ރާއްޖެއަށް އެތެރެކުރާ މުދާތައް ރާއްޖެއަށް ގެނައުމަށް ބޭނުންވާ ބޭރުފައިސާ ހޯދުމަށްޓަކައި މިހާލަތުގައި ޓީޖީއެސްޓީ ބޮޑު ކުރުމަށް ނިންމި ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ހުށަހެޅި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤްކުރައްވާފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ. މި ބަދަލަށް މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ވަނީ އަމަލު ކުރަން ފަށާގައެވެ. މިބަދަލާއިއެކު ޓީޖީއެސްޓީގެ ގޮތުގައި ނަގާނީ 12 ޕަސެންޓުގެ ބަދަލުގައި 16 ޕަސެންޓުގެ ރޭޓުންނެވެ.
މެމްބަރު ޝަރީފް ވިދާޅުވީ ދުނިޔޭގެ އިޤްތިޞާދަށް އަންނަމުންދާ ބަދަލުތަކާއިއެކު މިއަހަރުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރާ މުދާތައް ގެނައުމަށް ބޭނުންވާ ބޭރުފައިސާ ހަމަޖެއްސުމަށް މިހާލަތަކީ ޓީޖީއެސްޓީ ބޮޑުކުރަން އެންމެ ރަނގަޅު ވަގުތކަމަށެވެ. އޭނާ ވިދާޅުވީ ބައެއް ސިޔާސީ ފަރާތްތަކުންނާއި، ބައެއް މަހުޖަނުން ރާއްޖެ ސްރީލަންކާ އޮތް ހާލަތަށް ވައްޓާލުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
ރައްޔިތުންގެ އާންމު ދިރިއުޅުމަށް ބޭނުންވާ މުހިންމު ތަކެތި އިމްޕޯޓް ކުރުމަށް 2023 ގައި އިތުރަށް ބޭނުންވާ ބޭރު ފައިސާ ހޯދުމަށްޓަކައި ޓީޖީއެސްޓީ ބޮޑު ކުރުމަކީ މިވަގުތަށް އަޅަންޖެހޭ މުހިންމު ފިޔަވަޅެއް. ސްރީލަންކާގެ ހާތަލަށް ރާއްޖެ ވައްޓާލަން ބޭނުންވާ ސިޔާސީ ފަރާތްތަކާއި ބައެއް ބަހުޖަނުން ދެކޮޅަށް.
– މެމްބަރު ޝަރީފް ވިދާޅުވިއެވެ.
މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ނިންމާފައިވަނީ، ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށްއޮތްތަނުގައި ދިމާވާ ދަތިތައް ބޮޑުވާނެކަމަށް މާލީ އިދާރާތަކުން ހާމަކުރުމާއި ގުޅިގެންނެވެ. އެހެންކަމުން ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ޖީއެސްޓީ އަދި ޓީޖީއެސްޓީ ރޭޓް ހުރީ ދުނިޔޭގެ ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކާ އަޅާބަލާއިރު ދަށްކޮށްކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމާއި ދަޢުލަތުގެ ޚަރަދުކުޑަކުރުމުގެ ގޮތުން ސަބްސިޑީ ރިފޯމު ކުރުމާށާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް އިތުރަށް ހަރަދަނާކޮށް ސަރުކާރުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ސަރުކާރުން މިހާރު ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މަޝްރޫއުތަކުގެ އިތުރަށް އެހެން އެއްވެސް މަޝްރޫއުއެއް ކުރިއަށް ނުގެންދިޔުމަށާއި ހިންގުމުގެ ޚަރަދުތައްވެސް ކުޑަކުރުމަށް ވަނީ ނިންމާފައެވެ.
ރާއްޖެއިން ޖީއެސްޓީއަށް ގެންނަން ހުށަހެޅި ބަދަލުތަކަށް މަރުހަބާ ކިޔައި އިޤްތިޞާދީ އިސްލާހުތައް ތަންފީޒުކުރުމަށް ސަރުކާރަށް އެއްބާރުލުން ދޭނެކަމަށް ވޯލްޑް ބޭންކުންވެސް ވަނީ ބުނެފައެވެ. ރާއްޖޭގައި މުދަލާއި ޚިދުމަތުން ޓެކްސް ނަގަން ފަށާފައިވަނީ 2008 ވަނަ އަހަރުން ފެށިއެވެ.
ކޮމެންޓު ފޮނުވާ