137 މިލިއަން ޑޮލަރުގެ، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު މަޝްރޫއު އިފްތިތާހު ކޮށްފި

137 މިލިއަން ޑޮލަރުގެ، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު މަޝްރޫއު އިފްތިތާހު ކޮށްފި

Author
ހުސެއިން
18 ޖެނުއަރީ 2023 10:28
0

136.6 މިލިއަން ޑޮލަރުގެ، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަޝްރޫޢު މިރޭ އިފްތިތާހު ކޮށްފިއެވެ.

މިރޭ ހަނިމާދޫގައި ބޭއްވުނު ޚާއްސަ ރައްސްމިއްޔާތެއްގައި މިމަޝްރޫޢު އިފްތިތާހު ކޮށްދެއްވަމުން ރައީސް ސާލިހު ވިދާޅުވީ ހަނިމާދޫގައި އަޅާ ބައިނަލް އަގުވާމީ ފެންވަރުގެ އެއަރޕޯޓަކީ 1.2 މިލިއަން ފަސެންޖަރުންނަށް ޚިދުމަތް ފޯރުކޮށް ދިނުމުގެ ގާބިލްކަން ހުރި، އެންމެ ޒަމާނީ ފެންވަރުގެ ޚިދުމަތް ފޮރުކޮށްދެވޭނެ ރީތި ޓާމިނަލްއެއް ހުންނާނެ އެއަރޕޯޓެއް ކަމުގައެވެ.

މިގޮތުން މި އެއަރޕޯޓުގައި އަޅާ 2.46 ކިލޯ މީޓަރުގެ ރަންވޭއަކީ ދުނިޔޭގެ ބޮޑެތި ބޯޓުފަހަރަށް ޖެއްސޭނެ ވަރުގެ ރަންވޭއެއްކަމަށް ވިދާޅުވަމުން ރައީސް ސާލިހު ވިދާޅުވީ ބައިނަލް އަގުވާމީ އެއަރޕޯޓަކުން ލިބޭނެ ހުރިހާ ވަސީލަތްތަކެއް ހަނިމާދޫގައި ގާއިމް ވެގެންދާނެ ކަމުގައިވެ. އަދި ހަނިމާދޫ ބައިނަލްއަގުވާމީ އެއަރޕޯޓު ވެގެންދާނީ ބޮޑުތިލަދުންމަތީގެ ރައްޔިތުން ފަޚުރުވެރިވާނެ އެއަރޕޯޓަކަށް ކަމުގައިވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

މި އެއަރޕޯޓު ވެގެން ދާނީ ބޮޑު ތިލަދުންމައްޗާއި މި އުތުރުގެ ރައްޔިތުން ފަޚުރުވެރިވާނެފަދަ ޒަމާނީ އެއަރޕޯޓަކަށް. މިއެއަރޕޯޓު ނިމުމާއެކު ސީދާ ގޮތުންނާއި ނުސީދާ ގޮތުންވެސް މިސަރަހައްދުގެ އިގްތިސާދު ފެނުން ތޮޅިލާ އުދަވާން ފަށާނެ. އެތައްހާސް ވަޒީފާއެއް އުފެދިގެން ދާނެ. ގެސްޓު ހައުސްތަކާއި ސިޓީ ހޮޓާތަކާއި ރިސޯޓުތަކުގެ އެނދުތައް ބޮޑުތިލަދުންމަތީގައި އެތައް ގުނައަކަށް އިތުރުވެގެން ދާނެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ޖައިޝަންކަރުވެސް ހާޒިރުވެ އިންނެވި މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވިއެވެ.

މި ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ މާލޭ އެއަރޕޯޓު ހުޅުވުމުގެ ކުރިން ހުޅުލެއަކަީވެސް ހަނިމާދޫ ފަދައިން ހިމަކޮށް ދިގުކޮށް އޮތް ރަށެއްކަމަށާއި، އެހެންނަމަވެސް މާލޭ ސަރަަހައްދަށް އައިސްފައިވާ ބޮޑު ބަދަލުގެ އަސްލަކީ ހުޅުލޭ އެއަރޕޯޓު ހުޅުވުން ކަމުގައެވެ. އަދި މާލޭ ސަރަހައްދުގެ ދަތުރުފަތުރު ހައި ސްޕީޑަށް ބަދަލުވެގެން ދިޔަ ދިައުމުގެ ހަގީގީ އަސްލަކީ ހުޅުލޭ އެއަރޕޯޓުކަމުގައި ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ހަނިމާދޫ ބައިނަލްއަގުވާމީ އެއަރޕޯޓު ހުޅުވިގެން ދިއުމުން އިގްތިސާދީ ގިނަ ފުރުސަތު ތަކެއް އެސަރަހައްދުގައި ގާއިމްވެގެން ދާނެ ކަމުގައެވެ.

އިގުތިސަދީ ވަރުގަދަ ހަބަކަށް ބޮޑު ތިލަދުންމަތި ހެދުމަށް މަގުފަހި ވެގެންދާނެ. މިދެންނެވީ މި އެއަރޕޯޓަށްފަހު ތަބީއަތުން އޭގެ ޒާތުގައި ގެނެސްދޭނެ ކުރިއެރުމާއި ތަރައްގީ. މިކަން ދިވެހިން މިތިބީ ތަޖުރިބާ ކޮށްފަ. ބައިނަލްއަގުވާމީ އެއަރޕޯޓަކީ ތަރައްގީގެ ރަސްމަގަށް ހުޅުވޭ މައި ދޮރާށިކަން އޮތީ ސާބިތުވެފަ. މީގެ ދިރިދިރި އޮތް މިސާލަކީ މާލެ ސަރަހައްދުގައި އޮތް ހުޅުލެ.

މާލޭ ސަރަހައްދަށް އައި ތަރައްގީއާއި ކުރިއެރުމުގެ އަސްލަކީ ހުޅުލޭ ބައިނަލްއަގުވާމީ އެއަރޕޯޓުކަން ފާހަގަ ކުރައްވަމުން ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ބައިނަލްއަގުވާމީ މި އެއަރޕޯޓުގެ ޒަރީއާއިން ބޮޑު ތިލަދުންމައްޗާއި ބޮޑު އުތުރު ދުނިޔެއާއި ގުޅުވާލުން ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.