އިޤްތިޞާދީ އަނދަވަޅުން އަރައިގަތުމަށް އޮތް ހުރަހަކީ ނަޝީދު: ޕީޕީއެމް

އިޤްތިޞާދީ އަނދަވަޅުން އަރައިގަތުމަށް އޮތް ހުރަހަކީ ނަޝީދު: ޕީޕީއެމް

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ޗައިނާ އަކީ ރާއްޖެއަށް މީގެ ކުރިންވެސް ލުއިތަށް ދީފައިވާ ގައުމެއް ކަމަށާއި، އެގައުން ރާއްޖޭގެ ލޯނުތައް ފަސްކޮށް ނުދީފިނަމަ ރާއްޖެ އިޤްތިޞާދީ އަދަވަޅަކަށް ވެއްޓޭ ނަމަ އޭގެ އެންމެ ބޮޑު ސަބަބަކީ ރައީސް ނަޝީދުގެ ނުރަނގަޅު ނުފޫޒު ކަމަށް ބުނެ އިދިކޮޅު ޕީޕީއެމުން ފާޑު ކިޔައިފިއެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި މައްސަލާގައި ހައްލު ހޯދުމަށް ޗައިނާ އާއި ވާހަކަދައްކަން އަދުގެ ސަރުކާރުން ފަހަތުފަޔަށް ބުރަވަނީ ރައީސް ޞާލިޙް ގެންގުޅުއްވާ ދެ އަނގައިން ވާހަކަދެއްކުމުގެ ސިޔާސަތުގެ ސަބަބުން ކަމަށެވެ. އެގޮތުން އެއްކޮޅުން، ފޮރިން މިނިސްޓަރު ޝާހިދު ލައްވާ ޗައިނާއަށް ސަނާ ކިޔާއިރު، އަނެއްކޮޅުން ރައީސް ނަޝީދު ލައްވާ ޗައިނާއަށް ބެވުމުގެ ސިޔާސަތު ހުއްޓާލަން ޖެހޭ ކަމަށް ޕީޕީއެމްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ޗައިނާއަކީ ދިވެހި ރައްޔިތުންނަށް މީގެ ކުރިންވެސް، ބަދަލުގައި އަސްކަރީ އަދި އިސްތިޤްލާލަށް ބުރޫ އަރާފާނެފަދަ އެއްވެސް ހުށަހެޅުމަކާނުލާ، ބޮޑެތި އެހީތަކެއް ވެދީފައިވާ ގައުމެއްކަމަށް އިދިކޮޅުން ބުނެއެވެ. އެހެންކަމުން އެގޮތަށް މި ވަގުތުވެސް އަމަލުކުރާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.

މިދަނޑިވަޅުގައި، ކުރިމަތިގައި އޮތް ބޮޑު އިޤްތިޞާދީ އަނދަވަޅާއި އޭގެ ޙައްލާ ދެމެދު ހުރަހެއްވާނަމަ، އެއީ ނަޝީދުގެ ވިހަ ދުލެވެ. ވިޔާނުދާ އަނގައެވެ. ހިމާރުގެ އަޑެވެ. މިލޯނުތައް ފަސްކޮށް، ލުއިގޮތްތަކެއް ހޯދައިގެން، ރައްޔިތުންނަށް މިކާރިސާއިން އަރައިގަންނަން ޖާގަ ލިބުމަކަށް އިތުރު ހުރަހެއް ނެތެވެ.
– ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ބަޔާން

ޕީޕީއެމުން ބުނީ އިއްޔެ އެމްޑީޕީގެ ހަރުގޭގައި ރައީސް ނަޝީދު ދެއްކި ވާހަކަފުޅުގައި، ޗައިނާ ފަދަ ރާއްޖެއާ އެކުވެރި ޤައުމުތަކަށް އަނެއްކާވެސް ތުހުމަތުގެ އިނގިލި ދިއްކުރައްވާ، ސާބިތުނުހިފޭ ވާހަކަތައް ދައްކަވާފައި ވާކަމަށެވެ. އެފަދަ ވާހަކަތައް ނަޝީދު ދައްކަވަނީ 2021 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓާ ގުޅިގެން، ރައްޔިތުންގެ ނުރުހުމާއި ފާޑުކިޔުން އެމްޑީޕީ އަށް އަމާޒުވަމުންދާތީ ކަމުގެ ހަގީގަތް އޮޅުވާލާ، ހިންގަން ވިސްނާފައިވާ ޖަރީމާ ފޮރުވުމުގެ ނިޔަތުގައި ކަމަށް ޕީޕީއެމުން ބުނެއެވެ.

ސަރުކާރުގެ އިސްރާފާއި ނުކުޅެދުންތެރިކަމުގެ ސަބަބުން، ގައުމުގެ އިޤްތިޞާދަށް މިއަދު ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުން ވަމުންދާކަމަށާއި އެކަމުގެ ޒިންމާއިން ރައީސް ޞާލިޙާއި ވެރިކަންކުރާ ޕާޓީ ރެކުމަށްޓަކައި ބޭރުގެ ފަރާތްތަކަށާއި އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށް ދޮގު ވާހަކަ ދެއްކުމަކީ، ކަންކަން ބޮއްސުންލައިގެން ގޮސްފައިވާކަން އެންގިގެންދާ ދަލީލެއް ކަމަށް ޕީޕީއެމުން ބުނެއެވެ.

ޕީ.ޕީ.އެމްގެ ސަރުކާރުގައި، ތަރައްގީގެ ބޮޑެތި މަސައްކަތްތަކެއް ކުރެވުނު އިރު، ނެގި ހުރިހާ ލޯނެއް، އެއްވެސް ދައްޗެއްނެތި ދައްކާ ޚަލާސްކުރާނެ ހަކަތަވެސް ގާއިމުކޮށްފައި ވާނެކަމަށް އެޕާޓިން ބުނެއެވެ.

“ރައީސް ޔާމީން އުފައްދަވާދެއްވި ސޮވަރިން ފަންޑުގައި، ނޮވެމްބަރު 2018 ގައި 900 މިލިއަން އެމެރިކާ ޑޮލަރު ޖަމާކޮށްފައި ހުންނާނެއެވެ. އިތުރަށް ދައުލަތަށް ލިބޭ އެއްވެސް އާމްދަނީއެއްގައި ނުޖެހި، މިއަދު ޗައިނާއަށް ދައްކަންޖެހޭ ހުރިހާ ލޯނެއް ޚަލާސްކުރަން އެ ފަންޑު އެކަނިވެސް ފުދޭނެއެވެ. އަދި، މިއަދު ޕީޕީއެމް ގެ ވެރިކަން އޮތް ނަމަ، އޭގައި އެ ފަންޑުގައި އޭގެ ދެގުނައަށް ފައިސާ ރައްކާކުރެވިފައި ހުންނާނެކަން އަޅުގަނޑުމެން އެއިރު ކޮށްފައިވާ އަންދާޒާތަކުންނާއި އެއިރު ދައުލަތުގެ މާލިއްޔަތު އޮތްގޮތަށް ބަލާފައި ޔަޤީންކުރެވެއެވެ.”
– ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ބަޔާން

ދިވެހި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިދާނެ ކޮންމެ ހިނދެއްގައި، ޕީ.ޕީ.އެމުން ރައްޔިތުންގެ ޙައްޤުގައި އެކި ފަރާތްތަކާ މަޝްވަރާކޮށް، ޤާއިމުވެފައިވާ އިތުބާރުގެ ގުޅުންތަކުގެ ތެރެއިން މައްސަލަތައް ޙައްލުކުރުމުގެ ގާބިލްކަން އެޕާޓީގައި އެބަހުރި ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ. އެގޮތުން، ޗައިނާގެ ލޯނުތަކުގެ ވާހަކަވެސް އެފަރާތުގައި ދަންނަވައިގެން ފަސްކުރަންޖެހޭނަމަ، އެކަން އެ ޕާޓީއަށް ފަސޭހަކަމާއެކު ކުރެވޭނެ ކަމަށް ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.