މިސަރުކާރުގެ ކެބިނެޓްގެ ވަޒީރުކަން ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރ އައިޝަތު ނަހުލާ އަށް ރައީސް ޞާލިހު ދެއްވާފައިވަނީ އެކަމަނާ ކެމްޕެއިންގައި ކުރެއްވި މަސައްކަތުން، ފެނިވަޑައިގެންނެވި ޤާބިލްކަމުގެ ސަބަބުން ކަމުގައި ނަހުލާގެ ފިރިކަލުން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ފެމިލީ ވައިބާ ގްރޫޕްގެ ނަމުގައި ހިންގަމުންދާ ވައިބާ ގުރޫޕެއްގައި އެޕާޓީގެ މެމްބަރަކު އައިޝާއަށް މިނިސްޓަރުކަން ލިބިވަޑައިގަތީ ޤާސިމްގެ އަނބިކަބަލަކަށް ވުމުންކަމުގައި ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވަމުން ޤާސިމް ވިދާޅުވީ އައިޝާއަކީ ޤާބިލް ހަރުދަނާ ބޭފުޅެއްކަމަށެވެ. ރައީސް ޞާލިހު އައިޝާ މިނިސްޓަރަކަށް އައްޔަން ކުރެއްވީ އެކަމަނާ ކެމްޕެއިން ދުވަސްވަރު ޖަލްސާތަކުގައި ދެއްކެވި ވާހަތަކާއި، ފެނިވެޑައިގެންވި ހަރުދަނާ ސިފަތަކުގެ ސަބަބުންކަމަށް ޤާސިމް ވިދާޅުވިއެވެ.
ޤާސިމްގެ އަނބިމީހާއަށް ވެގެން އެއްވެސް ވަޒީފާއެއް ދެއްވަންޖެހޭ ގޮތަށް އެއްވެސް ޤާނޫނޫނެއް އެއްވެސް ޤަވާއިދެއްވެސް ނެތް ދެއްތޯ؟ ވީމާ ޤާސިމްގެ އަނބިމީހާއަށް ވެގެން ދެއްވަންޖެހޭ ވަޒީފާއެއް ނޯންނާނެ ދެއްތޯ.
– ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ އައިޝާއަކީ ކަންކަން ކުރެވޭ ޤާބިލްކަން ހުރި ހަރުދަނާ، ތައުލީމީ ބޭކަނބަލެއްކަމަށެވެ. އައިޝާގެ ނަންފުޅު ޖޭޕީގެ ފަރާތުން ރައީސަށް ފޮނުވީމާ އެމަނާއަށް ވަޒީރުކަން ހަމަޖެއްސެވީ އެކަމަނާގެ ޤާބިލްކަމާއި ކުޅަދާނަކަން ޚުދު ރައީސުލްޖުމްހޫރިއްޔާ އަށް އެގިވަޑައިގަންނަވާތީކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި ރައީސް އެކަމަނާއަށް މިނިސްޓަރުކަން ދެއްވީ އެހުރިހާ ސަބަބުތަކަށް ބެލުމަށްފަހުގައިކަމަށް ޤާސިމް ވިދާޅުވިއެވެ.
މިނިސްޓަރ އައިޝާ ވަޒީރުކަން ލިބިވަޑައިގެންނެވި ގޮތާއިމެދި ބައެއް މީހުން ކޮޅުކޮޅަށް ދަމައި ވަހަކަ ދައްކަވަނީ އެއްވެސް ހަގީގަތެއް ނުބަލައި ކަމަށާއި އެކަމަނާ ވަޒީރުކަމަށް އައީ ޤާބިލްކަމުންކަމަށް ވިދާޅުވެ ޤާސިންވަނީ ކޮސް ވާހަކަ ނުދެެއްކެވުމަށް އިލްތިމާކުރައްވާފައެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި އެހުންތެރިއަކު ވަނީ ޓްރާންސްޕޯޓް މިނިސްޓަރުކަން ލިބިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އަނބިކަނބަލުންނަށް ވުމުންތޯ ސުވާލު ދަންނަވާފައެވެ. އެސުވާލަށް ޖަވާބުދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާވަނީ ބޭނުންފުޅުވަނީ ވަރަށްކުރު ޖަވާބެއް ދެއްވުމަށްކަމަށް ވިދާޅުވެ ވަކި މީހެއްގެ އަންބަކަށް ވީތީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކެބިނެޓަށް އައްޔަންކުރައްވާނެކަމަށް ޤަބޫލުފުޅު ނުކުރެވޭކަމަށް ވިދާޅުވިއެވެ.