް ކުރާ ހުށި ކަމެވެ."

عَنْ عَائِشَةَ ، قَالَتْ : كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، " يُصَلِّي مِنَ اللَّيْلِ ثَلَاثَ عَشْرَةَ رَكْعَةً ، يُوتِرُ مِنْ ذَلِكَ بِخَمْسٍ ، لَا يَجْلِسُ فِي شَيْءٍ إِلَّا فِي آخِرِهَا [2]" މާނައަކީ: ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. "ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޭގަނޑުގެ ނަމާދުގައި ތޭރަ ރަކްޢަތް ކުރައްވައެވެ. އޭގެ ތެރެއިން ފަސްރަކްޢަތަކީ ވިތްރީގެ ރަކްޢަތްތަކެވެ. އޭގެ އެންމެ ފަހު ރަކްޢަތުގައި މެނުވީ އެކަލޭގެފާނު އިށީނދެ ވަޑައިނުގަންނަވައެވެ."

ބައެއް ފަހަރަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިތްރީގެ ހަތްރަކްޢަތް ކުރައްވައެވެ. ފަސްރަކްޢަތުގައި ކުރެއްވި ގޮތަށް އިށީނުމެއް ނެތި އެންމެ ފަހު ރަކްޢަތުގައި ސަލާމް ދެއްވައެވެ. عَنْ أُمِّ سَلَمَةَ ، قَالَتْ : " كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُوتِرُ بِسَبْعٍ أَوْ بِخَمْسٍ لَا يَفْصِلُ بَيْنَهُنَّ بِتَسْلِيمٍ وَلا بِكَلامٍ" [3].މާނައަކީ: މާތް ﷲ ރުއްސުންލެއްވި އުއްމު ސަލަމާގެ ކިބައިން ރިވާވެގެން ވެއެވެ. "ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިތްރީގެ ހަތެއް ނުވަތަ ފަސްރަކްޢަތް ކުރައްވައެވެ. ރަކްޢަތްތަކުގެ ދެމެދުގައި ސަލާމް ދެއްވުމެއް، ވާހަކަ ދެއްކެވުމެއް ނެތިއެވެ."

ބައެއް ފަހަރަށް ވިތުރީގެ ނުވަ ރަކްޢަތް ކުރައްވައެވެ. މިގޮތަށް ކުރައްވާއިރު އަށްވަނަ ރަކްޢަތުގައި މެނުވީ އިށީނދެ ވަޑައިނުގަންނަވައެވެ. އަށްވަނަ ރަކްޢަތުގައި އައްތަޙިއްޔާތަށް އިށީނދެ ވަޑައިގެން ދުޢާ ކުރެއްވުމަށް ފަހުގައި، ތެދުވެވަޑައިގެން ނުވަވަނަ ރަކްޢަތް ކުރައްވައެވެ. އަދި އައްތަޙިއްޔާތާއި ދުޢާ ކިޔުއްވުމަށްފަހު ސަލާމް ދެއްވައެވެ.

އުއްމުލް މުއިމިނީނަ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެން ވެއެވެ. (وَيُصَلِّي تِسْعَ رَكَعَاتٍ لا يَجْلِسُ فِيهَا إِلا فِي الثَّامِنَةِ ، فَيَذْكُرُ اللَّهَ وَيَحْمَدُهُ ، وَيَدْعُوهُ ، ثُمَّ يَنْهَضُ وَلا يُسَلِمُّ ، فَيُصَلِّي التَّاسِعَةَ ، ثُمَّ يَقْعُدُ ، فَيَذْكُرُ اللَّهَ وَيَحْمَدُهُ ، وَيَدْعُوهُ ، ثُمَّ يُسَلِّمُ تَسْلِيمًا يُسْمِعُنَا)[4] މާނައަކީ: "އެކަލޭގެފާނު ނުވަ ރަކްޢަތް ކުރައްވައެވެ. އަށްވަނަ ރަކްޢަތުގައި މެނުވީ އިށިނދެވަޑައި ނުގަންނަވައެވެ. އެހިނދުގައި ﷲ ޛިކްރުކޮށް ޙަމްދު ކުރައްވައި، ދުޢާ ކުރައްވާ ހައްދަވައެވެ. އެއަށްފަހު ސަލާމް ނުދެއްވާ ތެދުވެވަޑައިގަންނަވައެވެ. އަދި ނުވަވަނަ ރަކްޢަތް ކުރައްވައެވެ. ދެން އިށީނދެ ވަޑައިގެން ﷲ އަށް ޛިކްރު ކުރައްވާ، ޙަމްދު ކުރައްވާ، ދުޢާ ކުރައްވައެވެ. އަދި އަހަރުމެންނަށް އަޑުއިވޭ ވަރަށް ހަރުކޮށް ސަލާމް ދެއްވައެވެ."

ބައެއް ފަހަރަށް އެގާރަ ރަކްޢަތް ކުރައްވައެވެ. ބައެއް ފަހަރަށް ކޮންމެ ދެރަކްޢަތަކުން ސަލާމް ދެއްވައެވެ. އަދި އެގާރަވަނަ ރަކްޢަތް ވަކިން ކުރައްވައެވެ.

عَنْ عَائِشَةَ زَوْجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَالَتْ : كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، " يُصَلِّي فِيمَا بَيْنَ أَنْ يَفْرُغَ مِنْ صَلَاةِ الْعِشَاءِ ، وَهِيَ الَّتِي يَدْعُو النَّاسُ الْعَتَمَةَ إِلَى الْفَجْرِ إِحْدَى عَشْرَةَ رَكْعَةً ، يُسَلِّمُ بَيْنَ كُلِّ رَكْعَتَيْنِ وَيُوتِرُ بِوَاحِدَةٍ) މާނައަކީ: އުއްމުލް މުއިމިނީނަ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. "ޢިޝާ ނަމާދުން ފޭއްބީއްސުރެ ފަޖުރު ލުމާއި ދެމެދުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެގާރަ ރަކްޢަތް ކުރައްވައެވެ. ކޮންމެ ދެރަކްޢަތެއް ދެމެދުގައި ސަލާމް ދެއްވައެވެ. އަދި އެންމެ ފަހުން ވިތުރީގެ އެއްރަކްޢަތް ކުރައްވައެވެ."

ބައެއް ފަހަރަށް ހަތަރު ރަކްޢަތުން ހަތަރު ރަކްޢަތުން ކުރައްވައެވެ. އަދި އެއަށްފަހު ގައި ތިން ރަކްޢަތް އެއްކޮށް ކުރައްވައެވެ. އުއްމުލް މުއިމިނީނަ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެން ވެއެވެ.

(يُصَلِّي أَرْبَعًا فَلَا تَسْأَلْ عَنْ حُسْنِهِنَّ وَطُولِهِنَّ ، ثُمَّ يُصَلِّي أَرْبَعًا فَلَا تَسْأَلْ عَنْ حُسْنِهِنَّ وَطُولِهِنَّ ، ثُمَّ يُصَلِّي ثَلَاثًا)[5] މާނައަކީ: "ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަތަރު ރަކްޢަތް ކުރައްވައެވެ. އެރަކްޢަތްތަކުގެ ދިގުކަމާއި ރިވެތި ކަމުގެ ވާހަކަ އިން ސުވާލު ނުކުރާށެވެ. ދެންވެސް ހަތަރު ރަކްޢަތް ކުރައްވައެވެ. އެރަކްޢަތްތަކުގެ ދިގުކަމާއި ރިވެތި ކަމުގެ ވާހަކަ އިން ސުވާލު ނުކުރާށެވެ. ދެން ތިން ރަކްޢަތް ކުރައްވައެވެ."

ޙަންބަލީ އަދި ޝާފިޢީ މަޛްހަބުގެ ޢިލްމުވެރިން ވިދާޅުވެއެވެ. "ވިތުރީގެ އެގާރަ ރަކްޢަތް ކުރާނަމަ ފަހު ރަކްޢަތުގައި މެނުވީ ސަލާމް ދިނުމަކާއި ނުލާ އެއްކޮށް ކުރުން ހުއްދަވެގެން ވެއެވެ. ނޫންނަމަ ދެއައްތަޙިއްޔާތު ކިޔާ ގޮތަށްވެސް ހެދިދާނެއެވެ. އެހެންނަމަ، އަށްވަނަ ރަކްޢަތުގައި އައްތަޙިއްޔާތު ކިޔުމަށްފަހު ނުވަވަނަ ރަކްޢަތުގައިވެސް އައްތަޙިއްޔާތު ކިޔާނީއެވެ."

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *