މިއަހަރުގެ ޖުލައިމަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 2.65 ބިލިއަން ރުފިޔާ ލިބައިފާވަކަން މީރާއިން ހާމަ ކޮށްފިއެވެ.
މީރާއިން ހާމަކޮށްފައިވާ ގޮތުގައި ވޭތުވެދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު މިއަހަރު މިމުއްދަތުގައި ލިބިފައިވާ އާމްދަނީއަށް ވަނީ %311.8 ގެ ކުރިއެރުމެއް ލިބިފައެވެ. މިއީ މިއަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް ކުރިން ލަފާ ކޮށްފައިވާ އާމްދަނީއަށްވުރެ %84.1 ގެ އިތުރު ވުމެކެވެ.
މިއަހަރުގެ ޖޫންމަހާއި އަޅާ ބަލާއިރުވެސް ޖުލައިމަހު ދައުލަތަށް ލިބުނު އާންމްދަނީވަނީ އިތުރު ވެފައެވެ. މިއަހަރުގެ ޖޫންމަހު މީރާއިން ބަލައިގެންގައިވަނީ 2.32 ބިލިއަން ރުފިޔާއެވެ. ޖޫންމަހާއި އަޅާ ބަލާއިރު ޖުލައިމަހު ލިބިފައިވާ އާމްދަނީ އިތުރުވި ސަބަބެއްގެ ގޮތުގައި މީރާއިން ހާމަ ކޮށްފައިވަނީ ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.
މިއަހަރުގެ ޖުލައިމަހު މީރާއިން ބަލައިގެންފައިވާ އާމްދަނީގެ އެންމެ ބޮޑުބައެއް ހިސާ ކުރަނީ އިންކަމް ޓެކްސްއިންނެވެ. އިންކަމް ޓެކްސްގެ ގޮތުގައި މީރާއިން ބަލައިގެންފައިވަނީ 1.29 ބިލިއަން ރުފިޔާއެވެ. މިއީ ޖުލައިމަހު ލިބުނު އާމްދަނީ %49 އެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހިއްސާ ކޮށްފައިވަނީ ޖީއެސްޓީގެ ގޮތުގައި ލިބުނު 577.79 މިލިއަން ރުފިޔާއެވެ.
މިއިތުރުން ޖުލައިމަހު ލިބިފައިވާ އާމްދަނީގެ ތެރޭގައި ހިމެނެނީ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބުނު 537.30 މިލިއަން ރުފިޔާއާއި، ގްރީން ޓެކްސްގެ ގޮތުގައި ލިބުނު 61.51 މިލިއަން ރުފިޔާގެ އިތުރުން، އެއަރޕޯޓު ޑެވެލޮޕްމަންޓް ފީގެ ގޮތުގައި ލިބިފައިވާ 53.92 މިލިއަން ރުފިޔާއާއި އެހެނިހެން ފީތަކާއި ޓެކުހުގެ ގޮތުގައި ލިބިފައިވާ 134.31 މިލިއަން ރުފިޔާއެވެ.
މި އާމްދަނީގެ ތެރޭގައި އެމެރިކާ ޑޮލަރުގެ ގޮތުގައި މީރާއިން ބަލައިގެންފައިވަނީ 79.60 މިލިއަން އެވެ.