ޖެނުއަރީ 1ގެ ކުރިން ހޯދި ޚިދުމަތަކަސް އޭގެފަހުން އިންވޮއިސް ހަދައިފިނަމަ ޖީއެސްޓީ ބޮޑުވާނެ

ޖެނުއަރީ 1ގެ ކުރިން ހޯދި ޚިދުމަތަކަސް އޭގެފަހުން އިންވޮއިސް ހަދައިފިނަމަ ޖީއެސްޓީ ބޮޑުވާނެ

ޖެނުއަރީ 1ގެ ކުރިން ހޯދި ޚިދުމަތަކަސް އޭގެފަހުން އިންވޮއިސް ހަދައިފިނަމަ ޖީއެސްޓީ ބޮޑުވާނެކަމަށް މީރާއިން ބުނެފިއެވެ.

ނިމިދިޔަ ޑިސެމްބަރު މަހުގައި ދިރާގުން ހޯދި ޚިދުމަތުގެ ބިލެއް ޖެނުއަރީ މަހު ހަދައި ފޮނުވިއިރު، ޖީއެސްޓީ %8 ހިމަނާފައި ވުމުން މީހަކު ސޯޝަލްމީޑިއާގައި ސުވާލުކޮށްފައިވެއެވެ. އެސުވާލުގެ ޖަވާބު ސާފުކުރުމަށް މީހަކު މީރާއަށް ސުވާލު އަމާޒުކުރުމުން މީރާއިން ވަނީ ޖަވާބު ދީފައެވެ.

މީރާއިން ބުނީ ޢާންމުގޮތެއްގައި ސަޕްލައިކުރާ ވަގުތުކަމަށް ބަލާނީ އެސަޕްލައިއަކަށް ޓެކްސް އިންވޮއިސް އުފުލާ ތާރީޚް ނުވަތަ އެ ސަޕްލައިއަށް ފައިސާ ދައްކަންޖެހޭ ތާރީޚުކަމަށެވެ. މިސާލަކަށް، 1 ޖެނުއަރީ 2023ގައި ޖީއެސްޓީގެ ރޭޓަށް ގެނައި ބަދަލަށްފަހު އިންވޮއިސްއެއް ހަދައިފިނަމަ، ސަޕްލައިގެ ވަގުތު ޖީއެސްޓީގެ އާ ރޭޓަށް ބަދަލުވާނެކަމަށެވެ.

މިއަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ރާއްޖޭގެ ޢާންމު ޓެކްސް ވަނީ ބޮޑުވެފައެވެ.

މުދަލާއި ޚިދުމަތުގެ އަގުންނަގާ ޓެކްސް، ޖީއެސްޓީޢާއި، ޓޫރިޒަމް ދާއިރާގެ ޓެކްސް، ޓީޖީއެސްޓީ ވަނީ ޖެނުއަރީ 1އިން ފެށިގެން ބޮޑުކޮށްފައެވެ. ޖީ.އެސް.ޓީ %12 އިން %16 އަށް، އަދި ޖީ.އެސް.ޓީ %6 އިން %8އަށް ވަނީ ބޮޑުކޮށްފައެވެ. ޓެކްސް ބޮޑުކުރުމަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ހުށައެޅި އިޞްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވީ މިދިޔަ މަހުއެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުމަކީވެސް ދައުލަތުގެ ޚަރަދުގެ ސިޔާސަތުތަކާއި ދުނިއޭގެ އިގްތިޞާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އެޅުމެވެ. އެ ފިޔަވަޅުތައް ނާލައިފިނަމަ އާމްދަނީން ރިކަރެންޓް ޚަރަދުތައް ހަމަނުޖެއްސޭނެކަމަށް ލަފާކުރެވޭކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *