ރޯދައިގެ މާތް ކަމުގެ ތެރޭގައި، ރޯދަވެރިޔާގެ ދަރުމަ އާއި ޘަވާބަކީ އެއްވެސް ލިމިޓެއް ނެތި ﷲ ގެ ޙަޟްރަތުން ދެއްވާ އެއްޗެއް ކަމުގައި ވުން ހިމެނެއެވެ. ގުދްސިއްޔަ ޙަދީޘެއްގައި ވާރިދުވެފައިވެއެވެ.
(قال الله تعالى:كُلُّ عَمَلِ ابْنِ آدَمَ لَهُ ، إِلَّا الصِّيَامَ فَإِنَّهُ لِي ، وَأَنَا أَجْزِي بِهِ ، وَالصِّيَامُ جُنَّةٌ ، وَإِذَا كَانَ يَوْمُ صَوْمِ أَحَدِكُمْ فَلَا يَرْفُثْ وَلَا يَصْخَبْ ، فَإِنْ سَابَّهُ أَحَدٌ أَوْ قَاتَلَهُ ، فَلْيَقُلْ : إِنِّي امْرُؤٌ صَائِمٌ ، وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ ، لَخُلُوفُ فَمِ الصَّائِمِ أَطْيَبُ عِنْدَ اللَّهِ مِنْ رِيحِ الْمِسْكِ ، لِلصَّائِمِ فَرْحَتَانِ يَفْرَحُهُمَا : إِذَا أَفْطَرَ فَرِحَ ، وَإِذَا لَقِيَ رَبَّهُ فَرِحَ بِصَوْمِهِ)
މާނައަކީ: "މާތް ﷲ ވަޙީ ކުރައްވަތެވެ. އާދަމުގެ ދަރިޔާގެ އެންމެހާ ޢަމަލުތައްވަނީ އޭނާ އަށެވެ. ރޯދަ ފިޔަވައެވެ. އެރޯދަ ވަނީ ތިމަން ﷲ އަށެވެ. ރޯދަ އަށް ޖަޒާ ދެއްވާ ހުށީ ތިމަން ﷲ އެވެ. ރޯދަ އަކީ އައްޑަނަ އެކެވެ. ތިޔަބައިމީހުން ކުރެ މީހަކު ރޯދަ އަށް ހުރެއްޖެނަމަ، ޒުވާބުކޮށް، ހަޑިހުތު ކަންތައް ނުކުރާ ހުއްޓެވެ. އެހެން މީހަކު ތިބާ އާއި ދިމާލަށް ހަޑިހުތުރު އެއްޗެއް ބުނިނަމަވެސް، ނުވަތަ ތަޅާފޮޅައި ގަތަސްވެސް ބުނާށެވެ. "އަހުރެން މިހުރީ ރޯދަ އަށެވެ." މުޙައްމަދުގެފާނުގެ ނަފްސު އެ ފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދީ ދަންނަވަމެވެ. ރޯދަވެރިޔާގެ އަނގައިން ދުވާ ވަހަކީ މާތް ﷲ ގެ ޙަޟްރަތުގައި ބޮމަކަސްތޫރި އަށް ވުރެ މީރުވަސް ދުވާ އެއްޗެކެވެ. ރޯދަވެރިޔާ އުފާކުރާނެ ދެކަމެއް ވެއެވެ. ރޯދަ ވީއްލުމުން އުފާ ކުރެއެވެ. އަދި އޭނާގެ ރައްބާއި ބައްދަލުވާ ހިނދުގައި އޭނާގެ ރޯދަ އަށް ޓަކައި އުފާކުރެއެވެ."
އިމާމް މުސްލިމްގެ ރިވާޔަތެއްގައިވެއެވެ.
(كُلُّ عَمَلِ ابْنِ آدَمَ يُضَاعَفُ الْحَسَنَةُ عَشْرُ أَمْثَالِهَا إِلَى سَبْعمِائَة ضِعْفٍ ، قَالَ اللَّهُ عَزَّ وَجَلَّ : " إِلَّا الصَّوْمَ فَإِنَّهُ لِي ، وَأَنَا أَجْزِي بِهِ ، يَدَعُ شَهْوَتَهُ وَطَعَامَهُ مِنْ أَجْلِي )
މާނައަކީ: "އާދަމުގެ ދަރިޔާގެ ޢަމަލުތަކުގެ ދަރުމަ އިތުރު ކުރައްވަތެވެ. ކޮންމެ ހެޔޮ ކަމެއް ދިހަ ގުނައިން ފެށިގެން ހަތްދިހަ ގުނަ އާއި ދެމެދު އިތުރު ކުރައްވަތެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. "ރޯދަ ފިޔަވައެވެ. ރޯދަ ވަނީ ތިމަން ﷲ އަށެވެ. އެއަށް ޖަޒާ ދެއްވާ ހުށީ ތިމަން ﷲ އެވެ. ރޯދަވެރިޔާގެ ޝަހްވަތާއި ކާނާ ދޫކޮށްލާފައިވަނީ ތިމަން ﷲ އަށް ޓަކައެވެ."
މި ޙަދީޘުން ރޯދައިގެ މަތިވެރިކަން އެތައް ގޮތަކުން ދޭހަވެއެވެ.
- އެހެން ހުރިހާ ޢަމަލުތަކާއި ޚިލާފަށް ރޯދަ ވަނީ ﷲ އަށް ޚާއްޞަ ކުރައްވާފައިކަން. އެއީ، ރޯދައިގެ ޝަރަފާއި، ﷲ ތަޢާލާ ރޯދަ ދެކެ ލޯބިވެ ވޮޑިގަތުމާއި، އެކަލާންގެ އަށް އިޚްލާޞްތެރި ވުމުގެ ގޮތުންނެވެ. އެހެނީ ރޯދަ އަކީ އަޅާ އާއި ރައްބާއި ދެމެދުގައިވާ ސިއްރެކެވެ. ﷲ މެނުވީ އެހެން އެއްވެސް ފަރާތަކަށް އެކަމެއް ނޭނގެ އެވެ. މީސްތަކުން ނެތް ތަނެއްގައިވެސް ރޯދަވެރިޔާ ކެއުން ބުއިމުން މަނާވެގަނެގެން ހުންނަނީ ﷲ އަށް ޓަކައެވެ. ﷲ އަށް ބިރުވެތި ވުމުގެ ގޮތުންނެވެ. އެހެނީ، އޭނާގެ ޢަމަލުތައް ބައްލަވާ ވޮޑިގެންވާ ރައްބަކު ވާކަން އޭނާ އަށް އެނގެއެވެ. އެހެންކަމުން، މީހަކަށް ނޭނގުނު ނަމަވެސް، ކެއުން ބުއިމުން ދުރުހެލިވެގެން ހުންނަނީ ﷲ ގެ ޢިގާބަށް ބިރުވެތިވެ، އެކަލާންގެ ޙަޟްރަތުން ދަރުމަ އާއި ޘަވާބަށް އެދިގެންނެވެ. މިކަމަށް ޓަކައި ﷲ އޭނާ އަށް ޝުކުރުވެރިކަން އަދާ ކުރައްވައެވެ. އަދި އެހެނިހެން ޢަމަލު ތަކާއި ޚިލާފަށް ރޯދަ ވަނީ އެކަލާންގެ އަށް ޚާއްޞަ ކުރައްވާފައެވެ. އެހެންކަމުން ގުދްސިއްޔަ ޙަދީޘްގައި އައިސްފައިވެއެވެ. (يَدَعُ شَهْوَتَهُ وَطَعَامَهُ مِنْ أَجْلِي ) މާނައަކީ: " ރޯދަވެރިޔާގެ ޝަހްވަތާއި ކާނާ ދޫކޮށްލާފައިވަނީ ތިމަން ﷲ އަށް ޓަކައެވެ."
ރޯދަވެރިޔާ އަށް ދަރުމަ ދެއްވުމުގައި ޚާއްޞަ ގޮތެއްވާކަން ގިޔާމަތް ދުވަހުން ދޭހަވެއެވެ. ސުފްޔާން ބިން ޢުޔައިނާ ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "ގިޔާމަތް ދުވަހުގައި ﷲ ތަޢާލާ އެކަލާންގެ އަޅުތަކުންގެ ޙިސާބު ބައްލަވަތެވެ. އަދި ރޯދަ ފިޔަވައި އެހެން ޢަމަލުތަކުގައި އޭނާ އަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ދެއްވަތެވެ. ރޯދަ ފިޔަވައި އެހެން ޢަމަލުތަކަށް ބަދަލު ދެއްވަމުން ގޮސް، ހަމަ އެކަނި ރޯދަ އަށް ވުމުން، ރޯދައިގެ ސަބަބުން އެމީހަކު ސުވަރުގެ ވައްދަވަތެވެ."
- ރޯދަ އާއި ބެހޭ ގޮތުން ގުދްސިއްޔަ ޙަދީޘްގައި މާތް ﷲ ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ. (وَأَنَا أَجْزِي بِهِ) މާނައަކީ: "އެރޯދަ އަށް ޖަޒާ ދެއްވާ ހުށީ ތިމަން ﷲ އެވެ." މިތަނުގައި ޖަޒާ ދެއްވުން މިވަނީ އެކަލާންގެ ޙަޟްރަތަށް އިޟާފާ ކުރައްވާފައެވެ. އެހެނީ، ހެޔޮ ޢަމަލުތަކުގެ ދަރުމަ ގިނަ ކުރައްވަނީ ޢަދަދުގެ ގޮތުންނެވެ. ކޮންމެ ހެޔޮ ކަމެއް ދިހަ ގުނައިން ފެށިގެން ގޮސް ހަތްދިހަ ގުނަ އާއި ހަމައަށެވެ. ނަމަވެސް، ރޯދަ އަށް ޖަޒާ ދެއްވުން މިވަނީ ﷲ އަށެވެ. ވަކި ޢަދަދެއް ނެތެވެ. ﷲ އީ ދީލަތިވަންތަ، އިލާހެވެ.
ރޯދަ އަކީ ﷲ އަށް ކިޔަމަންތެރި ވުމާއި، އެކަލާންގެ ނަހީތަކުން ދުރުހެލިވެ ހުރުމަށް ކެތްތެރިކަން އިސްކުރެވޭ ކަމެކެވެ. އަދި އަނގަ ހިތްކުމާއި، ވަރުބަލިވުމާއި، ނަފްސާނީ ގޮތުންނާއި ހަށިގަނޑުގެ ގޮތުން ލިބޭ ބަލިކަށި ކަމަށް ކެތްތެރި ވުމެވެ. އެހެންކަމުން، ރޯދައިގާ އެވަނީ ކެތްތެރި ކަމުގެ ތިން ބާވަތް ފުރިހަމަ އަށް ހިމެނިފައެވެ. އަދި ރޯދަވެރިޔަކީ ކެތްތެރިންގެ ތެރެއިން އެވަނީ ވެފައެވެ. ސޫރަތުއް ޒުމަރުގެ 10 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ ) މާނައަކީ: " ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ حساب އެއްނެތިއެވެ."
- ރޯދަ އަކީ އައްޑަނަ އެކެވެ. އެހެނީ، ނުބައިކަންތަކުންނާއި ނުބައި ވާހަކަ ދެއްކުމުން ރޯދަވެރިޔާ ދުރުހެލި ކުރުވާ ސަލާމަތް ކޮށްދޭ ކަމެކެވެ. އެހެންވެ ޙަދީޘް ކުރައްވާފައިވަނީ (وَإِذَا كَانَ يَوْمُ صَوْمِ أَحَدِكُمْ فَلَا يَرْفُثْ وَلَا يَصْخَبْ ) މާނައަކީ: " ތިޔަބައިމީހުން ކުރެ މީހަކު ރޯދަ އަށް ހުރެއްޖެނަމަ، ޒުވާބުކޮށް، ހަޑިހުތު ކަންތައް ނުކުރާ ހުއްޓެވެ."
މާތް ﷲ ރުއްސުންލެއްވި ޖާބިރުގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (الصِّيَامُ جُنَّةٌ يَسْتَجِنُّ بِهَا الْعَبْدُ مِنَ النَّارِ ) މާނައަކީ: "ރޯދަ އަކީ އައްޑައެކެވެ. ރޯދަވެރިޔާ ނަރަކައިން ސަލާމަތް ކޮށްދޭ އައްޑަނަ އަކަށް ރޯދަވެގެން ދެއެވެ."
- ރޯދަވެރިޔާގެ އަނގައިން ދުވާ ވަހަކީ ﷲ ގެ ޙަޟްރަތުގައި ގޮމަކަސްތޫރި އަށް ވުރެ ވަސްމީރު އެއްޗެކެވެ. ސަބަބަކީ އެވަހެއް ދުވަން މެދުވެރިވީ ސަބަބަކީ ﷲ އަށް ޓަކައި ރޯދަ ހިފުމެވެ. އެހެންކަމުން، އެއީ ﷲ ގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑު، އެއްޗެކެވެ. މީސްތަކުންގެ ތެރޭގައި ކިތަންމެ ނުރުހުންތެރި އެއްޗެއް ނަމަވެސް، އެކަމެއް ދިމާވެފައިވަނީ ﷲ އަށް ޓަކައި ކުރެވުނު ކަމެއްގެ ސަބަބުން ކަމަށްވާތީ، އެކަމަކީ އެކަލާންގެ ޙަޟްރަތުގައި ގެއްލެނިވެގެންވާ ކަމެއް ނޫނެވެ. މިކަމުންވެސް ދޭހަވެގެން ދަނީ ރޯދައިގެ މަތިވެރި ކަމެވެ.
- ރޯދަވެރިޔާ އަށް ދެއުފަލެއްވާކަން. ރޯދަ ވިއްލާ ވަގުތުގައި އެލިބޭ އުފަލާއި، ﷲ ގެ ޙަޟްރަތާއި ބައްދަލުވާ ހިނދުގައި ލިބޭ އުފަލެވެ. ރޯދަ ވިއްލާ ހިނދުގައި ލިބޭ އުފަލަކީ ހެޔޮކަމުގެ ތެރެއިން އެންމެ މަތިވެރި އެއް އަޅުކަން ކަމުގައިވާ ރޯދައިގެ މަތިވެރި އަޅުކަން ފުރިހަމަ ކުރުމުގެ އުފާވެރިކަމެވެ. ﷲ ގެ ޙަޟްރަތާއި ބައްދަލުވާ ހިނދު ލިބޭ އުފަލަކީ ރޯދަވެރިޔާ އަށް މާތް ﷲ ތައްޔާރު ކޮށް ދެއްވާފައިވާ މަތިވެރި ދަރުމަ އާއި ޘަވާބު ލިބުމެވެ. ގިޔާމަތް ދުވަހުގައި ހެޔޮކަންތަކަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ވަގުތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާނެއެވެ. "ރޯދަވެރިން ކޮބައި ހެއްޔެވެ؟ ރައްޔާނޭ ކިޔުނު ދޮރުކޮޅުން ރޯދަވެރިން ސުވަރުގެ ވަންނަ ހުއްޓެވެ. އެދޮރުކޮޅުން ރޯދަވެރިން ފިޔަވާ އެހެން ބަޔަކު ސުވަރުގެ ނުވަންނަ ހުއްޓެވެ.
އަދިވެސް މި ޙަދީޘް ގައި އިރްޝާދު ދެއްވާފައިވަނީ ރޯދަޔަށް ހުއްޓާ މީހަކު ހަޑިހުތުރު އެއްޗެއްކީނަމަވެސް، ނުވަތަ ތަޅާ ފޮޅާ ހެދިނަމަވެސް، އެމީހަކަށް ރައްދު ނުދިނުމަށެވެ. އަދި އެމީހެއްގެ ކުރިމަތީގައި ހަނުހުރެ ބަލިކަށިވުމެއްވެސް ނޫނެވެ. އެހެންނަމަވެސް، އެމީހެއްގެ ގާތުގައި "ތިމަންނާ މިހުރީ ރޯދަ އަށޭ" ބުނެމެވެ.
އެހެންކަމުން، ރޯދަ އަށް އިޙްތިރާމް ކުރުމުގެ ގޮތުން އެމީހަކަށް ރައްދުދެވެން ނެތް ވާހަކަ ބުނުމެވެ. ފަހަރުގައިވެސް ބަދަލުގައި ރައްދު ދިނުމުގެ އާރާއި ބާރު ނެތިގެންނެއް ނޫނެވެ. މިގޮތަށް ކަންތައް ކުރުމުން އަރާރުން ކެނޑިގެން ދެއެވެ.
ސޫރަތު ފުއްޞިލަތްގެ 34-35 އަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَا تَسْتَوِي الْحَسَنَةُ وَلَا السَّيِّئَةُ ۚ ادْفَعْ بِالَّتِي هِيَ أَحْسَنُ فَإِذَا الَّذِي بَيْنَكَ وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌ ﴿٣٤﴾ وَمَا يُلَقَّاهَا إِلَّا الَّذِينَ صَبَرُوا وَمَا يُلَقَّاهَا إِلَّا ذُو حَظٍّ عَظِيمٍ ﴿٣٥﴾ ) މާނައަކީ: "ރަނގަޅު ކަންތަކާއި، ނުބައިކަންތައް ހަމަހަމަވެގެނެއް ނުވެތެވެ. އެންމެހެޔޮ، ރިވެތިގޮތުން ތިބާ (ނުބައިކަންތައް) ދުރުކުރާށެވެ. ފަހެ، އެހާރުން ތިބާއާ އޭނާއާ ދެމެދުގައި عداوة ތެރިކަމެއްވާ މީހާ، ގާތް رحمة ތެރިޔަކު ފަދައިން ވެދާނެތެވެ. އަދި ކެތްތެރިވި މީހުންނަށްމެނުވީ، އެ މާތްސިފަ ލިބިއެއް ނުގަނެވޭނެތެވެ. އަދި ބޮޑުވެގެންވާ ނަސީބުވެރިޔަކަށްމެނުވީ، އެ މާތްސިފަ ލިބިއެއް ނުގަނެވޭނެތެވެ."