އަޚުންނޭވެ. މިއީ ﷲ ތަޢާލާ ތިޔަބައިމީހުންނަށް ޓަކައި ރައްކާތެރި ކޮށް ދެއްވާފައިވާ ފަސްކަމެވެ. އެހެން އުއްމަތުގެ މީހުންނަށް ނުދެއްވާ ކަމެއް މިވަނީ ދެއްވާފައެވެ. މިއީ ވަރަށްވެސް ބޮޑު ނިޢުމަތެކެވެ. ﷲ ގެ ނިޢްމަތްތައް ގިނަގުނައެވެ. ސޫރަތު އާލުޢިމްރާންގެ 110 ވަނަ އާޔަތުގައި ވަޙީ ކުރައްވަނީ މިފަދައިންނެވެ. (كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللَّـهِ ۗ )
މާނައަކީ: "މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ أمّة ކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް أمر ކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން اللَّه އަށް إيمان ވަމުއެވެ."
ފުރަތަމަ ކަންތައް: ރޯދަވެރިޔާގެ އަނގައިން ދުވާ ވަހަކީ ﷲ ގެ ޙަޟްރަތުގައި ބުމަކަސްތޫރި އަށް ވުރެ ވަސްރަނގަޅު އެއްޗަކަށް ވުން:
ގޮހޮރަށް ކާ އެއްޗެއް ނުގޮސް ގިނަ އިރު ވުމުން އަނގައިން ނުބައި ވަހެއް ދުވައެވެ. އެއީ މީސްތަކުންގެ ތެރޭގައި ނުރުހުންތެރި ވަހެކެވެ. ނަމަވެސް، ﷲ ގެ ޙަޟްރަތުގައި ގޮމަ ކަސްތޫރި އަށް ވުރެ މީރު ވަހެއް ހުރި އެއްޗެކެވެ. ސަބަބަކީ އެވަހެއް ދުވަނީ ﷲ އަށް ކުރެވޭ އަޅުކަމަކާއި ކިޔަމަންތެރި ކަމެއްގެ ސަބަބުން ކަމަށް ވާތީވެއެވެ. އެފަދަ ކަމެއްގެ ސަބަބުން ދިމާވާ ކޮންމެ ކަމަކީ ﷲ ތަޢާލާ އޭގެ ބަދަލު ދެއްވާނެ ކަންތަކެވެ. ﷲ ގެ މަގުގައި ޖިހާދު ކުރަނިކޮށް ޝަހީދުވީ މީހުން ގިޔާމަތް ދުވަހުގައި މަޙްޝަރު ކުރެއްވޭ އިރުގައި ގައިގާ ހުރި ފާރުތަކުން ލޭ އޮހެރެމުން ދާނެއެވެ. ލޭ ކުލައިގާ ހުރިނަމަވެސް އޭގެ ވަހަކީ ގޮމަކަސްތޫރި އަށް ވުރެ މީރުވަހެކެވެ.
ޢަރަފާތު ބިމުގައި ތިބޭ މީހުންނާއި ބެހޭ ގޮތުން މަލާއިކަތް ބޭކަލުންނަށް ވަޙީ ކުރައްވާނެއެވެ. (انْظُرُوا إِلَى عِبَادِيَ أَتَوْنِي شُعْثًا غُبْرًا ) މާނައަކީ: "ތިމަން ﷲ ގެ މިއަޅުތަކުންނަށް ބައްލަވާށެވެ. އެބައިމީހުން އައިސް އެތިބީ ބޯހާވާލައިގެން ހިރަފުހާ އެކުއެވެ." މިތަނުގައި ބޯހާވައިގެން ތިބުން ﷲ ގެ ޙަޟްރަތުގައި ލޮބުވެތި ޞިފަ އަކަށް ވެފައިވަނީ އެކަން އެގޮތަށް ވެފައިވަނީ އިޙްރާމް އެޅުމުގެ ސަބަބުން ޙަރާމްވެފައިވާ ކަންތަކުން ދުރުހެލިވެ، ޒީނާތްތެރިކަން ދޫކޮށްލާފައި ވުމުގެ ސަބަބުންނެވެ. އެއީ ﷲ އަށް ކިޔަމަންތެރިކަން އަދާ ކުރުމުގެ ގޮތުންނެވެ.
ދެވަނަ ކަމަކީ: ރޯދަ ވީއްލުމަށް ދާންދެން މަލާއިކަތް ބޭކަލުން އެބައިމީހުންގެ ފާފަ ފުއްސަވައި ދެއްވުން އެދި ދުޢާ ކުރުން:
މަލާއިކަތް ބޭކަލުންނަކީ މާތް ﷲ މާތް ކުރައްވާފައިވާ އެކަލާންގެ އަޅުންތަކުންގެ ތެރެއިންވާ ބަޔެކެވެ. އެބައިމީހުންނަށް މާތް ﷲ އަމުރު ކުރެއްވި ކޮންމެ ކަމެއް ކުރެއެވެ. އެއްވެސް އަމުރަކަށް ނުކިޔަމަންތެރި ނުވެއެވެ. އެބޭފުޅުންގެ ދުޢާ މާތް ﷲ އިޖާބަ ކޮށްދެއްވުން ގާތެވެ. ރޯދަވެރިޔާ އަށް ޓަކައި މަލާއިކަތް ބޭކަލުން ﷲ ގެ ޙަޟްރަތުގައި ދުޢާ ކުރުމުގެ މާނައަކީ ރޯދައިގެ މަތިވެރިކަމެވެ. އަދި ރޯދަވެރިޔާގެ މަތިވެރި ކަމެވެ.
ތިންވަނަ ކަމަކީ: އެބައިމީހުންނަށް ޓަކައި ކޮންމެ ދުވަހަކު ﷲ ތަޢާލާ ސުވަރުގެ ޒީނަތްތެރި ކޮށްދެއްވަތެވެ. މާތް ﷲ ވަޙީ ކުރައްވައެވެ. "ތިމަން ﷲ ގެ ޞާލިޙް އަޅުތަކުންށް ދަތި އުނދަގޫތައް ފިލައި، ތިބާ އާއި ގާތަށް އަންނަން ގާތްވެއްޖެއެވެ."
ކޮންމެ ދުވަހަކު ސުވަރުގެ ޒީނަތްތެރި ކުރެއްވުމުގެ ބޭނުމަކީ ﷲ ގެ ޞާލިޙް އަޅުތަކުންނަށް އެތަނަށް ވާޞިލް ވުމަށް ގަދަ އަޅައި މަސައްކަތް ކުރުމަށް ބާރުއެޅުއްވުމެވެ.
"ތިމަން ﷲ ގެ ޞާލިޙް އަޅުތަކުންށް ދަތި އުނދަގޫތައް ފިލައި، ތިބާ އާއި ގާތަށް އަންނަން ގާތްވެއްޖެއެވެ." މިފަދައިން ވަޙީ ކުރެއްވުމުން ދޭހަވަނީ އެބައިމީހުން ދުނިޔޭގެ ދަތިތައް ތަޙައްމުލް ކޮށް، ހެޔޮ ޢަމަލު ގިނަ ކުރުމަށް މަސައްކަތްކޮށް، ސަލާމަތުގެ ގޯތި ސުވަރުގެ އަށް ވާޞިލް ވުމަށް މަސައްކަތް ކުރާ ކަމެވެ.
ހަތަރުވަނަ ކަމަކީ: ޝައިޠާނުންގެ ތެރެއިން މާރިދުންގެ ގައިގާ ކަސްތޮޅު އެޅުވިފައިވާކަން.
އެހެންކަމުން، ﷲ ގެ އަޅުތަކުން މަގުފުރެއްދުމަށް ޓަކައި އެބައިމީހުންގެ ގާތަށް އެތަކެއްޗަށް ވާޞިލު ނުވެވޭނެއެވެ. އިންސާނާގެ އެންމެ ބޮޑު ޢަދާވާތްތެރިޔާ ކަމުގައިވާ ޝައިޠާނުން ބަންދު ކުރައްވާ، އިންސާނުންނާއި ހަމައަށް ވާޞިލު ވުމުގެ ދޮރުތައް ބަންދު ކުރައްވަތެވެ. ޝައިޠާނާ އޭނާގެ ބައިވެރިނަށް އަބަދުވެސް ގޮވާލަމުން ދަނީ ނަރަކައިގެ އަހްލުވެރިން ކަމުގައި ވުމަށެވެ. އެހެންނަމަވެސް، ރަމަޟާން މަހުގައި މާރިދުންތައް ކަސްތޮޅު އެޅުވިފައި ވުމުގެ ސަބަބުން ޞާލިޙް އަޅުތަކުން ރަމަޟާން މަހުގައި ހެޔޮ ޢަމަލުތައް ގިނަކޮށް، ނުބައިކަންތައް ތަކުން ދުރުހެލިވުމަށް އެހެން މައްސަރުތަކަށް ވުރެ ބޮޑަށް މަސައްކަތް ކުރެއެވެ.
ފަސްވަނަ ކަމަކީ: ރަމަޟާންމަހުގެ އެންމެ ފަހު ރޭގައި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އުއްމަތުގެ އެންމެންގެ ފާފަ ފުއްސަވާ ދެއްވުން.
މި މައްސަރުގައި ރޭއަޅުކަން ކުރުމާއި، ރޯދަ ހިފުން ފުރިހަމަ ގޮތުގައި ކޮށްފިނަމަ، އެކަމުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން އަޅުކަން ނިމޭ ރޭގައި މާތް ﷲ އެބައިމީހުންގެ ފާފަ ފުއްސަވައި ދެއްވަތެވެ. ހަމަކަށަވަރުން، މަސައްކަތު މީހުންގެ އުޖޫރަ ދެވޭ ހުށީ އެބައިމީހުންގެ ޢަމަލުތައް ފުރިހަމަ ކުރާ ހިނދުއެވެ.
މާތް ﷲ ގެ އަޅުތަކުންނަށް މިމަތިވެރި އަޖުރު ދެއްވުމުގައި ތިން ގޮތެއް ވަނީ ލައްވާފައެވެ. އެއީ:
- އެކަމެއް ކުރުމުގެ ސަބަބުން ދަރަޖަ މަތިވެރިވެ، ފާފަ ފުއްސެވޭ ފަދަ ޢަމަލެއް މާތް ﷲ ޝަރްޢު ކުރައްވާފައިވުން. އެކަމަކީ މާތް ﷲ ޝަރްޢު ކުރައްވާފައިވާ ކަމެއް ނޫންނަމަ، އަޅުތަކުންނަށް އެކަމެއް ނުކުރެވުނީހެވެ. އެހެނީ، އަޅުކަން ކުރެވެނީ ﷲ އެކަމެއް ޝަރްޢު ކުރެއްވުމުން ކަމަށްވާތީވެއެވެ. ﷲ ބާވާލެއްވި ޝަރީޢަތް ނޫން ގޮތަކަށް އަމިއްލަ އަށް ޝަރީޢަތެއް ހެދުމަށް މަސައްކަތް ކުރާ މީހުންގެ ޢަމަލަށް އިންކާރު ކުރައްވައި، އަދި އެއީ ޝިރްކުގެ ޢަމަލެއްކަން ބަޔާން ކުރައްވައި ޝޫރާ ސޫރަތުގެ 21 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. (أَمْ لَهُمْ شُرَكَاءُ شَرَعُوا لَهُم مِّنَ الدِّينِ مَا لَمْ يَأْذَن بِهِ اللَّـهُۚ وَلَوْلَا كَلِمَةُ الْفَصْلِ لَقُضِيَ بَيْنَهُمْ ۗ وَإِنَّ الظَّالِمِينَ لَهُمْ عَذَابٌ أَلِيمٌ ) މާނައަކީ: "ނުވަތަ اللَّه، إذن ދެއްވާފައިނުވާ دين އެއް، އެއުރެންނަށް، شرع ކޮށް ކަނޑައަޅައިދިން شريك ންތަކެއް އެއުރެންނަށް ވޭހެއްޔެވެ؟ ޖަޒާދެއްވުން ކަނޑައެޅިގެންވާ ދުވަހަށް ލަސްކުރެއްވުމުގެ كلمة ފުޅުނުވާނަމަ، އެއުރެންގެމެދުގައި ނިޔާ ކަނޑައެޅުއްވީސްކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން، އަނިޔާވެރިންނަށް ވޭންދެނިވި عذاب ހުށްޓެވެ."
- ހެޔޮ ޢަމަލު ކުރުމުގެ ތައުފީގް މާތް ﷲ އެބައިމީހުންނަށް ދެއްވާފައިވާ ކަން. އެހެނީ، ގިނަބަޔަކު ވަނީ އެކަމުން ޣާފިލުވެގަންފައެވެ. މާތް ﷲ ގެ މަދަދާއި އެހީތެރިކަން ނުލިބުނުނަމަ، އެބައިމީހުނަށް ހެޔޮ ޢަމަލެއް ނުކުރެވުނީހެވެ. ސޫރަތުލް ޙުޖުރާތުގެ 17 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (يَمُنُّونَ عَلَيْكَ أَنْ أَسْلَمُواۖ قُل لَّا تَمُنُّوا عَلَيَّ إِسْلَامَكُم ۖ بَلِ اللَّـهُ يَمُنُّ عَلَيْكُمْ أَنْ هَدَاكُمْ لِلْإِيمَانِ إِن كُنتُمْ صَادِقِينَ ) މާނައަކީ: "އެއުރެން إسلام ވީކަމަށް ކަލޭގެފާނަށް އެއުރެން ކަލަގޮވަތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން إسلام ވީކަމަށްޓަކައި ތިމަންކަލޭގެފާނަށް ތިޔަބައިމީހުން ކަލަނުގޮވާށެވެ! އަދި ކިއެއްތަ! ތިޔަބައިމީހުންނަށް إيمان ކަމަށް މަގުދެއްކެވިކަމަށްޓަކައި اللَّه، ތިޔަބައިމީހުންގެ މައްޗަށް ދަރުމަވަންތަވެވޮޑިގެންވެތެވެ. (އެއީ) ތިޔަބައިމީހުން ތެދުވެރިން ކަމުގައިވާނަމައެވެ"
- މަތިވެރި ދަރުމަ ކަނޑަ އަޅުއްވާފައިވާކަން. ކޮންމެ ހެޔޮ ކަމަކީ ދިހަ ގުނަ އާއި ހަތްދިހަ ގުނަ އާއި ދެމެދު އިތުރުވެގެންދާ ކަމެއްގެ ގޮތުގައި ލައްވާފައިވުން. މިއީ މާތް ﷲ އެކަލާންގެ އަޅުތަކުންނަށް ދެއްވާފައިވާ ވަރަށް ވެސް ބޮޑު ނިޢުމަތެކެވެ. ﷲ އަށް ޙަމްދު ހުއްޓެވެ.