ތާރީޚީގޮތުން ޗާގޮސްއަކީ ރާއްޖޭގެ ބައެއްކަމަށް ދައުވާ ކޮށްފައި ވަނީ ދީން ދޫކުރައްވާ އިންޑިއާގެ ގޯވާއަށް ހިޖުރަ ކުރެއްވި 9 ވަނަ ހަސަން ރަސްގެފާނު އެކަނިކަމަށް ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވެއްޖެއެވެ.
ޗާގޮސް މައްސަލާގައި ސަރުކާރުގެ ވަޒީރުން ފެންވަރުގައި އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައި ނުވާތީ ގިނަބަޔަކު ޝަކުވާ ކުރަމުން ދަނިކޮށް، ރޭ ފޮރިން މިނިސްޓަރ ޝާހިދާއި ބަންޑާރަނައިބު އިބުރާހިމް ރިއްފަތު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ 9 ވަނަ ހަސަން ރަސްގެފާނު އިސްލާމް ދީން ދޫކުރައްވާ އިންޑިއާގެ ގޯވާއަށް ގޮސް އެތަނުގައި ހުންނަވައިގެން ކުރެއްވި މަސައްކަތްތަކަކީ ރާއްޖެ ކުރިސްޓިއަން ދީނަށް އަބުރާލެއްވުމަށް ކުރެއްވި މަސައްކަތްތަކެއް ކަމުގައެވެ.
އެގޮތުން 9 ވަނަ ހަސަން ރަސްގެފާނު އިންޑިއާގެ ގޯވާގައި ހުންނަވައިގެން ލިޔުއްވި ލިޔުއްވުންތަކަކީ އަދި ކުރެއްވި މަސައްކަތްޕުޅު ތަކަކީވެސް ދިވެހި ރާއްޖޭގެ ރަސްކަލެއްގެ މަގާމުގައި ހުންނަވައިގެން ކުރެއްވި ކަންކަމެއް ނޫން ކަމުގައިވެސް ޝާހިދު ވިދާޅުވިއެވެ.
އެއީ ޕޯޗުގީޒުންގެ އަތްދަށަށް މިދިވެހިރާއްޖެ ގެންދެވުމަށް ކުރެއްވި އަޅުވެތިކަމުގެ މަސައްކަތްތަކެއް. އެއީ ދިވެހިރާއްޖޭގައި އޮތް މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި ނޫރު ކަނޑުވާލުމަށް ކުރައްވަމުން ގެންދެވި މަސައްކަތްޕުޅުތަކެއް. އެގިވަޑައިގަންނަވާނެ އެ މަސައްކަތްޕުޅުތަކާއި ގުޅިގެން އެންމެ ފަހުން ޕޯޗުގިޒުންގެ އަޅުވެތިކަމުގެ ދަށަށް އަޅުގަޑުމެންގެ މި ލޮބުވެތި ވަޠަން ވެއްޓި، އިސްލާމީ ނޫރު މި ލޮބުވެތި ވަޠަނުން ދާދި ކުޑަ ހުޅުކޮޅަކަށް ވަންދެން ނިވެމުން ދިޔަ.
އިންޑިއާގެ ގޯވާގައި ހުންނަވައިގެން 9 ވަނަ ހަސަން ރަސްގެފާނު ކުރެއްވި މަސައްކަތްތަކާ ގުޅޭގޮތުން ޝާހިދު ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ، ޗާގޮސްއަކީ ރާއްޖޭގެ ބައެއްކަމަށް ވާހަކަ ދައްކަވާ ބޭފުޅުން އެވާހަކަ މިއަދު ދައްވަކަނީ، އިސްވެ ދެންނެވުނު 9ވަނަ ހަސަަން ރަސްގެފާނު ގޯވާގައި ހުންނަވައިގެން، ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ބާރުގެ ދަށުގައި ރާއްޖެ ބާއްވާ، އެކަން ޕޯޒުގީޒުންނަށް ދެއްކެވުމަށް ލިޔުއްވާފައި ލިޔުއްވުމެއްގެ ވާހަކައަށް ރިއާޔަތްކޮށް ކަމަށެވެ.
އެ ލިޔުއްވުމުގެ މައްޗަށް އަޅުގަޑުމެންގެ ތެރެއިން ބައެއް ބޭފުޅުން ވިދާޅުވަމުން މިގެންދަވަނީ ހަސަން 9 މިހެން ވިދާޅުވެފަ އޮތީމަ މިދެންނެވި ޗާގޮސްއަކީ ދިވެހިރާއްޖޭގެ ބައެކޭ. އެއީ އެއްވެސް ކަހަލަ އަސާސެއްގެ މައްޗަށް ދެކެވެމުންދާ ވާހަކައެއް ނޫންކަން އަޅުގަޑުމެންނަށް ސާބިތުވެގެން ދަނީ، ރާއްޖޭގެ އޭގެ ފަހުގެ އެއްވެސް ރަސްކަލެއްގެ އެއްވެސް ލިޔުއްވުމެއްގައި ޗާގޮސްގެ މައްޗަށް ދިވެހި ދައުލަތުގެ ބާރު، ސިޔާދަތު ހިގާކަމަށް ކަޑައަޅުއްވާ ވިދާޅުވެފައެއް ނެތް.
9 ވަނަ ހަސަން ރަސްގެފާނު ލިޔުއްވާފައިވަ ލިޔުއްވުމަކަށް ރިއާޔަތްކޮށް، ޗާގޮސްއަކީ ރާއްޖޭގެ ބައެއްކަމަށް މިހާރު ބުންމުންދާ ބައެއް ފަރާތްތަކުގެ ވާހައަކީ ސައްޙަ ވާހަކަތަކެއް ނޫންކަމަށް ވިދާޅުވަމުން ޝާހިދު ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު އިތުތަށް ވިދާޅުވީ، ހަމަ އެއާއެކު ދިވެހިރާއްޖޭގައި ލިޔެވިފައިވާ ގާނޫނު އަސާސީއެއް އެންމެ ފުރަތަމަ އެކަށައެޅިގެން ދިޔައީ 1932 ވަނަ އަހަރުކަމަށާއި، އެ ގާނޫނު އަސާސީގައިވެސް ރާއްޖޭގެ ސިޔާދަތު ހިމެނޭ ސަރަހައްދު، ނުވަތަ އިމުގެ ވާހަކަ ވަކިގޮތަކަށް ފާހަގަ ކޮށްފައި ނެތްކަމުގައެވެ.
އެހެންނަމަވެސް 1951 ވަނަ އަހަރާއި 1953 ވަނަ އަހަރާއި އަދި 1954 ވަނަ އަހަރު ވުޖޫދަށް އައި ގާނޫނު އަސާސީތަކުގައި ސިޔާދަތު ހިމެނޭ ސަހަރައްދުގެ ވާހަކަ ގެނެވިފައިވަނީ ދިވެހިރާއްޖޭގެ ސަރަހައްދުތަކުގައި މި ގާނޫނު އަސާސީތަކުގައި ބާރު ހިގާނެކަމަށް އެއިބާރާތުން އެކަނި ކަމުގައެވެ. ޝާހިދު ވިދާޅުވީ މިއިން އެއްވެސް ގާނޫނު އަސާސީއެއްގައި ރާއްޖޭގެ ސަރަހައްދަކީ ކޮބައި ބުނެވިފައެއް ނެތްކަމުގައެވެ.
ޝާހިދު ވިދާޅުވީ ރާއްޖޭގެ ސިޔާދަތު ހިގާ ސަރަހައްދަކީ ކޮބައިކަން ސާފުކޮށް މާނަ ކޮށްފައިވަނީ 1964 ވަނަ އަހަރު އެކުލަވާލި ގާނޫނުއަސާސީގައި ކަމުގައެވެ. ޝާހިދު ވިދާޅުވީ އެ ގާނޫނު އަސާސީގައި ކަނޑައަޅާ ބަޔާން ކޮށްފައިވާ އިމުގެ ތެރޭގައި ރާއްޖޭގެ ރަށްތަކާއި ކަނޑުތަކާއި އަދި ވައިގެ ސަރަހައްދު ހިމެނޭކަމަށް ބަޔާން ކޮށްފައިވާކަމުގައެވެ. އަދި 1968 ވަނަ އަހަރު ވުޖޫދަށް އައި ގާނޫނު އަސާސީ ގައިވެސް ރާއްޖޭގެ ސިޔާދަތު ހިމެނޭ ސަރަހައްދު މާނަކޮށްފައި ވަނީ، މާނަކޮށްފައިވަނީ ހަމަ 1964 ގެ ގާނޫނު އަސާސީގައި އޮތް އިބާރާތުން އެ ސަރަހަދު ކަމުގައެވެ.
އިތުރަށް ޝާހިދު ވިދާޅުވީ 1968 ގެ ގާނޫނު އަސާސިއަށް 1970 ވަނަ އަހަރާއި 72 ވަނަ އަހަރު އިސްލާހު ގެނެވިފައިވާ ކަމުގައެވެ. މިއިސްލާހުގައި ކަނޑައަޅާފައިވާ އިމުގެ ތެރޭގައިވެސް، އަދި އޭގެ ކުރީގެ ގާނޫނު އަސާސީތަކުގައި ކަޑައަޅާފައިވާ އިންތަކުގެ ތެރޭގައިވެސް ރައްޖޭގެ ދެކުނުން އޮތް ޗާގޮސް އާކިޕެލާގޯ ހިމެނިފައި ނުވާކަމުގައެވެ.
ޝާހިދު ވިދާޅުވީ 1968 ވަނަ އަހަރުގެ ގާނޫނު އަސާސީއަށް 1975 ވަނަ އަހަރުވެސް އިސްލާހު ގެނެވުނުކަމުގައެވެ. އެ އިސްލާހުގައި ދިވެހިރާއްޖޭގެ ސިޔާސީ ސަރަހައްދު ނުވަތަ ޕޮލިޓިކަލް ޓެރިޓަރީ ކަޑައަޅާފައިވާކަމުގައެވެ. އެއީ 12 ނޯޓިކަލް މޭލުގެ ސަރަހައްދެއްކަމަށާއި، މި ސަރަހައްދު ފެށެނީ ކޮންމެ އަތޮޅެއްގެ ފަރުގެ އެންމެ ބޭރުން ފެށިގެން ކަމަށާއި މި ސަރަހައްދުގެ ތެރޭގައި ރާއްޖޭގެ ރަށްތަކާއި ފަރުތަކާއި ކަނޑުތަކާއި، އަދި ވައިގެ ސަރަހައްދު ހިމެނޭކަމަށް ބަޔާން ކޮށްފައިވާކަމަށް ވިދާޅުވަމުން ޝާހިދު ވިދާޅުވީ 1997 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނު އަސާސީގައިވެސް ރާއްޖޭގެ ސަރަހައްދަކީ ކޮބައިކަން ބަޔާން ކޮށްފައިވާ ކަމަށާއި، މިގާނޫނު އަސީގެ ބަހުސްގައިވެސް، ތަސްދީގުކޮށް އަމަލް ކުރާން ފެށިއިރުވެސް، އެއްވެސް އިރެއްގައި ޗާގޮސްގެ މައްޗަށް ރައްޖޭގެ ބާރު ހިގާނެކަމަށް ވަކާލާތު ކަޑައަޅާފައި ނުވާކަމުގައެވެ.
ޝާހިދު ވިދާޅުވީ ދިވެހި ސަރުކާރުން މިއަދު އަމަލު ކުރަމުން މިގެންދަނީ މިހުރިހާ އަސްލުތަކުގެ މައްޗަށް ބިނާވެފަ އޮތް މިހާރުގެ ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ އުސޫލުތަކުގެ މައްޗަށް ކަމަށާއި، އެއީ އެގާނޫނު އަސާސީއަކަށް ދިވެހި ދައުލަތުންނާއި ދައުލަތުގެ ހުރިހާ މުވައްސަސާއަކުންވެސް އަމަލުކުރުން ލާޒިމް ގާނޫނު އަސާސީއެއް ކަމުގައެވެ.
One Response
ގަމާރާ ޗާޓުވެސް ބަލަންނޭގޭދޯ ގަމާރާ އެތަން ކައިރީ ރާއްޖެއާ ކަލޯމެން ހޯދަންއުޅުންނަމަ ލިބުނީސް 30ވެސްއުޅުނު ކަލޯ ،،2019 މިނިވަންވި ގައުމަކައް ތޖދޫކޮއްލީ