ރޯދަމަހުގެ ތަހުނިޔާއާއެކު ޔާމީން އެދިވަޑައިގަތީ އަޅުވެތިކަމުން ޤައުމު ސަލާމަތްކުރުމުގެ މަސައްކަތް ހުއްޓާ ނުލަން

ރޯދަމަހުގެ ތަހުނިޔާއާއެކު ޔާމީން އެދިވަޑައިގަތީ އަޅުވެތިކަމުން ޤައުމު ސަލާމަތްކުރުމުގެ މަސައްކަތް ހުއްޓާ ނުލަން

Author
ޢަލީ އާދަމް
23 މާރޗް 2023 07:32
0

ރަމަޟާން މަހުގެ ތަހުނިޔާއާއެކު އިދިކޮޅު ލީޑަރު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އެދިވަޑައިގަތީ އަޅުވެތިކަމުން ދިވެހި ޤައުމު ސަލާމަތްކުރުމަށާއި، ޤައުމު ވެއްޓިފައިމިވާ އަޑިގަނޑުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތް ހުއްޓާނުލުމަށްކަމަށް ޕީޕީއެމް/ޕީއެންސީން ބުނެފިއެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރަމަޟާން މަހުގެ ތަހުނިޔާ ކިޔައި ނެރުނު ނޫސްބަޔާނެއްގައިވަނީ ރަމަޟާންމަހުގެ ޔާހެޔޮއެދުން ދިވެހި އެންމެހާ ރައްޔިތުންނަށާއި އިސްލާމީ އުންމަތަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފޮނުއްވާކަމަށެވެ. އަދި މި ތަހުނިޔާއާއި ހެޔޮ އެދުމުގައި އިސްލާމީ ޤައުމުތަކުގެ ލީޑަރުންނަށާއި އިސްލާމީ އުންމަތް ޝަމިލުކުރައްވާކަމަށްވެސް އިދިކޮޅު ކޯލިޝަނުގެ ނޫސްބަޔާނުގައިވެއެވެ. އަދި މި މަތިވެރި މައްސަރުގެ ބޭނުން ހެޔޮ ގޮތުގައި ހިތްޕެވުމަށާއި، ހެޔޮ ދަރުމައާއި ޘަވާބަށް އެދިގެން އެންމެހާ ރައްޔިތުންގެ ޢަމަލުތައް ސީދާ ކުރައްވާ މިމައްސަރުގެ ހެޔޮ ރަޙުމަތް ހޯދުމަށް ގަދައަޅާ މަސައްކަތް ކުރާ ބަޔަކަށް ވުމަށް އެންމެހާ ރައްޔިތުންނަށް އެމަނިކުފާނު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައިކަމަށްވެސް ވެއެވެ.

މިރަމަޟާން މަހު ޢާއިލާއާއި ރައްޔިތުންނާ، ވަކިން އެކަހެރިކޮށް ހުންނަވަން ޖެހުމުގެ ހިތްދަތިކަން އެމަނިކުފާނަށް އިޙުސާސްކުރެއްވުނުނަމަވެސް، އެމަނިކުފާނުގެ ޢަޒުމަކަށްވެސް އަދި ހިތްވަރަކަށް އެއްވެސް ބަދަލެއް ނާންނަކަމަށާއި، ހުންނެވީ ވަރަށް ސާބިތުކަމާއެކު ވަރުގަދަކޮށްކަމުގައި ވަނީ ވިދާޅުވެފައިކަމަށްވެސް އެބަޔާނުގައިވެއެވެ. އަދި ރަމަޟާން މަހުގެ ދަރުމައާއި ޘަވާބަށް އެދި ގަދައަޅާ މަސައްކަތް ކުރައްވާއިރު، ޤައުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، އަޅުވެތިކަމުން ދިވެހި ޤައުމު ސަލާމަތްކުރުމަށާއި، ވެއްޓިފައި މިވާ އަޑިގަނޑުން އަރައިގަތުމަށް ދިވެހި ރައްޔިތުން ކެނޑިނޭޅި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ހިތއްވަރު ދެއްވައި އެމަސައްކަތްޕުޅު ހުއްޓަވާނުލައްވައި ކުރިއަށް ގެންގޮސްދެއްވުން އެއީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާނޭ އެންމެ ބޮޑު ހިތްވަރުކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައިކަމަށް އިދިކޮޅުގެ ނޫސްބަޔާނުގައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.