ރޯދަ ހިފުމާއި ނުހިފުމުގެ މައްސަލާގައި މީސްތަކުން ދިހަ ބަޔަކަށް ބެހިގެންވެއެވެ. މިއަދު މި ގެނެސްދެނީ އޭގެ ތެރެއިން ފުރަތަމަ ބައެވެ.
ފުރަތަމަ ބައި: ބުއްދި ސަލާމަތުން ހުރި، ބާލިޣްވެފައިވާ، ރަށުގައި ގާއިމްވެ ހުރި، އަދި ރޯދަހިފުން މަނާކުރާނެ އެންމެހައި ކަންކަމުން ސަލާމަތްވެގެންވާ މީހާ، މިފަދަ މީހުން ރަމަޟާންމަހުގައި ރޯދަހިފުން ވާޖިބު ވެގެންވެއެވެ. ގުރްއާނާއި ސުންނަތުން އަދި އިޖްމާޢުން އެކަމަށް ދަލީލު ލިބެއެވެ. ސޫރަތުލް ބަގަރާގެ 185 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
رمضان މަހަކީ، އެމަހެއްގައި قرآن ބާވައިލެއްވި މަހެވެ. (އެ قرآن ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި هداية އާއި حق އާއި باطل ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި حاضر ވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ!"
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (إِذَا رَأَيْتُمُ الْهِلَالَ فَصُومُوا ) މާނައަކީ: "ތިޔަބައިމީހުންނަށް ހަނދު ފެނިއްޖެނަމަ ރޯދަ ހިފާށެވެ."
އިސްވެ ބަޔާންކުރެވުނު ޞިފަތައް އެމީހެއްގެ ކިބައިގާ ހަމަވާ މީހާ ރަމަޟާންމަހު ރޯދަ ހިފުމަކީ ވާޖިބެއް ކަމަށް މުޅި އުއްމަތްވަނީ އިޖްމާޢުވެފައެވެ.
ކާފިރުން ރޯދަހިފާކަށް ނުޖެހެއެވެ. އަދި ރޯދަހިފި ނަމަވެސް އެކަން ގަބޫލެއް ނުކުރައްވާނެއެވެ. ސަބަބަކީ އެބައިމީހުންނަކީ އަޅުކަން ކުރުމުގެ އަހްލުވެރި ބަޔަކަށް ނުވުމެވެ. ރަމަޟާންމަހުގެ ތެރޭގައި މީހަކު އިސްލާމްވެއްޖެނަމަ އޭގެ ކުރީގެ ދުވަސްތަކުގެ ރޯދަ ގަޟާކުރާކަށް ނުޖެހޭނެއެވެ. ސޫރަތުލް އަންފާލްގެ 38 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. ( قُل لِّلَّذِينَ كَفَرُوا إِن يَنتَهُوا يُغْفَرْ لَهُم مَّا قَدْ سَلَفَ ) މާނައަކީ: " كافر ވި މީހުންނަށް، ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެން (ހަނގުރާމަކުރުމާއި، كافر ކަން) ހުއްޓާލައިފިނަމަ، އެއުރެންނަށް އިސްވެގޮސްފައިވާ ފާފަތައް ފުއްސަވާހުށްޓެވެ."
ދުވަހުގެ މެދުތެރެއިން އިސްލާމްވެއްޖެނަމަ އެދުވަހުގެ ބާކީބައިގާ ނުކައި ނުބޮއި ހުންނަން ޖެހޭނެއެވެ. ސަބަބަކީ އޭނާ އިސްލާމްވުމާއި ހަމައިން ރޯދަހިފުން ވާޖިބު މީހަކަށްވީތީވެއެވެ. ނަމަވެސް، އެދުވަހުގެ ރޯދަ ގަޟާކުރާކަށް ނުޖެހޭނެއެވެ. ސަބަބަކީ އެދުވަހުގެ ފަޖްރުގެ ވަގުތުވީ އިރު އޭނާއަކީ ރޯދަހިފުން ވާޖިބު މީހަކަށް (މުސްލިމަކަށް) ނުވާތީވެއެވެ.