އަޚުންނޭވެ. ﷲ ތަޢާލާ އެކަލާންގެ އަޅުތަކުންގެ މައްޗަށް ތަފާތު ވައްތަރުގެ އަޅުކަން ޝަރްޢު ކުރައްވާފައިވެއެވެ. އެއް ވައްތަރެއްގެ އަޅުކަމެއް ކުރުމުގައި ދެމިހުންނަން ޖެހުމުގެ ސަބަބުން ފޫހިވެ، އެކަން ދޫކޮށްލަފާނެތީވެއެވެ. އެހެން އެކަން ކޮށްފިނަމަ، އެފަދަ މީހަކު ގެއްލެނިވެ ހަލާކުވެގެން ދިޔައީއެވެ. އެހެންކަމުން، އަޅުކަމުގައި ދޫކޮށްނުލެވޭނެ ވާޖިބު ކަންތަކާއި، އަދި އެކަމެއް ކުރުމުން ﷲ އަށް ކުއްތަންވެވޭލެއް ބޮޑުވާނެ ފަދަ ނަވާފިލްތައް ވަނީ ލައްވާފައެވެ.
އެގޮތުން ނަމާދާއި މެދު ވިސްނާލަމާށެވެ. ރެއަކާއި ދުވާލު ފަސް ނަމާދު ކުރުމަށް ވަނީ ފަރްޟު ކުރައްވާފައެވެ. އެއީ ކުރުމުން ފަސް ނަމާދު ކަމުގައި ވީނަމަވެސް، ދަރުމަ އާއި ޘަވާބުގެ ގޮތުން ފަންސާސް ނަމާދެވެ.
ﷲ އާއި އިތުރަށް ކުއްތަންވެ، ހެޔޮކަމުގެ މީޒާން ބަރު ކުރުމަށްޓަކައި ސުންނަތް ނަމާދުވަނީ ފަރްޟު ކުރައްވާފައެވެ. މީގެ ތެރޭގައި ފަރްޟު ނަމާދުތަކުގެ ކުރިންނާއި ފަހުން ކުރަން އޮންނަ ރަވާތިބު ސުންނަތްތައް ހިމެނިގެންވެއެވެ. ފަތިސް ނަމާދުގެ ކުރިން ދެރަކްޢަތް، މެންދުރު ކުރިން ހަތަރު ރަކްޢަތް، އަދި ފަހުން ދެރަކްޢަތް، މަޣްރިބް ފަހުން ދެރަކްޢަތް، އަދި ޢިޝާ ފަހުން ދެރަކްޢަތް ޝަރްޢު ކުރައްވާފައިވެއެވެ.
މީގެ އިތުރުން ރޭއަޅުކަން ކުރާ މީހުންނަށް މާތް ﷲ ވަނީ މަދަޙަ ކުރައްވާފައެވެ. ސޫރަތުލް ފުރްގާންގެ 64 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَالَّذِينَ يَبِيتُونَ لِرَبِّهِمْ سُجَّدًا وَقِيَامًا )
މާނައަކީ: "އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުޅައުމަށް، سجدة ކުރުމުގައްޔާއި، قيام އަށްތިބުމުގައި، ރޭގަނޑުގެ ވަގުތު ހޭދަކުރާ މީހުންނެވެ." ސޫރަތުއް ސަޖްދާގެ 16-17 ގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (تَتَجَافَىٰ جُنُوبُهُمْ عَنِ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَاهُمْ يُنفِقُونَ ﴿١٦﴾ فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ ﴿١٧﴾ )
މާނައަކީ: "އެއުރެންގެ ވެރިރަސްކަލާނގެ حضرة އަށް ބިރުވެތިކަމާއި އުންމީދާއެކު دعاء ކުރާ حال، އެއުރެންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެއެވެ. އަދި ތިމަންރަސްކަލާނގެ، އެއުރެންނަށް ދެއްވި ތަކެތީން، އެއުރެން ހޭދަކުރެތެވެ. ފަހެ، އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ نعمة ތައް) އެއްވެސް نفس އަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު عمل ތަކުގެ ޖަޒާއެއް ކަމުގައެވެ."
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (أَفْضَلُ الصَّلَاةِ بَعْدَ الْفَرِيضَةِ قِيَامُ اللَّيْلِ ) މާނައަކީ: "ފަރްޟު ނަމާދަށްފަހު ގައި އެންމެ ހެޔޮ ނަމާދަކީ ރޭއަޅުކަމުގެ ގޮތުގައި ކުރެވޭ ނަމާދެވެ."
އަދިވެސް ޙަދީޘް ކުރެއްވިއެވެ. (يَا أَيُّهَا النَّاسُ ، أَفْشُوا السَّلَامَ ، وَأَطْعِمُوا الطَّعَامَ ، وَصِلُوا الْأَرْحَامَ ، وَصَلُّوا وَالنَّاسُ نِيَامٌ ، تَدْخُلُوا الْجَنَّةَ بِسَلَامٍ) މާނައަކީ: "އޭ މީސްތަކުންނޭވެ. ސަލާމް ގޮވާށެވެ. މީސްތަކުންނަށް ކާންދޭށެވެ. ރަޙިމްގެ ގުޅުން ދަމަހައްޓާށެވެ. މީސްތަކުން ނިދާފައިވަނިކޮށް ނަމާދު ކުރާށެވެ. އޭރުން ސަލާމަތްތެރި ކަމާއި އެކު ސުވަރުގެ ވަދެވޭ ހުއްޓެވެ."