ރޯދަ ހިފުމާއި ނުހިފުމުގެ މައްސަލާގައި މީސްތަކުން ދިހަ ބަޔަކަށް ބެހިގެންވެއެވެ. އޭގެ ތެރެއިން ތިންވަނަ ބަޔަކީ މޮޔައިންނެވެ.
މޮޔައިންނަކީ ބުއްދި ފިލާގޮސްފައި ތިބޭ މީހުންނެވެ. އެފަދަ މީހުންގެ މައްޗަށް ރޯދަ ވާޖިބު ވެގެން ނުވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (رُفِعَ الْقَلَمُ عَنْ ثَلَاثَةٍ : عَنِ النَّائِمِ حَتَّى يَسْتَيْقِظَ , وَعَنِ الصَّبِيِّ حَتَّى يَشِبَّ , وَعَنِ الْمَعْتُوهِ حَتَّى يَعْقِلَ ) މާނައަކީ: "ތިންމީހެއްގެ މަތިން ގަލަން އުފުއްލިގެންވެއެވެ. ނިދާފައި އޮންނަ މީހާ ހޭލައްޖައުމަށް ދާންދެންނެވެ. ކުޑަކުދިން ބާލިޣްވުމަށް ދާންދެންނެވެ. އަދި ބުއްދިފިލައިގޮސްފައިވާ މީހާ އެނބުރި ބުއްދި އައުމަށްދާންދެންނެވެ."
މީގެ އިތުރުން އަޅުކަމަށް ނިޔަތް ގަތުމަށްޓަކައި އެމީހުންގެ ސަލާމަތް ބުއްދި އެއް ނެތެވެ. ސަލާމަތް ބުއްދި އެއް ނެތި ނިޔަތެއް ނުގަނެވޭނެއެވެ. އަދި ނިޔަތަކާއި ނުލާ އަޅުކަން ޞައްޙަ އެއް ނުވާނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (إِنَّمَا الْأَعْمَالُ بِالنِّيَّاتِ ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى ) މާނައަކީ: "ހަމަކަށަވަރުން ޢަމަލުތައް ބިނާވެގެންވަނީ ނިޔަތުގެ މައްޗަށެވެ. އަދި ހަމަކަށަވަރުން، ކޮންމެ މީހަކަށްވެސް އޮތީ އެމީހަކު ނިޔަތްގަން ކަމެކެވެ."
ބައެއް ފަހަރަށް ބުއްދި ފިލާފައި، އަނެއްބައި ފަހަރަށް ރަގަޅަށް ހުންނަނަމަ، ރަގަޅަށް ހުންނަ ވަގުތުގައި ރޯދަ ހިފަން ޖެހޭނެއެވެ. ދުވާލުގެ ވަގުތެއްގައި ބުއްދިފިލާ ދިޔަ ނަމަވެސް ރޯދަ ބާޠިލް އެއް ނުވާނެއެވެ. ސަބަބަކީ އޭނާ ސަލާމަތުން ހުރެ ރޯދަ އަށް ހުރުމަށް ނިޔަތްގަނެފައިވާތީވެއެވެ. އެހެންކަމުން، އެގޮތަށް ދިމާވި ދުވަހެއްގެ ރޯދަ ގަޟާ ކުރާކަށްވެސް ނުޖެހޭނެއެވެ.
ބުއްދި ފިލާގޮސްފައިވާ މީހަކު ރަމަޟާން މަހުގެ ދުވާލުގެ ވަގުތެއްގައި ރަގަޅު ވެއްޖެނަމަ އެދުވަހުގެ ބާކީބައި ނުކަައިނުބޮއި ހުންނަން ޖެހޭނެއެވެ. ސަބަބަކީ އެހިސާބުން އޭނާ އެހުރީ ރޯދަވާޖިބުވާ މީހުންގެ ތެރެއަށް ވަދެފައެވެ. ނަމަވެސް އެދުވަހުގެ ރޯދަ ގަޟާ ކުރާކަށް ނުޖެހޭނެއެވެ. ސަބަބަކީ ފަޖްރުލީއިރު އޭނާ އަކީ ރޯދަ ވާޖިބުވާ މީހަކަށް ނުވާތީވެއެވެ.