އަރަބިއްޔާ ސްކޫލުގެ ކުދިން މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދިއުން މަނާ ކޮށްފައިވާކަމަށް ބުނެ އެމައްސަލަ ކޯޓަށް ހުށަހަޅައިފިއެވެ.
އަރަބިއްޔާ ސްކޫލްގެ ދަރިވަރުން މޫނު ބުރުގާ އެޅުން މަނާ ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އެންގި އެންގުން ތަންފީޒު ކުރަން ފަށާފައިވަނީ ފާއިތުވި މާރިޗް މަހުއެވެ.
އަރަބިއްޔާ ސްކޫލްގެ ބައެއް ދަރިވަރުން މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދާތީ އެކަމުގައި އަމަލު ކުރާނެ ގޮތުގެ ލަފަޔަކަށް އެދުމުން މިނިސްޓްރީން ވަނީ ޔުނީފޯމް ކޯޑުގައި މިހާރު އޮތް ގޮތަށް ސްކޫލަށް ދަރިވަރުން ހާޒިރުކުރުމަށް އަންގާ ޑިސެމްބަރުމަހު އެ ސްކޫލަށް ސިޓީއެއް ފޮނުވާފައެވެ. އަރަބިއްޔާ ސްކޫލްގެ ޔުނީފޯމް ކޯޑުގައި އަންހެން ކުދިން ލާންޖެހޭނީ ބުރުގާ، ހެދުން، ސްކާޓް އަދި ހަރުވާޅެވެ. އަދި ފިރިހެން ކުދިން ލާން ޖެހޭނީ ގަމީހާއި ފަޓްލޫނެވެެ.
ސްކޫލަށް މޫނުބުރުގާ އަޅައިގެން ދިއުން މަނާކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އެންގި އެންގުން ތަންފީޒުކުރަން ފަށާފައިވާ ކަމަށް އެ ސްކޫލްގެ ބައެއް ބެލެނިވެރިންވަނީ ބުނެފައެވެ. އެނގިފައިވާ ގޮތުގައި، މިނިސްޓްރީން އެގޮތަށް އަންގާފައި ވަނީ މޫނު ބުރުގާ އަޅައިގެން ބައެއް ކުދިން ސްކޫލަށް ދާތީ އެކަމުގައި އެޑިއުކޭޝަންގެ ލަފައަކަށް އެދުމުންނެވެ. އަދި މިނިސްޓްރީގެ އެންގުމާއެކު، އެ ސްކޫލުން މޫނު ބުރުގާ އަޅާ ކުދިންނާއި ބެލެނިވެރިންނާ ވާހަކަދައްކާފައިވެސް ވެއެވެ.
މިމައްސަލަ ރެހެންދި ޗެމްބާސްއިން ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ، އަރަބިއްޔާ ސްކޫކުގެ ކުދިން މޫނު ނިވާ ކޮށްގެން ސްކޫލަށް ދިއުމަށް ދީފައިވާ ހުއްދައާއެކު އެގޮތުގެ މަތިން އަމަލުކުރަމުން ދަނިކޮށް، ގެޒެޓް ކުރުމަކާނުލާ، ފާއިތުވެދިޔަމަހު އެޑިއުކޭޝަނުން އެންގި އެންގުމަކާއި ގުޅިގެން އަރަބިއްޔާގެ ދަރިވަރުންނަށް މޫނު ނިވާކޮށްގެން ސްކޫލަށް ނުދެވޭ މައްސަލަ ހައްލުކޮށް ދިނުމަށް އެދިއެވެ.
އެ ލޯ ފާމުގެ ފަރާތުން މިމައްސަލަ ސިވިލް ކޯޓަށް ހުށަހެޅުއްވީ ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުއެވެ.
މި މައްސަލަ ހުށަހެޅުމަށް ފަހު އާޒިމާ ސޮއިކުރައްވައި ރެހެންދި ޗެމްބާސްއިން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ، މައްސަލަ ވަކި ގޮތަކަށް ނިމެންދެން، އަރަބިއްޔާގެ ދަރިވަރުންނަށް މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދިޔުން މަނާ ނުކުރެވޭނެ ކަމަށް ކޯޓުގެ ވަގުތީ އަމުރަކަށްވެސް އެދިފައިވާނެ ކަމަށެވެ.
މިމައްސަލައާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން އެންމެ ފަހުން ބުނެފައިވަނީ، އަރަބިއްޔާ ކުދިން މޫނު ބުރުގާ އެޅުމާއި ގުޅޭގޮތުން މިފަހުން ވަކި އެއްޗެއް އަންގާފައި ނުވާނެ ކަމުގައެވެ.
އަޒްހަރު ޔުނިވާސިޓީގެ އެހީގައި މީގެ 36 އަހަރު ކުރިން ރާއްޖޭގައި ކިޔަވައިދޭން ފެށި އަރަބިއްޔާ ސްކޫލްގެ ޔުނީފޯމުގައި އަންހެން ކުދިންނަށް ހިމެނެނީ ބުރުގާ، ހެދުން، ސްކާޓް އަދި ހަރުވާޅު އެކަންޏެވެ. ސްކޫލްގައި ކިޔެވޭނީ ބުރުގާ އަޅާ އަންހެން ކުދިންނަށް އެކަންޏެވެ. ނަމަވެސް، މޫނު ބުރުގާ އަޅާ 10 ވަރަކަށް ކުދިން އެބަތިބި ކަމަށްވެއެވެ.
މިނިސްޓްރީގެ އެ އެންގުމާ ގުޅިގެން މޫނު އަޅާ ކުދިން ހާޒިރުކޮށް ނަން ނޯޓުކޮށްފައިވާ ކަމަށް ބެލެނިވެރިން ބުނެ އެވެ. އެކަމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ބެލެނިވެރިން ބުނީ މިއީ، ދަރިވަރުންނަށް ބިރު ދައްކައި ހިންގާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ